ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަމުން އައި ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) އިން ފުރަތަމަ ޑިވިޝަން އިން ވަކިވެއްޖެ އެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މީޑިއާ ތަކަށް ފޮނުވާފައިވާ މެސެޖުގައި ބުނެފައި ވަނީ، 2025/2026 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަންގައި ވާދަ ކުރެވެން ނެތް ކަމަށް ސަސް އިން އެ އިދާރާ އަށް އަންގާފައިވާ ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ސަސް އިން އެފްއޭއެމް އަށް އެހެން އަންގާފައި ވަނީ، އެ ކުލަބުގެ މާލީ ޙާލަތު ހުރި ގޮތުން ފުރަތަމަ ޑިވިޝަންގައި ވާދަ ކުރެވެން ނެތިގެންނެވެ. އެ ނިންމުން ނިންމާފައި ވަނީ ސަސްގެ ބޯޑުންނެވެ.
ފުރަތަމަ ޑިވިޝަން އިން ވަކިވާން ސަސް އިން ނިންމާފައިވާއިރު، އެފްއޭއެމް އިން ބުނެފައި ވަނީ އެފްއޭއެމްގެ މުބާރާތުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން އެ ކުލަބާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ފުރަތަމަ ޑިވިޝަން އިން ސަސް ވަކިވެފައިވާއިރު، ސަސްގެ ޖާގަ އަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފުރަތަމަ ޑިވިޝަން އަށް އަންނަން އުޅޭ ވާހަކަތައް މީގެ ކުރިން ވެސް އޮތީ ފެތުރިފަ އެވެ. މީގެ ދުވަސް ކޮޅެއް ކުރިން ނިއު ރޭޑިއަންޓްގެ ޗެއާމަން އަޙުމަދު މުބީން ވަނީ، ނިއު އިން ވަރަށް އަވަހަށް އުފާވެރި ޚަބަރެއް އިއުލާން ކުރާނެ ކަމަށެވެ.
އެކި އެކި މަސްދަރު ތަކުން ލިބިފައިވާ މައުލޫމާތައް ބަލާއިރު، މުބީން ފާހަގަ ކޮށްފައިވާ އުފާވެރި ޚަބަރަކީ ނިއު އަލުން ފުރަތަމަ ޑިވިޝަން އަށް އަންނަ ވާހަކަ އެވެ. އަދި އެއީ ސަސް އިން ވަކިވި ޖާގަ އަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
ނިއު އިން ވަނީ މީގެ ކުރިން ވެސް ފުރަތަމަ ޑިވިޝަން އަށް އައުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް ދެ ވަނަ ޑިވިޝަންގައި ވާދަކޮށް ދެ ފަހަރު ވެސް ނިއު އަށް އެކަން ކުރެވޭ ގޮތް އޮތީ ނުވެފަ އެވެ. އެންމެ ފަހުން އޮތް ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށް ފުރަތަމަ ޑިވިޝަން އަށް ޖާގަ ހޯދީ އޮޑި ސްޕޯޓްސް ކުލަބެވެ. އެ ފަހަރު ފައިނަލްގައި ކުޅުނު ވިކްޓްރީ ސްޕޯޓްސް ކުލަބުން ވެސް ވަނީ ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދައިފަ އެވެ.
ނިއު ރޭޑިއަންޓާ ފަހުން ހަވާލުވި މެނޭޖުމަންޓުގައި ސަރުކާރުގެ އިސްވެރިންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނެ އެވެ. އެގޮތުން ސަރުކާރުގެ ނުފޫޒު ގަދަ ސިޔާސީ ބޭފުޅުންނާއި، މެމްބަރުން ނިއުއާ އެކު މަސައްކަތް ކުރެ އެވެ.