މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހުޅުމާލެ އަދި ތިލަފުށީން ބިންތަކެއް ދޫކުރި މައްސަލައަކާއި ގުޅިގެން އެޗްޑީސީގެ މުވައްޒަފަކު ސަސްޕެންޑުކޮށްފި އެވެ.
ސަސްޕެންޑް ކޮށްފައި ވަނީ އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސޭލްސް ފާޠިމަތު ގުރައިޝާ މުޙައްމަދު އެވެ. އެނގިފައިވާ ގޮތުގައި އޭނާގެ މައްޗަށް އޭސީސީ އިން ވެސް މައްސަލަތަކެއް ތަޙުޤީޤު ކުރަމުން އެބަގެންދެ އެވެ.
މި މައްސަލަ އެޗްޑީސީން މިހާރު އަންނަނީ ބަލަމުންނެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ސަރުކާރަށް ނިސްބަތްވާ ބައެއް މީހުންނަށް ބިންތަކެއް ވިއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ވެސް މީގެކުރިން ފެންމަތިވި އެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ތަހުގީގެއް ނުކުރެ އެވެ.
ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދަށް ވެސް ނުހައްގުން ގޯތި ދިން މައްސަލައެއް ފަޅާއެރުމުން އެ މައްސަލަ ތަހުގީގު ކުރަން ފެށިކަން ފުލުހުން ހާމަކުރި އެވެ. ނަމަވެސް އެ ތަހުގީގަށް ވީގޮތެއް އަދިވެސް ނޭނގެ އެވެ.
ފަޒުލް މިހާރު ވެސް ހުރި ޕީއެންސީގެ އިސް މަގާމެއްގަ އެވެ. ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ޕީއެންސީން ވ. އަތޮޅަށް ކަނޑައަޅާފައިވާ ކެމްޕޭން މެނޭޖަރަކީ ވެސް ފަޒުލް އެވެ.
ރައީސް މުއިއްޒުގެ މި ސަރުކާރަށް މިފަދަ ބޮޑެތި ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް ކުރެވެމުން އަންނައިރު، ގިނަ ބައެއްގެ ފާޑުކިޔުންވެސް މި ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ.