ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ހދ. ހިރިމަރަދޫގައި ދެއްކެވި ވާހަކަފުޅެއްގައި "ވައްކަމެއް" ކުރަންވާނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް' ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެފަދައިން ވިދާޅުވެފައި ވަނީ ކުދި ރަށްރަށުގެ އާބާދީ އެހެން ރަށަކަށް ބަދަލު ކުރުމުގެ މައުލޫގައި ހދ. ހިރިމަރަދޫގައި އެ ރަށުގެ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ހިރިމަރަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ "ރައްޔިތުންނަށްޓަކައިކަން މިކަހަލަ ވައްކަމެއް ކުރިއަށް ގެންދަންވާނީ" މިހެންނެވެ.
ކުދިރަށްރަށޫގެ އާބާދީތައް ބޮޑެތި ބިން އޮންނަ ރަށްރަށަށް ބަދަލުކުރުމުގެ މަޝްރޫއާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެއްފަސްކުރުމުކުގެ މަޝްރޫއު ކުރިޔަށް ގެންދިއުމުގައި މި ސަރުކާރުގެ ވިސްނުމަކީ އެ ރަށެއްގެ ރައްޔިތުން ބޭނުންވެއްޖެ ނަމަ އެގޮތަށް މަޝްރޫއުތައް ކުރިޔަށް ގެންދިއުން ކަމަށެވެ.
އަދި އެ ފަދަ މަޝްރޫއެއް ކުރިޔަށް ގެންދާއިރުގައި ވެސް އެ ދޫކޮށްލާ އަމިއްލަ ރަށުން، އެ ރަށުގެ ރައްޔިތުންނަށް، އެމީހުންގެ އުފަން ރަށް އެއްކޮށް ގެއްލިގެން ދާ ގޮތް ނުހަދާ، ސަރުކާރުން ކޮންމެ ކަހަލަ މަޝްރޫއެއް އެ ރަށުގައި ހިންގިޔަސް، ބޭނުންވަނީ އިގްތިޞާދީ ނުވަތަ މާލީ ފައިދާވާ ގޮތަށް ކުރިޔަށް ގެންދިއުން ކަމަށެވެ.
އަޅުގަނޑުމެން ކުރިޔަށް ދާނީ ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުންނަށް އެންމެ ފުރިހަމަ ސޮލިއުޝަން ގެނެސްދެވޭ ގޮތަށް. އަޅުގަނޑު އެކި ހައިސިއްޔަތުން މި މަޝްރޫއުތަކުގެ ތެރޭގައި ނުވަތަ، މި ޕްރޮގްރާމުގެ ތެރޭގައި އުޅޭތާ އެތަކެއް ދުވަހެއް ވެއްޖެ. އެހެންވީމާ އަޅުގަނޑަށް އެނގޭ މީ ކިހާވަރެއްގެ ކަމެއްކަން. ޒިންމާދާރުކޮށް ކުރަން ޖެހޭނޭ ކަމެއްކަން. ވަރަށް ދެކޮޅުޖެހޭ ގޮތަކަށް ގެންދަން ވާނޭ މަޝްރޫއެއްކަން. ވަރަށް އިޚިލާސްތެރިކަމާއި އެކު، ތެދުވެރިކަމާއި އެކު، ރައްޔިތުންނަށްޓަކައިކަން މިކަހަލަ "ވައްކަމެއް" ކުރިޔަސް ގެންދަވަން ވާނީ.
ރައީސް ޑރ، މުހައްމަދު މުއިއްޒު![]()
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވާ އިރު، މުއިއްޒުގެ ތަގުރީރުގެ އެބައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ޔޫޓިއުބް ޗެނަލުން ވަނީ އުނިކޮށްފަ އެވެ.
މީގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާގެ މަންސަތަކުން ވެސް އެ އެމަނިކުފާނުގެ ތަގުރީރުގެ އެބައި ވަނީ ނަގައިފަ އެވެ. އަދި ހޯމަ ދުވަހު ހެނދުނު، ރައީސް އޮފީހުގެ ވެބްސައިޓަށް އަޕްލޯޑު ކުރި ތަގުރީރުގެ ޓްރާންސްކްރިޕްޓުން ވެސް އެބައި ވަނީ އުނިކޮށްފަ އެވެ.
މިފަދައިން ރައީސް މުއިއްޒަށް ވިދާޅުވެވުނުއިރު، ރައީސް މުއިއްޒު ހިމެނޭހެން ދައުލަތުގެ އެކި ފަންތީގެ ވެރިން ދައުލަތުގެ މުދަލުން ވައްކަން ކުރަމުން ގެންދާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުން ގެންދެ އެވެ.