Advertisement
ކ. މާލެ
|
25 އޯގަސްޓް 2025 | ހޯމަ 18:40
 ފަހި ޔޫނިއަން އަދި އުތުރު ތިލަފަޅު ޔޫނިއަންގެ ފަރާތުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ފަހި ޔޫނިއަން އަދި އުތުރު ތިލަފަޅު ޔޫނިއަންގެ ފަރާތުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ރައީސް މުއިއްޒު
އަލީ ހުސެއިން ރައީސް މުއިއްޒު އަށް: ވައުދު ނުފުއްދާނަމަ ރައްޔިތުން ބަލަން ނުތިބޭނެ، ހައްގު ހޯދަން މަގުމައްޗަށް ނުކުންނާނެ!
ބޯހިޔާވަހިކަމުގެ މައްސަލައަކީ މިއަދު ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ
ރައީސް މުއިއްޒު ވެރިކަމަށް އައިތާ އަހަރަކާއި ނުވަ މަސް ވެގެން ދިޔައިރުވެސް ބޯހިޔާވަހިކަމުގެ ވައުދުތައް ފުއްދާފައެއް ނުވޭ
ބޯހިޔާވަހިކަމުގެ ވައުދުތައް ނުފުއްދައިފިނަމަ ރައްޔިތުން މަގުމައްޗަށް ނުކުންނާނެ

މިއަދު ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ ބޯހިޔާކަމުގެ މައްސަލަ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބޯހިޔާވަހިކަމަށް ވެފައިވާ ވައުދު ނުފުއްދާ ނަމަ، ރައްޔިތުން ބަލަން ނުތިބެ، އެ ރައްޔިތުންގެ ހައްގު ހޯދުމަށް މަގުމައްޗަށް ނުކުންނާނޭ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސެއިން މިފަދައިން ވިދާޅުވީ ފަހި ޔޫނިއަން އަދި އުތުރު ތިލަފަޅު ޔޫނިއަންގެ ފަރާތުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ސިޔާސީ ބޭފުޅުންނާއި މާލޭ ސަރަހައްދުގެ އެންމެހާ ރައްޔިތުން ވެސް ހިމެނޭހެން އެންމެން ގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ މައްސަލަ އެވެ. އެކަށީގެންވާ ހެޔޮ އަގެއްގައި ބޯހިޔާވަހިކަމެއް ނުލިބުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިކަން މިއަދު އެންމެހާ ރައްޔިތުން ވެސް ގެންދަނީ ތަހައްމަލު ކުރަމުންނެވެ.

މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުން ބޯހިޔާވަހިކަމުގެ ދަތިކަން ތަހައްމަލުކުރަމުން ގެންދާ މި ދަނޑިވަޅުގައި އިޖުތިމާއީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް ވަރަށް ގިނަ އުނދަގޫތަކެއް މިއަދު ގެންދަނީ ތަހައްމަލު ކުރަމުންނެވެ.

އަދި މިގޮތަށް އާންމު ރައްޔިތުން މި ދަތިކަން ތަހައްމަލު ކުރަމުން ދަނިކޮށް މިކަމަށް ހައްލެއް ހޯދައި ދިނުމަށް ރައީސް ޞާލިހުގެ ސަރުކާރުން، ވަނީ ރައްޔިތުންނަށް ގެދޮރުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް މަޝްރޫއުތަކެއް ފަށާފަ އެވެ.

ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުން ބޯހިޔާވަހިކަމަށް ފެށި އެ މަޝްރޫއު ތައް ކުރިއަށް ގެންދިއުމަށާއި ރައީސް ޞާލިހުގެ ސަރުކާރުން ދީފައި ހުރި ފްލެޓާއި ގޯތިތައް އޭގެ ހައްގުވެރިންނަށް އެއްވެސް ބަދަލެއް ގެނައުމަކާއި ނުލައި ދޭނެކަމުގެ ވައުދާއި އެކުގަ އެވެ.

ކުރީ ސަރުކާރުން ރައްޔިތަކަށް ދޭން ކަނޑައަޅާފައިވާ ފްލެޓެއް އަދި ގޯއްޗެއް އަތުނުލާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފަ އެވެ. އެހެން ނަމަވެސް ވެރިކަމަށް ވަޑައިގެން މިއަދާއި ހަމައަށް އަހަރަކާއި ނުވަ މަސް ވެގެން ދިޔައިރު، ވެސް ވައުދުވެވަޑައިގަތް ގޮތަށް ފްލެޓާއި ގޯތި އޭގެ ހައްގުވެރިންނަށް ދީފައި ނުވެ އެވެ.

މިކަމާއި ގުޅުވައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް އައިސް ނިމިދިއަ ސަރުކާރުން ފަށާފައިވާ ބޯހިޔާވެހިކަމުގެ މަޝްރޫއު ތައް ނުހުއްޓާ ކުރިޔަށް ގެންދާނޭ ކަމަށާއި ބޯހިޔާވަހިކަމަށް ވެ ވަޑައިގަތް ވައުދުތައް ފުއްދަވާނޭ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ކަމަށެވެ. އެހެން ނަމަވެސް މިއަދު އެ ވައުދުތައް މަތިން ކުޑަކޮށް ވެސް ހަނދާން ނެތް ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވީ ކޮންމެ ސަރުކާރެއްގެ ވެސް ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ފެނާއި ނަރުދަމާ، ކަރަންޓު ފަދަ ޚިދުމަތްތަކަކީ ގާނޫނު އަސާސީން ވެސް ލިބިދީފައިވާ ހައްގެއް ކަމަށެވެ.

އެހެންކަމުން ބޯހިޔާވަހި ކަމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އެ ފަރާތަކުން ދިރުއުޅެއް ޚިޔާރުކުރާ ތަނަކުން ފޯރުކޮށް ދޭން ޖެހޭ އެއްޗެއް ކަމަށާއި އެ މިނިވަންކަން ރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް މިއަދާއި ހަމައަށް ވެސް ރައީސް މުއިއްޒު ވައުދުވެވަޑައިގެން ގޮތަށް އަމަލުކުރަމުން ނުދާކަން ފާހަގަކުރައްވާ އަލީ ހުސއިން ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންނަށް ވެ ވަޑައިގަތް ވައުދުތައް ނުފުއްދާ ކަމަށް ވާނަމަ ރައްޔިތުން ބަލަން ނުތިބޭނޭ ކަމަށެވެ.

އުތުރު ތިލަފަޅާ، ގިރާވަރު ފަޅާ، ގުޅީ ފަޅާ އަދި ދެން ހުޅުމާލޭ ފޭސް 3 ވެސް، ހިއްކަ ޖެހޭ ހުރިހާތަނެއް ހިއްކާ ނިންމާފަ ވިޔަސް ގޯތި ދޭން ޖެހޭ މީހުންނަށް ގޯތި ދީ އަވަހަށް ނިންމާލާށޭ. އެއީ އަޅުގަނޑުމެން ދަންނަވަން ޖެހޭ ވާހަ އަކީ. އެއީ އޭ ރައީސް މުއިއްޒު ވެވަޑައިގެންފައި އޮތް ވައުދަކީ. އެހެން ނަމަވެސް އެ ވައުދާއި އެއްގޮތަށް އަމަލުނުކުރާ ކަމަށް ވަންޏާ، ރައީސް މުއިއްޒު ހަނދުމަފުޅުކުރައްވަން އެބަޖެހޭ މިއީ ދިވެހިންކަން.

ގާނޫނީ ވަކީލް އަލީ ހުސެއިން

އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ބޯހިޔާވަހިކަން ފޯރުކޮށް ނުދީ ދިގުލައިގެން ގޮސް ރައްޔިތުންގެ ކެތްތެރިކަން ކޮޅުން ލީމާ، ދެން ރައްޔިތުން އެމީހުންގެ ހައްގުތައް ހޯދަން މަގުމައްޗަށް ނުކުންނާނޭ ކަމަށެވެ. އަދި އެއީ ރައީސް މުއިއްޒު ވަރަށް ރަނގަޅަށް ދަންނަން ޖެހޭ ކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.

- ކޮމެންޓް