ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް މ. ދިއްގަރު ފެނަކަ ބްރާންޗުގެ ދެ މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.
ފެނަކައިން ސަސްޕެންޑު ކޮށްފައި ވަނީ ދިއްގަރު ފެނަކަ ބްރާންޗުގެ އެސިސްޓެންޓު މެނޭޖަރު ޒޫބީން ހަސަން އާއި އެ ބްރާންޗުގެ ސްޓޭޝަން މެނޭޖަރު، މުހައްމަދު ސާދިގެވެ.
އިތުބާރުހުރި ފަރާތަކުން ރާއްޖެއެމްވީއަށް ބުނީ، ސަރުކާރާ އިދިކޮޅު އެމްޑީޕީއަށް ތާއީދުކުރާތީ އެ ދެ މުވައްޒަފުންނަށް އެކިކަހަލަ ފިއްތުންތައް ކުރިމަތިވާ ކަމަށާއި، ދެމީހުން ވެސް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. މައްސަލައެއް ބަލާ ކަމަށް ބުނެ ސަސްޕެންޑްކުރި ނަމަވެސް ސަސްޕެންޑް ކުރަންޖެހޭ މައްސަލައެއް ދިމާނުވާކަމުގެ ޔަގީންކަން އޭނާ ދީފައިވެއެވެ.
މި ދެމުވައްޒަފުން ސަސްޕެންޑްކުރި ކަމުގެ ލިޔުން ވެސް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ.
މިމަހުގެ 21 ވަނަ ދުވަހު ފެނަކައިން ދީފައިވާ ލިޔުމުގައި ބުނެފައިވަނީ، އެ މީހުންނާއި ގުޅުންހުރި މައްސަލައެއް ތަހުގީގު ކުރެވެމުންދާތީ މިމައްސަލައިގެ ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން، އެ ކުންފުނީގެ މުވައްޒަފުންގެ ގަވާއިދު 2022 ގެ 40 ވަނަ މާއްދާގެ (ށ) އަށް ރިޔާއަތްކޮށް 30 ދުވަހުގެ މުއްދަތަށް މުސާރަ ލިބޭ ގޮތަށް ވަގުތީ ގޮތުން އޮފީހުގެ މަސައްކަތަށް ނިކުތުން މަނާ ކޮށްފައިވާ ކަމަށެވެ.
ދިއްގަރު ފެނަކަ ބްރާންޗުގެ ދެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާއިރު، މިމަހުގެ 19 ވަނަ ދުވަހު ށ. ޅައިމަގު ފެނަކަ ބްރާންޗުގެ ދެ މުވައްޒަފަކު ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި ބ.ތުޅާދޫ ފެނަކައިގެ ވަގުތީ މެނޭޖަރުގެ ގިނަ މައްސަލަތަކެއް ފާހަގަ ކޮށް އޭނާ އާ ބެހޭ ގޮތުން ފެނަކަ އަށް ޕެޓިޝަން ހުށަހެޅި 5 މުވައްޒަފަކު ވަނީ ސަސްޕެންޑް ކޮށްފައެވެ.
މީގެ އިތުރުން އއ. އަތޮޅު ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. އޭނާއަކީ ވެސް އއ. އަތޮޅުގައި އެމްޑީޕީން ހިންގާ ކެމްޕެއިންތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ.