ގޭންގު ކުށްތަކުގެ ޤާނޫނަށް ޢަމަލުކުރަން ފަށައިފިއެވެ.
ކޯޓު އަމުރެއް ނެތި ގިނަ ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް ގޭންގުތަކުން ހިންގާ ކުއްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ސަރުކާރުން ހުށަހެޅި ބިލު މަޖިލީހުން ފާސްކުރީ މިދިއަ މޭއި މަހުގެ ތެރޭގައެވެ.
އެ ޤާނޫނުގައި ވާގޮތުން ކޯޓު އަމުރަކާ ނުލާ މީހުން ބަލައި ފާސްކޮށް ހައްޔަރު ކުރުމާއި، އަމިއްލަ ތަނަކުން މީހަކު ހައްޔަރު ކުރުމަށް ފަހު އެ ތަނެއް ބަލައި ފާސްކުރުމުގެ ހާއްސަ ބާރުތަކެއް މި ގާނޫނުގެ ދަށުން ފުލުހުންނަށް ދީފައިވެއެވެ. އަދި އެއްގަމު އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދުތައް ފާސްކުރުމާއި އުޅަނދުގައި ހުންނަ މީހެއްގެ ސާމްޕަލް ނެގުމުގެ ބާރު ވެސް ދީފައިވެއެވެ.
މި ޤާނޫނުގައި ގޭންގު ކުށްތަކަށާއި ގޭންގު ކުށްތައް ކޮށްގެން ހޯދާ ނުހައްގު މުއްސަނދިކަމާ ގުޅޭ ގޮތުން ހަރުކަށި ފިޔަވަޅުތައް ވަނީ ހިމަނާފައެވެ. އޭގެ އިތުރުން ގޭންގު ކުށްތައް ކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވުން ވެސް ޤާނޫނުގައި ވަނީ ހިމަނާފައެވެ.
"ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު'' (ގާނޫނު ނަންބަރު: 7/2025) އަށް އަމަލުކުރަން ފެށުމަކީ އެފަދަ ކުށްތައް ހުއްޓުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ. އެ ބިލް ތަސްދީގުކުރީ މި މަހުގެ 25ގައެވެ.
ޤާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފައްދައިފިނަމަ ނުވަތަ ހިންގައިފިނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ ކުށެއް ކުރަން އުޅުމުން، ނުވަތަ އެހީތެރިވެއްޖެނަމަ 18 އަހަރުގެ ޖަލު ހުކުމެއް އައުމުގެ އިތުރުން، 100،000 ރުފިޔާއާއި 5 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕަކަށް މީހުން ހޯދުމަކީވެސް މި ޤާނޫނުގެ ދަށުން ކުށެކެވެ.