ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާހް އެދިވަޑައިގަންނަވާ ގޮތަށް ވޯޓު ނުލައިފި ނަމަ ބިރު ދައްކަ ކަމަށާއި، ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓު ލުމަށް ފައިސާ ވެސް ހުށަހަޅާފައިވާ ކަަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީޑިއާތަކުގެ ބިލް ފާސްކުރުމަށް ޕީޖީ މެމްބަރުންނަށް ބިރުދެއްކުމަކީ ހަގީގަތުގައި ވެސް ވަރަށްބޮޑު ތެދެއް ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ބައެއް ބިލްތަކަށް ބަހުސް ނުކުރާން މެމްބަރުންނަށް އަންގާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ބައެއް ބިލުތަކަށް ވަކި ގޮތަކަށް ވޯޓު ލާން ބުނެ އާދޭސްކޮށްފައި ވެސް އެބަ ހުރި ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.
ހަމަ އެހެންމެ ފަލާހް އެދޭގޮތަށް ވޯޓު ބަހުސްކޮށް ވޯޓު ލާފިއްޔާ ދާއިރާގެ ކޮންމެ ރަށަކުން 5 މީހަކަށް ވަޒީފާ ދޭން ވެސް ހުށަހަޅާފައިވާ ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.
" ވަކި ގޮތަކަށް ވޯޓު ލާން ބުނެފައި ބުރަދަރ އަށް ދޭން ލާރިކޮޅެއް ހުންނާނެ ކަމަށް ބުނެފައި ގެއައްގޮސް ލާރި ހިފައިގެން އަންނަންދެން މަޖުލީސް ކުޑަދަށުގައި އަޅުގަނޑު މަޑުކޮށްލަން ބުނެފައި ފަލާހް ގެއައް ދިޔަ..އެހެން ބުނެފައި ފަލާހް ދިޔާމައި ފަލާހް އަންނަދެން އަޅުގަނޑު މަޑުނުކޮށް ގެއަށް އައީ" އައްބާސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިވެނި ބިލަކަށް ސަރުކާރާ ދެކޮޅަށް ވޯޓު ނުލުމަށް ޝަރުތުކޮށް، ވޯޓުގައި ބައިވެރި ނުވުމަށް އެކި ދުވަސް މަތިން އެދިފައި އެބަހުރި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސަރުކާރާ ދެކޮޅަށް ވޯޓު ލާފިއްޔާ ވަރަށް ގޯސްވާނެ ކަމަށްބުނެ އޭނާ އަށް ފަލާހް ބިރުދައްކަވާފައިވާ ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.
"މީގެ އިތުރުން ޕީއެންސީ ގެ މެންބަރުން ވެސް ފަލާހް ކަންތައް ކުރާ ނިކަމެތި ގޮތުގެ ވާހަކަތަށް އެކި ފަހަރު މަތިން އަޅުގަނޑާ ހިއްސާ ކުރަމުންދަނީ. ބައެއް މެންބަރުންނަށް ފަލާހް ގިނައިން ލާރި ދީފައި ބައެއް މެންބަރުން ނަށް 5000 ނުވަތަ 10000 ރުފިޔާ ދެމުންދާ ވާހަކަ ވެސް ވަރަށް އަސަރާ އެކު ކިޔާދެމުންދަނީ." އޭނާ ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ މަޖިލިސް ކެމްޕެއިން ގެ ދަރަނިތަށް ނުނިމޭ ކަމަށާއި މެމްބަރުންނާއި ރައީސް ޑރ.މުއިއްޒު ބައްދަލުކޮށް ޕީއެންސީ ގެ މެންބަރުންގެ ދަރަނިތަށް ދައްކާދޭނޭ ކަމަށް ބުނެ ދަރަނީގެ އަދަދު ތަށް ނޯޓު ކުރައްވާފައިވާ ކަމަށެވެ.
" އޭގެފަހުން އެކަމާ އަޅާ ނުލާކަމަށް ޕީއެންސީގެ ގިނަ މެންބަރުން ތަކެއްހިތްހަމަ ނުޖެހިގެން އަޅުގަނޑާ ހިއްސާ ކުރި.އަދި ރައީސް އާ ވަކިން ބައްދަލު ކުރުމަށް އެކި އެކި މެންބަރުން އެދުނީމައި ފުރުސަތު ނުދެއްވާ މަސް ދެ މަސް ވާ ވާހަކަ އާއި މަޖުލީސް އިން ބިލެއް ރައީސް ބޭނުންވާގޮތަށް ފާސްކޮށްލަންވީމައި ވަގުތުން ފަލާހް މެދުވެރިކޮށް މުޅި ޕީއެންސީގެ ޕީޖީ ގްރޫޕް އާ މުލިއާގޭގައި ބައްދަލު ކުރައްވާފައި ރައީސް ބޭނުންވާ އެއްޗެއް ވިދާޅުވެފައި ނިންމާލަނީކަމަށް ވެސް ގިނަ މެންބަރުން އަޅުގަނޑާ އެކި ފަހަރު މަތިން ހިއްސާ ކުރައްވާފައިވަނީ." އައްބާސް ވިދާޅުވިއެވެ.
އައްބާސް އިތުރަށް ވިދާޅުވީ ޕީއެންސީ ގެ މެންބަރުންގެ ވަރަށް ބައިވަރު ކަންބޮޑުވުންތަށް އޭނާ އާއި އެކި ފަހަރު މަތިން ހިއްސާ ކުރައްވާފައިވާ ކަމަށެވެ.