އުތީމުގައި އޮތް ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުހާތަބު ކުރައްވަން ރައީސް މުއިއްޒު ހުއްޓި ވަޑައިގެންފިއެވެ. އާންމުކޮށް މިފަދަ ޖަލްސާ ތަކުގައި ރައީސް ވާހަކަފުޅު ދައްކަވާ ރާގާއި، ގެންގުޅުއްވާ ބަހުރުވައާއި އަޑުފުޅުގެ ވޮލިއުމް ހުންނާނެ ގޮތް އަންދާޒާ ކޮށްލާކަށް އެއްވެސް މީހަކަށް ދައްޗެއް ނުވިއެވެ. ކަން ހިނގީވެސް ހީކުރެވުނު ގޮތަށެވެ. ދެއްކެވީވެސް ހަމަ ހީކުރެވުނު ޒާތުގެ ވާހަކަ ތަކެކެވެ. ދިވެހިންގެ ރީތި އާދަކާދަ ތަކާއި އަދަބު އިހްތިރާމްގެ ވާހަކައާއި، އެހެން މީހުންނަށް ގަދަރު ކުރުމުގެ ވާހަކަތައް ދައްކަވަމުން ގޮސް އެ ޖެހުނީ ބޮޑު ތަނުގަ އެވެ.
ދެން އެ ފެއްޓެވީ ހަގީގަތުގައިވެސް ރައީސް ދައްކަވަން ނިންމަވައިގެން މިއަދު ހުންނެވި ވާހަކަ ކަމާ މެދަކު ޝައްކެއް ނެތެވެ. ގަދަ އަޑު ފުޅުން އަތް އުއްކަވަ އުއްކަވާފާ ވިދާޅުވާން އެ ފެއްޓެވީ ބޭނުންހާ އެއްޗެއް ނުލިޔެވޭނެ ވާހަކައެވެ. ހިތަށް އައިހާ ވާހަކައެއް ނުދެއްކޭނެ ވާހަކައެވެ. އިއްޒަތާއި އަބުރާ ކަރާމާތުގެ ވާހަކައެވެ.
މީހަކު ހައިރާނެއް ނުވާނެތޯއެވެ؟ އަމިއްލަފުޅަށް ރާއްޖޭގެ ވެރިކަން ބޭނުންފުޅުވެ، އެކަމަށް ފައި ނަންގަވައިގެން ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނުކުމެވަޑައިގެން އުޅުއްވި ދުވަހުގެ މަތިން ރައީސް މުއިއްޒު ހަމަ ހަގީގަތުގައިވެސް ހަނދުމަފުޅު ނެތުނީތޯއެވެ؟ ނުވަތަ ހަމަ ގަސްތުގައި އެ ދުވަސް ހަނދާން ނައްތާލެއްވީ ތޯއެވެ؟ ނުވަތަ އެ ދުވަހުގެ ހަނދާން ހުރި މީހަކު މިއަދު މި ގައުމުގައިވެސް ނެތް ކަމަށް ހީފުޅު ވީތޯއެވެ؟ އެހެން ކަމަށް ވާނަމަ ތިޔަ ހީފުޅު ކުރެއްވެނީ އަދި މުޅިން ރަނގަޅަކަށް ނޫނެވެ.
ހަނދުމަފުޅު ކުރައްވާށެވެ. މިއަދު އިއްޒަތާ، އަބުރާ، ޝަރަފާ، ކަރާމާތެއްގެ ވާހަކަ ދައްކަވައިގެން އެހެން މީހުންނަށް ބިރު ދައްކަވަން މަނިކުފާނު އުޅުއްވާ އިރު، އިއްޔެ އިއްޒަތެއް، އަބުރެއް އޮތް މީހަކުވެސް މި ގައުމުގައި ނެތީތޯއެވެ؟ އަތާ، ދުލުގެ ނުބައި ކަމުން އެހެން މީހުން ރައްކާތެރި ކުރަން ޖެހޭ ކަމަށް ހަދީޡް ތަކުން ހުއްޖަތް ދައްކަވާ، އެހެން މީހުންނަށް އެކަން ހަނދާން ކޮށްދެއްވަމުން ދިޔަ އިރު އެއިން ހަދީޡެއް ވެސް އިއްޔެ ދެކެވަޑައި ނުގަންނަވަންތޯއެވެ؟ މަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނުކުންނަވާ ކެމްޕޭން ކުރައްވަމުން ގެންދެވިއިރު ވަށަ ވަށައިގެން ތިބި އަރިސް ބޭކަލުންނާއި، ކެމްޕޭން ޓީމްތައް ލައްވާ އޭރުގެ ރައީސް އަށާއި އެ ރައީސްގެ ސަރުކާރުގެ ބޮޑުންނަށާ ވަގަށް ގޮވާ، ހަޑިހުތުރުހާ އެއްޗެހި އެ ބޭބޭފުޅުންނަށް ގޮވާ، މަނިކުފާނަށް ތާއީދުކުރާ ނޫސްތަކުގައި އެ ބޭފުޅުންނޭ ކިޔައިގެން ހިތަށް އައިހާ އެއްޗެއް ލިޔެ، އެތައް ދޮގު ތުހުމަތެއް އަޅުވާ، ހަގީގަތާ ހިލާފަށް އެތައް ފަލީހަތެއް ކުރަމުން ދިޔަ އިރު ތިޔަ ވިދާޅުވާ އިންސާނީ ކަރާމާތާ، އިންސާނާގެ އަބުރާއި އިއްޒަތް އޮތީ ކޮންތާކުތޯއެވެ؟
ދޮއްޓެއް ހަގެއް ނުބަލާ، އެއްބަނޑެއް ތިމާގެއެއް ނުބަލާ، ވެރިއެއް މުވައްޒަފެއް ނުބަލާ ބަދުނާމް ކުރުމުގެ އާޓިކަލްތައް މަނިކުފާނުގެ ސަޕޯޓަރުން ލިޔެ، ޝާއިއު ކުރަމުން ދިޔައިރު، ތިޔަ ވިދާޅުވާ ދިވެހިންގެ ރީތި އާދަކާދަ ތަކާ، އެހެން މީހުންނަށް އިހްތިރާމް ކުރުމުގެ ސިފަ އޮތީ ކޮންތާކުތޯއެވެ؟
ޙުދު މަނިކުފާން ޕޯޑިއަމް ތަކަށް އަރުއްވައިގެން ދޮގު އެތައް ވާހަކަ ތަކެއް ދައްކަވާ، ރާއްޖޭގައި ނެތް އެތައް ކަމެއް ހުރި ކަމަށް ވިދާޅުވެ، އޭރުގެ ސަރުކާރުން ނުކުރާ އެތައް ކަމެއް ކުރި ކަމަށް ވިދާޅުވެ، މުޅި ގައުމުގެ އެއްކޮޅުން އަނެއް ކޮޅަށް އޭރު އޮތް ސަރުކާރާ ރައްޔިތުންނާ ޖެއްސުމަށް ފިތުނަވެރި ވާހަކަތައް ދައްކަވަމުން ދިޔައިރު ތިޔަ ވިދާޅުވާ ތެދުބަހުން ވާހަކަ ދެއްކުމާއި، ތެދު ހަގީގަތް ހާމަ ކުރުމުގެ ސިފަ މަނިކުފާނަށް ފެންނަ ހިސާބުގައިވެސް ނެތީތޯއެވެ؟
މި ފަހުރުވެރި ދިވެހި ގައުމުގެ އަވައްޓެރި ގައުމު ތަކާ މި ގައުމާ ދެމެދު އޮތް ގާތް ރަހުމަތްތެރި ގުޅުންތައް ފުނޑުފުނޑުވެގެން ދާހާވަރަށް އެ ގައުމުތަކަށް މަނިކުފާނު އެއްޗެހި ވިދާޅުވެ، އެ ގައުމުތަކުގެ ވެރިންނަށް ހުތުރު ބަސްތައް ރައްދުކޮށް، އަރިހުގައި ތިބި މީސްމީހުން ލައްވާ އެ ބޭބޭފުޅުންގެ ކާޓޫން ކުރަހާ، ހަޑި ހުތުރު އެއްޗެހި ގޮވަމުން ދިޔައިރު، ތިޔަ ވިދާޅުވާ ދިވެހިންގެ ޒަމާންވީ އިހްތިރާމް ކުރުމުގެ ސިފަ މަނިކުފާނަށް އަތުޖެހޭ ހިސާބުގައި ވެސް ނެތީތޯއެވެ؟
މިއަދު މަނިކުފާނަށް ވެރިކަން ލިބި، މަޖްލީހުގެ ފުރިހަމަ މެޖޯރިޓީ ލިބި، ހުރިހާ އާރަކާއި ބާރެއް ލިބި، ގައުމުގެ މުޅި ނިޒާމުތަކުގެ މައްޗަށް މަނިކުފާނުގެ ކޮންޓްރޯލް ހިންގަވާ، އަތްގަދަ ކުރައްވަން ގައުމު ހިތަކަށް ލިބުމުން ދިވެހިންގެ އާދަކާދައާއި ސަގާފަތާއި، އެހެން މީހުންނަށް އިހްތިރާމް ކުރުމާއި، އެހެން މީހުންގެ އަބުރާ އިއްޒަތާ ކަރާމާތަށް ރައްކާތެރިވުމުގެ ވާހަކަ ތިޔަ ދައްކަވަން ފެއްޓެވީ ކޮން ކަމަކަށް ބިރުފުޅުންތޯއެވެ؟
ހިތަށް އައިހާ ވާހަކައެއް ނުދެއްކޭނެ ކަމަށާއި، ގަލަމުގެ ތުނޑަށް އައިހާ ވާހަކައެއް ނުލިޔެވޭނެ ކަމަށް ވިދާޅުވެ ޤައުމީ ދުވަހުގެ ޖަލްސާގައި ހުންނަވައިގެން ރާއްޖޭގެ ނޫސްވެރިނަށް ބިރު ތިޔަ ދައްކަވަނީ މަނިކުފާނުގެ އަދި މަނިކުފާނުގެ ސަރުކާރުގެ ކޮން ވައްކަމެއްގެ ވާހަކަ، ކޮން ހިޔާނާތެއްގެ ވާހަކަ، ކޮން ކޮރަޕްޝަނެއްގެ ވާހަކަ ނޫސްވެރިން ހާމަ ކޮށްފާނެތީ ތޯއެވެ؟
ގަބޫލްފުޅު ކުރައްވާށެވެ. އަމިއްލަފުޅަށް ވެރިކަން ބޭނުން ވުމުން މަނިކުފާނަށް ހުރިހާ ކަމެއް ހުއްދަ ވެފައި، ވެރިކަން ލިބިވަޑައިގަތުމުން ހަމަ އެ ހުރިހާ ކަމެއް ދެން ތިބި އެންމެންގެ މައްޗަށް މަނާ ކޮށްގެން ކޮންޓްރޯލް ކުރެވޭނެ ކަމަށް ރައީސް އަށް ހީފުޅުވެލައްވާ ނަމަ ތިޔައީވެސް ކުއް ހީފުޅެކެވެ.
ދިވެހިން، ދިވެހިންގެ ރީތި އާދަކާދަ ތަކާއި ސަގާފަތްވެސް ދަމަހައްޓާނެއެވެ. މީހުންނަށް އިހްތިރާމްވެސް ކުރާނެއެވެ. އެހެން މީހުންގެ އަބުރާ ކަރާމަތަށް ރައްކާތެރިވެސް ވާނެއެވެ. އެކަމަކު ފާޑު ކިޔަން ޖެހުމުން ފާޑުވެސް ކިޔާނެއެވެ. ވައްކަމުގެ ވާހަކަ ލިޔަން ޖެހުމުން އެ ވާހަކަތައްވެސް ލިޔާނެއެވެ. ތިޔަ ގޮތަށް ދިވެހިންގެ ދުލުގައި ހިފަހައްޓަވާ، ލިޔުންތެރިންގެ ގަލަމުގައި ދޯރި ޖައްސަވަން މަސައްކަތް ނުކުރައްވާށެވެ. އެހެން މީހުންނަށް ނަސޭހަތް ދެއްވަން ވާނީ މަނިކުފާނަށްވެސް ޢަމަލު ކުރެއްވޭ ކަންކަމުގައެވެ.