ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވުނު ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 9 ބޭފުޅަކަށާއި އެއް ކުންފުންޏަކަށް ދެއްވާފައެވެ.
މިއަހަރުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ހިމެނެނީ، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން މއ. ފީރޯޒްވާދީ، ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދާއި، އިމާރާތްކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން މ. ދޫރެސް، އަލްފާޟިލް މުޙައްމަދު މަޢުރޫފް ޖަމީލެވެ. އަދި ޕަރފޯމިންގ އާޓްސްގެ ދާއިރާއިން އަލްމަރްޙޫމް މުޙައްމަދު މާޖިދުގެ ހަނދާނަށް އިނާމު ވަނީ ހާއްސަކުރެވިފައެވެ.
ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަތް ފަރާތްތަކުގެ ތެރޭގައި، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން އަލްފާޟިލާ ޙުސްނާ ފަހްމީއާއި އަލްފާޟިލާ ޢިއްޒަތު އަޙްމަދު ނިޒާރު ހިމެނެއެވެ. ޞިއްޙީ ދާއިރާއިން ޑޮކްޓަރ ޢަބްދުލްޢަޒީޒް ޙަމީދާއި އަލްފާޟިލާ ޢާމިރާ ސުލައިމާން ވަނީ އިނާމު ހާސިލުކުރައްވާފައެވެ.
އިޖުތިމާޢީ ރައްކައުތެރިކަމާއި އިންސާނީ ޙައްޤުތަކުގެ ދާއިރާއިން އަލްފާޟިލާ ފާޠިމަތު އިބްރާހިމާއި، އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން އަލްފާޟިލް އަޙްމަދު ވަޙީދު ޢަލީ ވަނީ އިނާމު ހާސިލުކުރައްވާފައެވެ. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަށް އިނާމު ލިބިފައިވާއިރު، މަސައްކަތްތެރިކަމުގެ ދާއިރާއިން އަލްފާޟިލް ޢަލީމުއްދީނަށް އިނާމު ލިބިވަޑައިގެންފައިވެއެވެ.
އިތުރުން، މުއާޞަލާތާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން އަލްފާޟިލް މުޙައްމަދު ޖައިލަމްއާއި، އަންހެނުންގެ ދާއިރާއިން އަލްފާޟިލާ ޒަހިއްޔާ މުޙައްމަދު ވަނީ އިނާމު ހާސިލުކުރައްވާފައެވެ.
ޤައުމީ އިނާމަށް މި ބޭފުޅުން ހޮވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެއް ދެއްވާއިރު، ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެއް ދެއްވާފައިވެއެވެ.