ދިވެހީންގެ ހަށިގަނޑުގައި ޖަހާ ގައުމީ ވިންދު ހަނދާންކޮށްދެނީ، މިގައުމުގެ ހައްގުގައި ޖިހާދުކުރެއްވި އަގުހުރި ބަތަލުންގެ އަޒުމާއި ހިތްވަރުން އިބްރަތް ހާސިލް ކުރުމަށް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް މުއިއްޒު ވިދާޅުވީ ބޮޑުތަކުރުފާނުގެ އަގުހުރި ގައުމީ ޖިހާދުގެ ނަޞްރާއި ކާމިޔާބީއަށް 466 އަހަރު ފުރުނުއިރު، އެ ޒިކުރާތަކާއި އެ ހޯއްދެވި ފަޚުރާއި ޝަރަފް ދިވެހީންގެ ހިތްތަކުގައި ދަނީ ތާޒާކަމާއެކު ދިރެމުން ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ދިވެހީންގެ ހަށިގަނޑުގައި ޖަހާ ގައުމީ ވިންދު އަބަދުވެސް ހަނދާންކޮށްދެނީ، މި ގައުމުގެ ހައްގުގައި ޖިހާދުކުރެއްވި އަގުހުރި ބަޠަލުންގެ އަޒުމާއި ހިތްވަރުން އިބްރަތް ހާސިލްކުރުން ކަމަށެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ގައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ދަންނަވަނީ، އަބަދުވެސް ގައުމު ދެކެ ލޯބިވާ، ގައުމިއްޔަތާއި މިނިވަންކަން ދަމަހައްޓާ ބަޔެއްގެ ގޮތުގައި ދިވެހީން ދެމި ތިބޭނެކަމުގެ އަޒުމު އާކުރަމުން ކަމަށެވެ.
ގައުމީ ދުވަސް ފާހަގަކުރުމުގެ ރަސްމީ ހަރަކާތްތައް މި އަހަރު ކުރިއަށް ގެންދަނީ އެ ދުވަހުގެ ބަޠަލު އައްސުލްޠާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ނިސްބަތްވެވަޑައިގަންނަވާ ތިލަދުންމަތީ އުތުރުބުރީ އުތީމުގައެވެ.
ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަސް ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޕޯޗުގީޒުންގެ އިސްތިއުމާރުން ދިވެހި ގައުމު މިނިވަންވުމާއި، އެ މިނިވަންކަމަށް ދިވެހީން ކުރި ޖިހާދުގެ ޒިކުރާ އާކުރުމުގެ މަގުސަދުގައެވެ.