ރައީސް މުއިއްޒު އަކީ ތާރީޚު ނުދެކޭ ފަދަ މަކަރުން ފުރިގެންވާ މަކަރުވެރިއެއް ކަމަށް ބ. އަތޮޅު ކައުންސިލް ރައީސް އަހްމަދު އަފްރާހް ވިދާޅުވެއްޖެ އެވެ.
އެކްސް ގައި އަފްރާހް ކުރައްވާފައި ޕޯސްޓެއްގައި ރައީސް މުހައްމަދު މުއިއްޒު އަށް ފާޑު ވިދާޅުވަމުން، އޭނާ ވިދާޅުވީ، މުއިއްޒު އަކީ "ދިވެހި ލޮބުވެތި ރައްޔިތުންނަށް އޮޅުވާލާ ދޮގު ހަދަމުން ގެންދާ ވެރިއެއް،" ކަމުގައެވެ.
"މުއިއްޒު އަކީ މި ދިވެހި ތާރީޚު ނުދެކޭ ފަދަ މަކަރުން ފުރިގެންވާ މަކަރުވެރިއެއް. ލާމަރުކަޒީ ނިޒާމާ ދެކޮޅު ރައްޔިތުން އަޅުވެތި ކުރާ ވެރިއެއް،" އަފްރާހް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާ ގައި އޭނާ ކުރައްވާފައިވާ ޕޯސްޓުގައި މުއިއްޒު ގެ އިސްތިއުފާ އަށް ވެސް ވަނީ ގޮވާލައްވާފައެވެ.
ރައްޔިތުންނާ ގާތުން ވެރިކަން ހިންގުމުގެ ނިޒާމު ބަލިކަށި ކޮށް ކައުންސިލުތަކުން ދެމުން ގެންދާ ޚިދުމަތްތަކަށް ބުރޫ އަރާ ފަދަ ބޮޑެތި ބަދަލުތަކެއް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައުމާ ގުޅިގެން ރާއްޖޭގެ 100 ށް ވުރެ ގިނަ ކައުންސިލުތަކުން އެ ކަމާ ދެކޮޅަށް އަޑު އުފުލާފައިވެއެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު އެއިން އެއްވެސް ކަމަކަށް ސަމާލު ކަމެއް ދެއްވާފައެއް ނުވެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި ނޭދެވޭ ބަދަލު ތަކާ މެދު ހިތްހަމަ ނުޖެހޭ ކަން ރައީސް މުއިއްޒުގެ ހާޒިރުގައި ވެސް ބައެއް ކައުންސިލުތަކުގެ ރައީސުން ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހާމަ ކުރައްވާފައެވެ.