މީޑިއާތައް އުވާލައި ވަކިވަކި ނޫސްވެރިންނަށް ބޮޑެތި ފިޔަވަޅު އެޅޭގޮތަށް ހުށަހެޅި ބިލު އަނބުރާ ގެންދިއުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ތުޅާދޫ ދައިރާއިން ގޮވާލައިފި އެވެ.
ތުޅާދޫ ދާއިރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށާއި ސަރުކާރުން މީޑިއާތަށް ކޮންޓްރޯލް ކުރުމަށް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" އުފައްދާ އަދި ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށް ސަރުކާރު އަޑީގައި އޮވެ ދެވަނަ ފަހަރަށް ތުޅާދޫ ދާއިރާގެ މެންބަރ އަބްދުލްހަންނާން އަބޫބަކުރު ލައްވައި މަޖިލީހަށް ވައްދާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ރެގިއުލޭޝަން ބިލް" އަނބުރާ ގެންދިއުމަށް އެމްޑީޕީގެ ތުޅާދޫ ދާއިރާ މެންބަރުން ގޮވާލާ ކަމަށެވެ.
އަދި އެމްޑީޕީ ތުޅާދޫ ދާއިރާގެ މެންބަރުންނާއި އިސްލާހި މަސައްކަތުގައި ދެމިތިބި ފަރާތްތަކާއި އަދި ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމެއްނެތި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ރައީސަކާ މެންބަރުން ހިމެނޭހެން އުފައްދާ މި ކޮމިޝަނުން ބްރޮޑްކާސްޓަރުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއި ޕްރޮގްރާމް ޝެޑިއުލް އިން ބައެއް ވަގުތީ ގޮތުން މެދުކަނޑާލަން ނުވަތަ ކޮންޓެންޓް ހުއްޓުމަށް އެންގުމާއި އަދި ކޯޓަށް ހުށަހަޅާއިގެން ބްރޯޑްކާސްޓިންގ ލައިސަންސް ބާތިލު ކުރެވޭގޮތަށް މީޑިއާތަކުގެ މިނިވަންކަން ގެއްލޭ ގޮތައް ހުށަހަޅާ އެއްވެސް ގާނޫނަކަށް ތުޅާދޫ ދާއިރާއިން ތާއީދު ނުކުރާކަން އެދާއިރާއިން ވަނީ ހާމަކޮށްފަ އެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ވެސް އެދާއިރާއިން ބުނެ އެވެ.
މީގެ އިތުރުން އެބަޔާނުގައި ބުނީ، ދައުލަތުގެ މުދަލާއި ފައިސާއަކީ ރައްޔިތުންގެ ފުރިހަމަ ހައްގުތަކެއް ކަމަށާއި އެ ހައްގުތަކަށް އަމާނާތްތެރިވެ ރައްކާތެރިވުމަކީ ދައުލަތުގެ ކޮންމެ މަސްއޫލިއްޔަތަކާއި ހަވާލުވެ ހުންނެވި ވެރިއެއްގެ ޒިންމާއެއް ކަމަށެވެ. އަދި މީޑިއާގެ އެންމެ ބޮޑު ދައުރަކީ ރައްޔިތުންނަށް މައުލޫމާތު ހާމަކޮށްދިނުން ކަމުގައިވާތީ، ހާމަކުރެވޭ މައުލޫމާތުގެ ސަބަބުން މީޑިއާތައް ބަންދުކޮށް ބޮޑެތި އަދަބުތައް ދެވޭގޮތަށް ބިލެއް ފާސްކުރުމަކީ ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވާ ބަޔަކަށް ދެވޭ ވަރަށްވެސް ބޮޑު ރައްކާތެރިކަމެއް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެ އެވެ.
ސަރުކާރު ޖަވާބުދާރީ ކުރުމުގެ ބަދަލުގައި މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މިފަދަ ގާނޫނެއް ވުޖޫދު ކުރުމުގެ އިސްބޭފުޅެއްގެ ގޮތުގައި ތުޅާދޫ ދައިރާގެ މަޖިލީސް މެންބަރު ހުނެނެވުމަކީ އެ ދާއިރާއިން ވަކިން ބޮޑަށް ކަންބޮޑުވާ ކަމެއްކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ. އަދި މިނިވަން ކަމާއެކު މަޖިލީހުގައި މަސައްކަތްކޮށް ސަރުކާރު ޖަވާބުދާރީ ކުރުމުގައި ކުރިއަށް ވަޑައިގަތުމަށް ތުޅާދޫ ދާއިރާގެ މަޖިލީސް މެންބަރަށް ވަނީ ގޮވާލައިފަ އެވެ.