ތިލަފުށީގައި އިންޖީނުގެ އަޅަން ނިންމީ މި ސަރުކާރުން ކަމަށް ބުނެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ދައްކަވާފައިވާ ވާހަކަ އަކީ އިތުރުފުޅެއްކަން ހާމަވެއްޖެ އެވެ.
ބައެއް މީޑިއާތަކަށް އާދިއްތަ ދުވަހު ދެއްވި ބަސްތީގަތުމެއްގައި ފަހުމީ ވަނީ ތިލަފުށީގައި އިންޖީނުގެ އަޅަން ނިންމީ މި ސަރުކާރުން ކަމަށް ސިފަކުރައްވާ ވާހަކަދައްކަވާފަ އެވެ. މާލެ ސަރަހައްދުގައި ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލު ނުވާ ސަބަބަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން، ފަހުމީ ވަނީ އެ މައްސަލަ ހައްލުކުރުން ލަސްވާ ސަބަބުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި އިތުރު އިންޖީނުގެ އެއް އަޅަން މި ސަރުކާރުން ބޭނުން ނުވުން ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.
ހުޅުމާލޭގައި ނުވަތަ މާލޭގައި އިތުރު ޕަވަރ ޕްލާންޓެއް އެޅުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުރިން ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައި ޕަވަރ ޕްލާންޓެއް އަޅަން އޭރުގެ ސަރުކާރުން ވިސްނި ނަމަވެސް މި ސަރުކާރުގެ ވިސްނުމަކީ ތިލަފުށީގައި ޕަވަރޕްލާންޓެއް އެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ދޮޅު އަހަރު ތެރޭގައި ތިލަމާލެ ބްރިޖްގެ މަސައްކަތް ނިމިފައި އޮންނާނެ ކަމަށް ވެރިކަމަށް އައި އިރު މި ސަރުކާރަށް ވިސްނިފައިއޮތް ކަމަށް ފަހުމީ ވިދާޅުވި އެވެ. އެހެންކަމުން ބްރިޖްގެ މަސައްކަތް ލަސްވުމަކީ ތިލަފުށީ ޕަވަރ ޕްލާންޓް ލަސްވާ ސަބަބެއް ކަމަށް ދޭހަވާ މޭރުމަކުން އެ މަނިކުފާނުގެ ވާހަކަތައް ވަނީ ބައްޓަން ކުރައްވާފަ އެވެ.
އެހެންނަމަވެސް ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކުރީގެ ތިމާވެއްޓާއި ބެހޭ ވަޒީރު އައިމިނަތު ޝައުނާ ވިދާޅުވެފައި ވަނީ ކުރީ ސަރުކާރުން ވެސް މާލެ ސަރަހައްދުގައި، މާލޭގައި ނުވަތަ ހުޅުމާލޭގައި ޕަވަރޕްލާންޓެއް އެޅުމުގެ ވިސްނުން ގެންގުޅެފައި ނުވާނެ ކަމަށެވެ. ކަމާއި ގުޅުން ހުރި ހުރިހާ ބައްދަލުވުމެއްގައި ވެސް ނިންމާފައި ވާނީ ތިލަފުށީގައި އިންޖީނުގެ އެޅުމަށް ކަމަށް ޝައުނާ ވިދާޅުވި އެވެ.
" ކަނޑައެޅިގެން އިތުރުފުޅެއް އެއީ. މި ސަރުކާރުގެ ވިސްނުމެއް ނޫން ތިލަފުށީގައި އިންޖީނުގެ އެޅުމަކީ. އެގޮތަށް އަޅުގަނޑުމެން ނިންމާފައި ވާނީ. އެކަން ބަދަލު ކުރައްވާފައިވާނަމަ އެކަން ކޮށްފައި ވާނީ 2023 ވަނަ އަަހަރު ނޮވެމްބަރު މަހު ސަރުކާރު ބަދަލުވި ފަހުން މި ބޭފުޅުން. " ޝައުނާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުން ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ އަކީ މެނޭޖްމެންޓްގެ މައްސަލަ އެއް ކަމަށް ޤަބޫލުކުރެވޭ ކަމަށް ޝައުނާ ވިދާޅުވިއެވެ. އެގޮތުން ބަލާ ނަމަ ސަރުކާރުގެ ކޭޝް ފްލޯ މެނޭޖް ނުކުރެވި ސްޓެލްކޯ އަށް ބޭނުންވާ ތެޔޮ ގަތުމަށް ބޭނުންވާ ވަރަށް ފައިސާގެ މުއާމަލާތްތައް އެކަށީގެންވާ ގޮތެއްގައި ނުހިނގާ ކަމަށް ބެލެވޭ ކަމަށް ޝައުނާ ވަނީ ވިދާޅުވެފަ އެވެ.
ކުރީ ސަރުކާރުގެ ސަބަބުން ނުވަތަ އޭރު ނިންމާފައިވާ ކަމެއްގެ ސަބަބުން ކަންކަން ހައްލު ނުވާ ކަމަށް ދޮޅު އަހަރު ފަހުން ބުނުމަކީ ޖޯކެއް ކަމަށް ޝައުނާ ސިފަކުރެއްވި އެވެ. ސަބަބަކީ ކުރީ ސަރުކާރުން ކަމެއް ގޯސްކޮށް ކޮށްފައިވާ ނަމަ އެކަން ބަދަލުކުރަން އެކަށީގެންވާ ވަގުތު ވެސް މި ސަރުކާރަށް ލިބިފައި ވުން ކަމަށް ޝައުނާ ވިދާޅުވި އެވެ.
މާލޭގެ ކަރަންޓް ކެނޑުމުގެ މައްސަލަ ނުރާކާތެރި ހާލަތަކަށް ވެއްޓެމުންދާ އިރު އެކަމަށް ހައްލު ހޯދަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ޝައުނާ ވަނީ ވިދާޅުވެފަ އެވެ.