ވެރިކަމަށް އަންނަތާ ތިން މަސްދުވަހުގެ ތެރޭގައި ނިންމަން ރައީސް ޑރ، މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެން ލ. ކުނަހަންދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ފެށިފައި ނުވާތީ އެ ރަށުގެ ޒުވާނު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ނިމިގެން ދިއަ ރިޔާސީ އިންތިޚާބުގައި ކުނަހަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބަދަލުކުރައްވައި މިހާރުގެ ރައީސް މުއިއްޒު ވަނީ ތިން މަސްދުވަހުގެ ތެރޭގައި އެރަށުގައި ފުޓުސަލް ދަނޑު އަޅައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
އެހެން ނަމަވެސް މި ސަރުކާރަށް ދެ އަހަރުވާން ދާއިރުގައި ވެސް ރައީސްގެ އެވައުދުފުޅާއި އެއްގޮތަށް ކުނަހަންދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެ އެވެ.
މިކަމާއި ގުޅިގެން ކުނަހަންދޫ ޒުވާނުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރާއްޖެ އެމްވީއަށް ކިޔައިދިން ގޮތުގައި މި ސަރުކާރުން އެ ރަށުގައި ތިން މަސްދުވަސް ތެރޭ އަޅާ ނިންމަން ވައުދުވި ފުޓުސަލް ދަނޑުގެ މަސައްކަތް ކުރިއަށް ނުގެންދެވި، ދަނޑު އެޅުމަށް ގެނެްސްފައި ހުރި ސާމާނުތައް ހަލާކުވަމުން ދާ ކަމަށެވެ.
އަދި އެކަމުގެ ކަންބޮޑުވުން ރަށުގެ ހުރިހާ ޒުވާނުންގެ ވެސް އެބައޮތް ކަމަށާއި ދަނޑެއް ނެތުމުން ފުޓުސަލް ކުޅެން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު ވެސް ގެއްލިފައިވާ ކަމަށް އެ ރަށުގެ ޒުވާނުން ބުންޏެވެ.
ކުނަހަންދޫގެ ޒުވާނުން ބުނީ ފުޓުސަލް ދަނޑުގެ މަސައްކަތް ކުރަން ގެނެސްފައި ހުރި ޓާފް ތަކާއި، ހޮޅިތައް ވެސް ހުރީ ލޮނުގެ އަސަރު ކުރާ ހިސާބުގައި އެއްވެސް ރައްކާތެރިކަމެއް ނެތް ތަނެއްގައި ކަމަށެވެ. އެހެން ކަމުން ލޮނުގެ އަސަރުކޮށް، އެ އެތަނުގައި ހުރި ތަކެތި ހަލާކުވަމުން ދާކަމަށެވެ. އަދި އެކަމުގެ ޒިންމާ ރަށު ކައުންސިލުން ވެސް ނަގަން ބޭނުން ނުވާ ކަމަށް އެ ރަށުގެ ޒުވާނުން ބުނެއެވެ.
ކުނަހަންދޫ ގައި އުޅެނީ ފުޓުބޯޅައަށް ވަރަށް ޝައުގުވެރިކަން ހުންނަ ޒުވާނުންތަކެއް ކަމަށާއި ނަމަވެސް ކުޅެލާނޭ ދަނޑެއް ނެތުމުން މިއަދު ޒުވާނުން މާޔޫސް ވެފައިވާ ކަމަށް އެ ފަރާތުން ބުންޏެވެ.
މި ސަރުކާރުން ހަދަނީ ދޮގުމައްޗަށް ދޮގު. ރައީސްގެ ވައުދު ވެސް ދިއައީ ފެނަށް. ތިން މަސް ދުވަސް ތެރޭގައި ހަދާ ނިންމަން ބުނި ފުޓުސަލް ދަނޑުގެ މަސައްކަތް އެއްވެސް ވަރަކަށް މަސައްކަތް ނުފެށޭ. އަދި އެކަމާ އަޅާވެސް ނުލާ. ދަނޑު ހަދަން ގެނެސްފައި ހުރި ތަކެތި ވެސް މުޅި ހަލާކުވެގެން އެ ދަނީ.
ކުނަހަންދޫ ޒުވާނުން![]()
ކުނަހަންދޫގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް އެރަށުގެ ކައުންސިލުން މޯލްޑިވްސް އެޝުއަރ ސަޕްލައީއާ ހަވާލުކުރީ 2022ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގައެވެ. އެއީ ރައީސް ޞާލިހުގެ ސަރުކާރުގަ އެވެ.
ކުރީ ސަރުކާރުން ވަނީ އެ ރަށުގައި އަޅަން ނިންމި ފުޓްސަލް ދަނޑުގެ ވަށައި ފެންސްޖަހައި ދަނޑަށް ވެލި އެޅުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ. އަދި ދަނޑުގެ ބިންގަނޑު އެއްވަރުކޮށް ޓާފް އެޅުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށަން އޮތީ ނިންމާފަ އެވެ. އެހެން ނަމަވެސް މި ސަރުކާރު އައުމާއި އެކު ދަނޑުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރު އައުމާއި އެކު ކުނަހަންދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ހުއްޓިފައިވާއިރު، ކުނަހަންދޫ ސައުންސިލުން ވެސް އެ ދަނޑުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މާ ބޮޑު މަސައްކަތްތަކެއް ވެސް ކުރަމުން ނުދެއެވެ.
އެމްޑީޕީ ސަރުކާރުގައި ދަނޑުގެ މަސައްކަތް ފެށީ. މަސައްކަތް ފެށިގެން ވަރަށް ފޯރިއާއި އެކު ކުރިއަށް ދިއަ ނަމަވެސް މި ސަރުކާރު އައުމާއި އެކު ދަނޑުގެ ހުރިހާ މަސައްކަތެއް ހުއްޓުނީ. އަދިވެސް އޮތީ އެ ހުއްޓުނު ގޮތަށް އެއްވެސް ކަމެއް ނުކޮށް. މިހާރު ފުޓުސަލް ދަނޑު އަޅަން ގެނައި ޓާފް އާއި ބައެއް ސާމާނު ހުންނަތަނަށް ލޮނުގެ އަސަރު ކޮށް އެ ތަކެތި ދަނީ މުޅިން ހަލާކު ވަމުން.
ކުނަހަންދޫ ޒުވާނުން![]()
ލ. އަތޮޅަކީ ފުޓްސަލްގެ ފޯރިގަދަ އަތޮޅެކެވެ. އެ އަތޮޅުގެ ޓީމްތަކުން ވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންގޮސްފައިވާ ފުޓްސަލް މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ.
ކުނަހަންދޫގައި ވެސް ފުޓްސަލްގެ ހުނަރު ހުރި އާ ޒުވާނުންތަކެއް އުފެދިފައި ވުމަކީ އުފާކުރަން ޖެހޭ ކަމެކެވެ. ނަމަ ވެސް އެ ރަށުގެ ޒުވާނުނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށުގައި ފުޓުސަލް ކުޅެލާނެ ދަނޑެއް ނެތުމެވެ.