Advertisement
ކ. މާލެ
|
23 އޯގަސްޓް 2025 | ހޮނިހިރު 12:40
އުތީމު ގަނޑުވަރު
އުތީމު ގަނޑުވަރު
އަބުދުﷲ ނަސީރު އިބްރާހިމް
ގައުމީ ދުވަސް
ދިވެހި ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްސަ ޝަރަފު، އުތީމު ރައްޔިތުންނަށް
މި ޝަރަފު އެރުއްވުމަށް ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި ރައްޔިތުން ދެއްވި އަހައްމިއްޔަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން
މި ޝަރަފު އެރުވުން އޮންނާނީ ގައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ބާއްވަވާ ރަސްމީ ޖަލްސާގައި
މި އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ 9 ބޭފުޅަކަށާއި ކުންފުންޏަކަށް

ދިވެހި ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްސަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

މި ޝަރަފު އެރުއްވުމަށް ރައީސް ކަނޑައެޅުއްވީ، އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ. ހަމައެއާއެކު، އުތީމުގެ ލޮބުވެތި ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީއެވެ.

މި ޝަރަފު އެރުވުން އޮންނާނީ، މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާ އޮންނާނީ، އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި، ގައުމީ ދުވަހުގެ މުނާސަބަތުގައި މި ބާއްވަވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވުން އޮންނާނެއެވެ. މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ 3 ބޭފުޅަކަށެވެ. އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ، އެ ބޭފުޅެއްގެ ހަނދާނަށެވެ.

މި އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ 9 ބޭފުޅަކަށާއި ކުންފުންޏަކަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސް އުފައްދަވައިފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

- ކޮމެންޓް