ކ. މާލެ
|
21 އޯގަސްޓް 2025 | ބުރާސްފަތި 08:04
ދަ ހޭގް ގައި ހުންނަ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު
ދަ ހޭގް ގައި ހުންނަ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު
ގެޓީއިމޭޖަސް
އައިސީސީ
އެމެރިކާ އިން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ފަނޑިޔާރުންނަށާއި ޕްރޮސެކިއުޓަރުންނަށް އަމާޒުކޮށް އައު ފިޔަވަޅުތަކެއް އިޢުލާނު ކޮށްފި
އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވިދާޅުވީ އައިސީސީ އަކީ އެމެރިކާ އާއި އިސްރާއީލަށް ނުރައްކަލެއް ކަމަށާއި އިތުރު ދެ ފަނޑިޔާރަކާއި ދެ ޕްރޮސެކިއުޓަރެއްގެ މައްޗަށް ފިޔަވަޅު އަޅާފައިވާ ކަމަށް. ކޯޓުން ބުނީ ބިރުދެއްކުމަކަށް ބެލުމެއް ނެތި އެ ފަރާތުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް.

އެމެރިކާ އިން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ފަނޑިޔާރުންނަށާއި ޕްރޮސެކިއުޓަރުންނަށް އަމާޒުކޮށް އައު ފިޔަވަޅުތަކެއް އިޢުލާނުކޮށްފިއެވެ.

މިއީ ޣައްޒާގައި ހިންގި ކަމަށް ތުހުމަތު ކުރެވޭ ހަނގުރާމައިގެ ކުށްތަކާ ގުޅިގެން އިސްރާއީލުގެ ވެރިން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ކޯޓާ ދެކޮޅަށް ކުރިން ފެށި ޕްރެޝަރ ކެމްޕޭނުގެ އިތުރު ފިޔަވަޅެވެ.

ބުދަ ދުވަހު ނެރުނު ބަޔާނެއްގައި، އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވިދާޅުވެފައި ވަނީ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ފިޔަވަޅު އަޅާފައިވާ އައިސީސީގެ މެންބަރުންގެ ލިސްޓަށް ދެ ފަނޑިޔާރަކާއި ދެ ޕްރޮސެކިއުޓަރެއް އިތުރު ކޮށްފައިވާ ކަމަށެވެ.

"މި ކޯޓަކީ އެމެރިކާ އާއި އަހަރެމެންގެ ގާތް އެކުވެރިޔާ އިސްރާއީލާ ދެކޮޅަށް ލޯފެއަރގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރެވިފައިވާ ޤައުމީ ސަލާމަތަށް ނުރައްކަލެކެވެ،" ރޫބިއޯ ބަޔާނުގައި ވިދާޅުވިއެވެ.

އައިސީސީ އިން ކުރިން ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓަށް، ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ތުހުމަތުގައި ހައްޔަރު ކުރުމުގެ އަމުރު ނެރެފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިޢުލާނާ ގުޅިގެން، ބުދަ ދުވަހު ކޯޓުން ވަނީ އެމެރިކާ އިން އިތުރުކުރި ފިޔަވަޅުތަކަކީ "މިނިވަން އަދި ވަކިފަރާތަކަށް ނުޖެހޭ ޝަރުޢީ މުއައްސަސާއަކަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމައިގެ ކުށްތަކުގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ދިން ހަމަލާ އެއް" ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. އަދި އެއްވެސް ހުރަހެއް، ޕްރެޝަރެއް ނުވަތަ ބިރުދެއްކުމަކަށް ބެލުމެއްނެތި އެ ފަރާތުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެއެވެ.

އަނެއްކޮޅުން، ނަތަންޔާހޫ ވަނީ ރޫބިއޯގެ ފިޔަވަޅަކީ އިސްރާއީލު ދައުލަތް ބަދުނާމުކުރުމުގެ ކެމްޕޭނަކާ ދެކޮޅަށް އެޅުނު ހަރުދަނާ ފިޔަވަޅެއް" ގެ ގޮތުގައި ސިފަކޮށް އެކަމަށް މަރުޙަބާ ކިޔާފައެވެ.

އައު ފިޔަވަޅުތައް އަމާޒު ކޮށްފައި ވަނީ ކެނެޑާގެ ކިމްބަރލީ ޕްރޮސްޓް، ފްރާންސްގެ ނިކޮލާސް ގިއުލޫ، ފިޖީގެ ނަޒްހަތް ޝަމީމް ޚާން އަދި ސެނެގަލްގެ މާމެ މަންދިޔާޔެ ނިޔަންގް އަށެވެ.

ގިއުލޫ އަކީ ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރު ނެރުނު ޕްރީ-ޓްރަޔަލް ޕެނަލް ބެލެހެއްޓި އައިސީސީގެ ފަނޑިޔާރެކެވެ. އަދި ޚާން އާއި ނިޔަންގް އަކީ ކޯޓުގެ ދެ ޑެޕިއުޓީ ޕްރޮސެކިއުޓަރުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި ތިން މީހުންގެ ނަން ހިމަނާފައި ވަނީ އިސްރާއީލުގެ ވެރިންގެ އެރެސްޓް ވޮރަންޓް ނެރުމާއި ދެމެހެއްޓުމުގައި އެ މީހުން އަދާކުރި ދައުރަށް ރިޢާޔަތްކޮށެވެ.

އައިސީސީ އިން ގެންދަނީ އަފްޣާނިސްތާނުގައި އެމެރިކާގެ އަސްކަރިއްޔާ އިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހަނގުރާމައިގެ ކުށްތަކާ ގުޅޭ ގޮތުން ވެސް ތަޙުޤީޤު ކުރަމުންނެވެ.

އެމެރިކާ އާއި އިސްރާއީލަކީ އައިސީސީގެ ބައިވެރިންނެއް ނޫނެވެ. ނަމަވެސް، ތުހުމަތުކުރެވޭ ކުށްތައް ހިނގި ތަންތަނަކީ ކޯޓުގެ ބައިވެރިން ކަމަށްވާތީ، މެމްބަރު ގައުމުތައް ނޫން ޤައުމުތަކުގެ ރައްޔިތުންނަށް ވެސް އެރެސްޓް ވޮރަންޓް ނެރެވިދާނެ ކަމަށް ކޯޓުން ބުނެއެވެ.

އެމެރިކާ އަކީ އައިސީސީ އަށް ދިގު މުއްދަތެއްގައި ފާޑު ކިޔަމުން އަންނަ ފަރާތެކެވެ. އަދި އެމެރިކާގެ އޮފިޝަލުންނަށް ހަނގުރާމައިގެ ކުށްތަކުގެ ދަޢުވާ އުފުލިދާނެ ކަމާ މެދު އެމެރިކާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، ކުރީގެ ސަރުކާރުތަކުން ފާޑު ކިޔުމުގެ އިތުރުން ކޯޓުގެ އޮފިޝަލުންނަށް އަމާޒު ކޮށް ހައްދު ފަހަނަ އަޅާފައިވާ ފިޔަވަޅުތަކާ ހަމައަށް ގޮސްފައެއް ނުވެއެވެ.

- ކޮމެންޓް