ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ބުދަ ދުވަހުގެ ހެނދުނު 10:00ން ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ށް އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް އެއިދާރާއިން ލަފާކޮށްފައިވެއެވެ.
ހުޅަނގުއުތުރާއި އުތުރުން، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭވެހިފައިވާ ރަށްތަކަށް ބަލާއިރު، ސ.ހިތަދޫއަށް 119.2 މިލިމީޓަރު، ސ.ގަމަށް 66 މިލިމީޓަރު، ސ.ހުޅުމީދޫއަށް 54 މިލިމީޓަރު އަދި ގއ.ގެމަނަފުއްޓަށް 52.6 މިލިމީޓަރުގެ ވާރޭވެހިފައިވާކަން ރިކޯޑު ކުރެވިފައިވެއެވެ.
މީގެ އިތުރުން މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 2 ނުވަތަ 5 ފޫޓު ހުންނާނެ ކަމަށެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވާތީ، ހުރިހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.