އއ. މަތިވެރިން ބޭސް ލިބުމުގައި ހުރި ދަތިތަކުގެ ވާހަކަ ރައީސް މުހައްމަދު މުއިއްޒު އަށް ދަންނަވައިފިއެވެ.
މިކަން ރަށު ކައުންސިލް އިން ފާހަގަ ކުރީ މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ މަތިވެރި ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ އެކު އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.
މަތިވެރި ކައުންސިލުގެ އިދާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި، ކައުންސިލްގެ ފަރާތުން ފާހަގަ ކުރި އެހެން ކަންކަމުގެ ތެރޭގައި އެއަރޕޯޓު މަޝްރޫޢާއެކު ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވުމަށް އެދިފައި ވެއެވެ. މީގެއިތުރުން ކައުންސިލުން ވަނީ ސްކޫލަށް އިތުރުކުރަމުންދާ ކުލާސްރޫމްގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް އެދިފައެވެ. އަދި ޞިއްހީ މަރުކަޒުގެ މުވަޒަފުންގެ ދަތިކަން ކައުންސިލުން ފާހަގަކުރިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.