އިސްރާއީލުން ޣައްޒާ ގެ އެންމެ ބޮޑު ސަރަހައްދު ކަމުގައިވާ ޣައްޒާ ސިޓީ ހިފުމަށް ނިންމި ނިންމުމުގެ ދަށުން، ފަލަސްތީނުގެ ރައްޔިތުން އެ ސިޓީން މަޖުބޫރުން ދެކުނަށް ބަދަލުކުރުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
އިސްރާއީލީ ސިފައިންގެ އަރަބި ބަހުގެ ތަރުޖަމާނު އާވީޗައި އަޑްރައީ ހޮނިހިރު ދުވަހު ބުނި ގޮތުގައި، ބަދަލުކުރެވޭ ރައްޔިތުންނަށް ޓެންޓުތަކާއި އެހެނިހެން ހިޔާވަހިކަމުގެ ވަސީލަތްތައް ކަރަމް އަބޫ ސާލިމް ކްރޮސިންގ މެދުވެރިކޮށް އދ އާއި ބައިނަލްއަގުވާމީ އެހީގެ ޖަމިއްޔާތަކުން ފޯރުކޮށްދޭނެއެވެ.
އދ އިން މިހާތަނަށް އިސްރާއީލުގެ މި އިއުލާނާ ގުޅޭގޮތުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ބުރާސްފަތި ދުވަހު އދ އިން ވަނީ، މިހާރުވެސް ނިކަމެތި އިންސާނީ ހާލަތެއްގައި ތިބި އެތައް ހާސްއާއިލާތަކަށް ޣައްޒާ ސިޓީގެ ޕްލޭން ކުރިއަށް ގެންދިއުމުން އިތުރު ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ދީފައެވެ.
ހަމާސްގެ އެކުވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދުން އިސްރާއީލު ސިފައިންގެ މި އިއުލާނު ސިފަކޮށްފައިވަނީ "ޣައްޒާ ސިޓީ ހިފުމަށް ދޭ އަނިޔާވެރި ހަމަލާގެ ބައެއް" ގެ ގޮތުގައެވެ. އަދި މިއީ "ބައިނަލްއަގުވާމީ މުއާހަދާތަކަށް ކުރާ ފާޅުކަން ބޮޑު މަލާމާތެއް" ކަމަށް ބުނެފައިވެއެވެ.
ޣައްޒާ ސިޓީ އިން ގަދަކަމުން މީހުން ބޭރު ކުރާކަން އިއުލާނު ކުރީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހަމާސްގެ ދެ މައި މަރުކަޒު ކަމަށް ބުނާ އުތުރުގެ ޣައްޒާ ސިޓީ އާއި ދެކުނުގެ އަލް-މަވާސީ "ނައްތާލުމަށް" ސިފައިންނަށް ހުއްދަ ދީފައިވާކަން އިއުލާނުކުރި ތާ ހަފްތާއެއް ނުވަނީސްއެވެ.
ފާއިތުވި ހަފްތާގައި އިސްރާއީލު ސިފައިން ވަނީ ޣައްޒާ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކުގައި ދޭ ހަމަލާތައް އިތުރުކޮށްފައެވެ. ޒައިތޫން އަދި ޝުޖާއިއްޔާ ސަރަހައްދުތަކުގެ ރައްޔިތުން ބުނާ ގޮތުގައި އިސްރާއީލުގެ ވައިގެ އަދި ޓޭންކުތަކުގެ ހަމަލާތައް ވަނީ ގަދަވެފައެވެ.