ޗައިނާގެ ޚާރިޖީ ވަޒީރު ވާންގ ޔީ އިންޑިއާ އަށް ދަތުރުފުޅެއް ކުރައްވަން ނިންމަވައިފި އެވެ.ޗައިނާގެ ފޮރިން މިނިސްޓްރީން ހޮނިހިރު ދުވަހު ހާމަކުރި ގޮތުގައި، އެ ގައުމުގެ ޚާރިޖީ ވަޒީރު ވާންގ ޔީ އަންނަ ހޯމަ ދުވަހު އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ސަރަހައްދީ ބޯޑަރާ ގުޅޭ މައްސަލަތަކުގައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ކަމަށް ރޮއިޓާސް އިން ބުނެއެވެ.
އޯގަސްޓް 18 އިން 20 އަށް ކުރިއަށްދާ މި ދަތުރުފުޅުގައި، ދެ ގައުމުގެ ބޯޑަރާ ގުޅޭ 24 ވަނަ ސްޕެޝަލް ރެޕްރެޒެންޓެޓިވްސް ބައްދަލުވުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މަޝްވަރާތައް ހުއްޓުނީ 2020 ގައި ދެ ގައުމުގެ ބޯޑަރުގައި ހިނގި ކުރިމަތިލުން ތަކަށް ފަހުގައެވެ.
ދެ ގައުމުގެ މެދުގައި ހިމަލަޔާ ފަރުބަދަ ހުރަސްކޮށް ކުރެވޭ ވިޔަފާރި ކުޑަ ނަމަވެސް، މަޝްވަރާ ތައް ފެށުމަކީ މިއީ ދެ ގައުމުގެ ގުޅުމަށް ވަރަށް މުހިންމު ކަމެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު ވެސް ވަނީ ޖުލައި މަހު ބެއިޖިންގ އަށް ދަތުރުފުޅެއް ކުރައްވާފައެވެ.ދުނިޔޭގެ އިގުތިސާދީ ބާރުވެރި ދެ ގައުމުގެ ގޮތުގައި ހިމެނޭ ޗައިނާ އާއި އިންޑިއާ ވަނީ ދެކުނު އޭޝިއާގެ ސަރަހައްދުގައި ނުފޫޒު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕްގެ ވެރިކަމުގައި ގެންގުޅުއްވާ ޓެރިފް ސިޔާސަތުގެ ސަބަބުން ކުރިމަތިވި ވިޔަފާރީގެ ގޮންޖެހުންތަކާ ގުޅިގެން، ދެ ގައުމުން ވަނީ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ފަށާފައެވެ.
ފާއިތުވި ހަފްތާތަކުގައި ދެ ގައުމުގެ އިސް އޮފިޝަލުން ވަނީ ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރި އަލުން ފެށުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. މީގެ އިތުރުން، ސީދާ ވައިގެ ދަތުރުތައް އަލުން ފެށުމާއި، ޓޫރިސްޓް ވިސާ ދޫކުރުމާ ގުޅޭ މަޝްވަރާތައް ވެސް ވަނީ ކުރެވިފައެވެ. މިއީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ބެލެވެއެވެ.