2023 އާއި 2024 އާ ދެމެދު ކްރެޑިޓް ކާޑު ބޭނުން ކޮށްގެން 2.1 ބިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް އެމްއެމް އޭ އިން ހާމަ ކޮށްފިއެވެ.
އެމްއެމްއޭ އިން ޝާއިއު ކުރި "ޕޭމަންޓްސް ބުލެޓިން" ގައި ވާ މައުލޫމާތައް ބަލާއިރު 2023 ވަނަ އަހަރު ޕޭމަންޓު ކާޑު ބޭނުން ކޮށްގެން ބޭރުގެ އޭޓީއެމް މެޝިން ތަކުން ފައިސާ ނެގުމުގެ 403 ހާސް މުޢާމަލާތް ރެކޯޑުކުރެވުނެވެ. އެހެން ނަމަވެސް 2024 ވަނަ އަހަރު މި އަދަދު 220 ހާހަށް ދަށަށް ގޮސްފައެވެ. މިއީ މުޢާމަލާތްތަކުގެ އަދަދުން ބަލާއިރު 45 އިންސައްތައިގެ ދަށްވުމެކެވެ. ހަމައެއާއެކު، ރާއްޖެ އިން ބޭރުގެ އޭޓީއެމްތަކުން ނަގާ ފައިސާގެ ޖުމްލަ އަގުވެސް 31 އިންސައްތަ ދަށްވެފައިވެއެވެ. އެއީ 2023 ވަނަ އަހަރު 1.1 ބިލިއަން ރުފިޔާއިން 2024 ވަނަ އަހަރު 791 މިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ.
އަނެއްކޮޅުން، އެމްއެމްއޭ ގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ޕްރީޕެއިޑް އަދި ކްރެޑިޓް ކާޑު ފަދަ ޑިޖިޓަލް ޚިދުމަތްތަކުގެ މަގުބޫލު ކަން ވަނީ އިތުރުވެފައެވެ. މިއީ ގިނަ ފަހަރަށް ފައިސާ އަތުގައި ގެންގުޅުމުގެ ބަދަލުގައި، ބޭރު ފައިސާގެ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭތީ ކަމަށް ބެލެވެއެވެ. މި ޓްރެންޑު ޚާއްޞަކޮށް ފެންނަނީ ޕްރީޕެއިޑް ކާޑުތަކުގައެވެ. ބައިނަލްއަޤްވާމީ މުޢާމަލާތްތައް 2023 ވަނަ އަހަރުގެ 216.7 މިލިއަން ރުފިޔާއިން 2024 ވަނަވަނަ އަހަރު 320.5 މިލިއަން ރުފިޔާ އަށް އިތުރުވެ، 48 އިންސައްތައިގެ ކުރިއެރުމެއް ވަނިީ ރެކޯޑް ކުރެވިފައެވެ. ހަމައެފަދައިން، 2023 އާއި 2024 އާ ދެމެދު، ކްރެޑިޓް ކާޑުތަކުން ކުރެވުނު ބައިނަލްއަޤްވާމީ މުޢާމަލާތްތައް 31 އިންސައްތަ އިތުރުވެ، ޖުމްލަ އަގު 2.1 ބިލިއަން ރުފިޔާ އަށް ވުރެ އިތުރުވެފައިވެއެވެ.
2023 ވަނަ އަހަރުން ފެށިގެން، މި ޚިދުމަތާ ގުޅޭ ވަކި މަޢުލޫމާތު އެމްއެމްއޭ އިން ގެންދަނީ އެއްކުރަމުންނެވެ.