ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސްގެ މައްޗަށް ތުހްމަތު ކުރާ ޖިނާއީ ތުހްމަތުތަކުގެ މައްސަލާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އޭގެ ފަހުން އެ މައްސަލައާ ގުޅުންހުރި ކިތަންމެ ކަމެއް ވަނީ ފާޅުވެފަ އެވެ. ސުވާލަކީ އަދިވެސް އޭނާ ދޫކޮށްލަންވީ ވަގުތު ނާދޭ ހެއްޔެ އެވެ.
ފާރިސް ބަންދުގައި ބަހައްޓާފައި ވަނީ ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފަށް ކަމަށް ގާނޫނީ ވަކީލުން ފާހަގަ ކުރައްވަ އެވެ. އެކަމަށް ބާރުލިބޭ ކަންކަން އެއް ދުވަހުން އަނެއް ދުވަހަށް ހާމަވަމުންދާއިރު ފާރިސް ބަންދުގައި އެގޮތަށް ނުބެހެއްޓޭނެކަން އެންމެ އާދައިގެ މީހާއަށް ވެސް ވިސްނޭވަރަށް ކަންކަން ތިލަވެއްޖެ އެވެ. ފުލުހުން ތަހުގީގު ކުރަމުންދާ ރިޝްވަތު ދިނުމުގެ ކުށުގެ ތުހުމަތަކާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރިއިރު ފާރިސްގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތު ދިނުމުގެ ކުށުގެ ތަހުގީގު ނުނިމެ އެވެ. އަދި އެމައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ވެސް އޭރު ނުފޮނުވަ އެވެ.
ފާރިސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމާފައިވާ ސަބަބުތަކުގެ ތެރޭގައި ތުހްމަތު ކުރެވެނީ "ޖިނާއީ ބޮޑު ކުށަކަށް ކަމަށް ވާތީ" ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ރިޝްވަތު ދިނުމުގެ ކުށަކީ ބޮޑު ކުށެއް ނޫން ކަމަށް ކަނޑައަޅާފައިވާކަން ފާރިސް ވަކީލުން ހައި ކޯޓުގައި ފާހަގަ ކުރި އެވެ. އެހާ ހިސާބުން އެ ނަފީ ކުރެވޭނެ ވާހަކައެއް ދައުލަތަކަށް ނުދެއްކުނެވެ.
އެއާ ގުޅިގެން ދެން ފާޅުވި އެއްކަމަކީ ފާރިސްއާއެކު ރިޝްވަތުގެ ދިނުމުގައި ބައިވެރިވި ކަމަށް ފުލުހުން ތުހްމަތު ކުރި އަހްމަދު ޝާފިއު ދޫކޮށްލަން ހައި ކޯޓުން ކުރި ހުކުމުގައި ރިޝްވަތުގެ ކުށަކީ "ޖިނާއީ ބޮޑު ކުށެއްގެ ތުހްމަތު ނޫން" ކަމަށް ކަނޑައަޅާފައިވުމެވެ. . ފާރިސްގެ މައްޗަށް ވެސް ހަމަ އެ ތުހުމަތު ކުރެވި އޭނާ ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަން އެ އޮތީ ހާމަވާށެވެ.
ޖިނާއީ ކުޑަ ކުށެއްގެ ތުހްމަތުގައި ނަމަ ބެހެއްޓޭނީ އެންމެ ގިނަ ވެގެން ވެސް 15 ދުވަހަށް ކަމަށް ކަނޑައަޅާފައިވާ ކަންވެސް އެނގެ އެވެ.
މިހުރި ހެކިތައް ފާޅުވި ފަހުން ދެން ފެނުނީ މައްސަލާގެ ހުކުމް ކުރުން ފަސްކުރަން ފެށިތަނެވެ.
އެ މައްސަލާގެ އަޑުއެހުންތައް މި މަހުގެ ހަ ވަނަ ދުވަހާއި ނުވަނަ ދުވަހު ބޭއްވުމަށް ފަހު އަޑުއެހުންތައް ނިމިފައިވާކަން ފަނޑިޔާރުން ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި އެ މައްސަލާގައި ހުކުމް ކުރުމަށް މި މަހުގެ 20 ވަނަ ދުވަހަށް ތާވަލު ކުރުމަށް ފަހު ވަނީ ކެންސަލް ކޮށްފަ އެވެ.
ފާރިސް ދޫކޮށްލުމުގެ ބަދަލުގައި އަނެއްކާ ވެސް ފެނުނީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗަށް ބަދަލުގެނައިތަނެވެ. އަހްމަދު ސަމީރު އިސް ފަނޑިޔާރަކަށް އިންނަވައިގެން ފާރިސްގެ މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އަޑުއެހުންތައް ނިމިފައިވާ އެ މައްސަލަ ބައްލަވަމުން ގެންދެވީ އެ ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަހްމަދު ސަމީރާއި ފަނޑިޔާރު އަބްދުލް ރައޫފެވެ. އެ ބެންޗްގެ އިސް ފަނޑިޔާރަކަށް ސަމީރު އިންނެވިއިރު އެ ބެންޗުގައި ހިމެނިވަޑައިގެންނެވި ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ އެ މައްސަލައިގެ ފައިލްތައް ސަމީރު އަތްޕުޅުން ނަންގަވައި އިސް ފަނޑިޔާރަކު ބިއުޔޯ އަށް ގެންދަވާފަ އެވެ. މާނައަކީ އެ މައްސަލާގެ ހުކުމް ކުރުން ހުއްޓުވާފަ އެވެ.
ފާރިސްގެ މައްސަލަ ބައްލަވަމުން ގެންދެވި އެއް ވެސް ފަނޑިޔާރަކު އެ މައްސަލައިން ތަނާޒުލްވެފައި ނުވަނީސް އެ ބެންޗްގެ އިސް ފަނޑިޔާރަކަށް އިންނެވި ސަމީރުގެ އަތްޕުޅުން ފައިލްތައް ނެންގެވުމަކީ އެ ކޯޓުގެ އިސް ފަނޑިޔާރަށް ކުރެއްވޭނެ ކަމެއް ނޫން ކަން މީގެ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅުއްވައި 2012 ވަނަ ނެރުނު މެންޑާމަސް އަމުރަށް ބެލުމުން އެނގެ އެވެ.
ފާރިސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލް ކުރުމަށް ހުށަހަޅައިފައިވާ މައްސަލާގެ ހުކުމް ނެރެންދެން ވެސް ވަގުތީ އަމުރެއްގެ ދަށުން އޭނާ ދޫކޮށްލުމުގެ އަމުރަކަށް ހައި ކޯޓުގައި އެދިފައިވީ ނަމަވެސް އެވެސް ވީތަނެއް ނޭނގެ އެވެ. ނަމަވެސް ވަގުތީ ގޮތުންވެސް އޭނާ ދޫކޮށްލަން ޖެހެނީ އޭނާ ބަންދުގައި ބަހައްޓަން ކުރި އަމުރަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާއި ހިލާފަށް ނެރިފައިވާ އަމުރެއްކަން ފާޅުކަން ބޮޑުގޮތެއްގައި އެނގޭނެ ހަގީގަތްތައް ހުރުމުން ކަމަށް އޭނާގެ ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
ދެން އޮތީ ފާރިސް ދޫކޮށްލަން ކޯޓުން އަމުރު ނެރިފިނަމަ އޭނާ ބަންދުގައި ބަހައްޓައިގެން ކޮށްފައިވާ ތަހްގީގު މައްޗަށް އުފުލި ދައުވާ ވެސް ބާތިލް ވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ގާނޫނީ ހަމަ އެވެ. އެހެން ކަމުން ހައި ކޯޓުން ބަލާ ނިންމާފައިވާ މައްސަލާގައި އަވަސް ނިޔާއެއް ކަނޑައަޅާ ދިނުމަކީ އިންސާފަށް ބޮޑު ފިޔަވަޅަކަށްވާނެ އެވެ. ވަކި މީހެއްގެ ނުފޫޒެއް ނެތް ނަމަ ފާރިސް ދޫކޮށްނުލާން މި ހިފަހައްޓަނީ ކޮންކަމެއް ސާފުނުވެގެންތޯ އެވެ. ދައްކާނެ ގާނޫނީ ހުއްޖަތެއް އެބަ އޮތްތޯ އެވެ.