އިސްރާއީލުގެ "ގްރޭޓަރ އިސްރާއިލް" ނުވަތަ "ބޮޑު އިސްރާއީލް"ގެ ވިޝަނާއި މެދު އިސްރާއިލްގެ ބޮޑުވަޒީރު ބޮޑުވަޒީރު ބެންޖެމިން ނަތަންޔާހޫ ދެއްކި ވާހަކަތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަލަސްތީނުގެ ބިމުގައި އިތުރު ޖަގަހަތައް ގާއިމުކުރުމަށް ރޭވިފައިވާ ކަމަށް ބުނެފައިވާ ވާހަކަތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއްކަމަށެވެ.
މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ މި ފަދަ ޢަމަލުތަކަކީ އދ. ގެ ޗާޓަރާއި ޚިލާފު އަމަލުތަކެވެ. އަދި 1967 ގެ ކުރީގެ ސަރަހައްދުތަކުގައި އިރުމަތީ ޖެރޫސަލަމް ވެރިކަން ކުރާ މިނިވަން ފަލަސްތީން ދައުލަތެއް ގާއިމުކުރުމުގެ ހައްގަށް ހުރަސް އެޅޭނެ ކަމަށް ވަނީ ބުނެފައެވެ. ރާއްޖެއިން ވަނީ މި ފަދަ ގާނޫނާ ޚިލާފު ސިޔާސަތުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.
ސަރަހައްދީ ސުލްހައާއި އަމަން އަމާންކަން ނަގާލުމަށް މަގުފަހިވެދާނެ މިފަދަ ޢަމަލުތައް ހުއްޓުވުމަށް އެންމެން އެއް އަޑަކުން މަސައްކަތްކުރުމުގެ މުހިންމުކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ފަލަސްތީނުގެ މައްސަލައަށް ޢަދުލުވެރި، ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދާނެކަން އަލުން އެކުވެރި ދުނިޔެއަށް ޔަގީންކޮށްދީފައިވެއެވެ.