Advertisement
ކ. މާލެ
|
11 އޯގަސްޓް 2025 | ހޯމަ 15:00
އޭދަފުށި
މުއިއްޒު ސަރުކާރުން އޭދަފުށީގައި އަޅާ 15 ބުރީގެ 12 ޓަވަރު: އެއް ކަމެއް ވެސް ނުހިނގާ، ފެންނަން އޮތީ ހުސް ބިމެއް
މިހާ ބައިވަރުު ފްލެޓް އޭދަފުށީގައި އަޅަނީ އެ ރަށަކީ އާބަން ސެންޓަރެއްގެ ގޮތުގައި މުއިއްޒު ސަރުކާރުން ދެކޭ ރަށެއް ކަަމަށް ވާތީ ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވި
އޭދަފުށީ ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި މަޝްރޫޢުގެ މަސައްކަތް ނުފެށި ހުރި ސަބަބަކީ ފައިނޭންސް ހަމަނުޖެހުން
ފްލެޓް އަޅަން ކަނޑައެޅި ސަރަހައްދުގައި އޮތީ ވިނަ ހެދިފައިވާ ހުސް ބިމެއް

ރައީސް މުހައްމަދު މުއިއްޒު ސަރުކާރުން ބ. އޭދަފުށީގައި 15 ބުރީގެ 12 ޓަވަރު އެޅުމަށް ނިންމައި، އެ މަސައްކަތް ބޭރު ކުންފުންޏަކާ ހަވާލުކުރި ފަހުން މިހާތަނަށް އެއްވެސް މަސައްކަތެއް ފެށިފައި ނުވާކަން ހާމަވެއްޖެއެވެ.

ރަސްމިއްޔާތެއް ބާއްވާ މި މަޝްރޫޢުގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ ޗައިނާގެ ސީނޯ ހައިޑްރޯ ކިޔާ ކުންފުންޏަކާ ނޮވެމްބަރު 16، 2024 ގައެވެ. މި މަޝްރޫޢުގެ ދަށުން 15 ބުރީގެ 12 ޓަވަރުގައި ތިން ކޮޓަރީގެ 336 ފްލެޓާއި، ދެ ކޮޓަރީގެ 672 ފްލެޓް، ޖުމްލަ 1000 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާ ކަަމަށް މުއިއްޒު ސަރުކާރުން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އޭރު ވިދާޅުވެފައި ވަނީ، އޭދަފުށީގައި މިފަދަ ބޮޑު މަޝްރޫޢެއް ހިންގުމަށް ނިންމެވި މައިގަނޑު ސަބަބަކީ، އެ ރަށަކީ މި ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށަކަށް ވާތީ ކަމަށެވެ.

މި މަޝްރޫޢުގެ ފައިނޭންސް ހޯދުމަށް 2024 ވަނަ އަހަރުގެ މެއި މަހުގެ 8 ވަނަ ދުވަހު ޗައިނާގެ ސީނޯ ހައިޑްރޯ ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ނޮވެމްބަރު 16، 2024 ގައި ސޮއިކުރި ނަމަވެސް، އެދުވަހުން ފެށިގެން މިއަދާ ހަމައަށް އައި އިރުވެސް އެއްވެސް މަސައްކަތެއް އެ ސަރަހައްދުގައި ހިނގާފައެއް ނުވެއެވެ.

ރާއްޖެޓީވީގެ ޓީމުން އޭދަފުއްޓަށް ގޮސް އޭދަފުށީ ގައި ފްލެޓް އަޅަން ކަނޑައަޅާފައިވާ ސަރަހައްދަށް ގޮސް ބެލި އިރު، އެ މަސައްކަތުގެ އެއްވެސް ނިޝާނެއް އެތަނުން ފެންނާކަށް ނެތެވެ. ފެންނަން އޮތީ ވިނަ ހެދިފައި އޮތް ހުސް ބިމެކެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި، މަޝްރޫޢުގެ މަސައްކަތް ނުފެށި އޮތް ސަބަބަކަށް ބޮޑަށް ބެލެވެނީ ފައިނޭންސް ހަމަނުޖެހުމެވެ.

ބ. އަތޮޅުގެ ގިނަ ރަށްރަށުގައި ވެސް ހަމަ މިފަދައިން ގިނަ މަޝްރޫއުތައް ހުއްޓިފައި ވަނި ކޮށް، ރައީސް މުއިއްޒު ވަނީ އޮގަސްޓް 11 ވީ ހޯމަ ދުވަހު ބ. އަތޮޅަށް ދަތުރުފުޅެއް ފައްޓަވާފައެވެ. މި ދަތުރުފުޅުގައި އޭދަފުއްޓަށް ވެސް ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ.

- ކޮމެންޓް