ކ. މާލެ
|
10 އޯގަސްޓް 2025 | އާދީއްތަ 21:19
ކޮފީ އެކްސްޕާޓެއް ބެސްޓް އޮފް ޕެނަމާ 2025 ގައި ބައިވެރިކޮށްފައިވާ ގީޝާ ކޮފީ ގެ ބާވަތްތަކުގެ ރަހަ ބަލަނީ
ކޮފީ އެކްސްޕާޓެއް ބެސްޓް އޮފް ޕެނަމާ 2025 ގައި ބައިވެރިކޮށްފައިވާ ގީޝާ ކޮފީ ގެ ބާވަތްތަކުގެ ރަހަ ބަލަނީ
އީޕީއޭ
ބެސްޓް އޮފް ޕެނަމާ
ޕެނަމާގެ ގީޝާ ކޮފީ އަނެއްކާ ވެސް އަގުގެ ތާރީޚީ ރެކޯޑެއް ހަދައިފި
ކޮފީގެ މޮޅު ބާވަތްތައް ބައިވެރިކުރާ މި ނީލަމުގައި ޖުމްލަ 2.8 މިލިއަން ޑޮލަރަށްވުރެ ގިނައިން ވިޔަފާރިކުރެވި، ކިލޯއެއްގެ އެވްރެޖް އަގު 2,861 ޑޮލަރަށް އަރާފައިވޭ.

ޕެނަމާގެ ގީޝާ ކޮފީ އަނެއްކާ ވެސް އަގުގެ ތާރީޚީ ރެކޯޑެއް ހަދައިފިއެވެ.

2025 ވަނަ އަހަރުގެ "ބެސްޓް އޮފް ޕެނަމާ" ބައިނަލްއަޤްވާމީ އޮންލައިން ނީލަމުގައި މީގެ ކޮފީ ވިއްކާލީ ކިލޯ އެއް 30,204 އެމެރިކާ ޑޮލަރަށެވެ.

ޕެނަމާގެ ނޫހެއް ކަމަށްވާ "ލަ ޕްރެންސާ" އިން ރިޕޯޓުކުރި ގޮތުގައި، މި ނީލަމުގައި އެންމެ މަތީ އަގު ހުށަހެޅި ލޮޓު ގަތީ ދުބާއީގެ ފަރާތަކުންނެވެ. މިއީ ދުނިޔޭގެ ކޮފީ ސިނާއަތުގައި އައު ރެކޯޑެއް ކަމުގައި ބެލެވެއެވެ.

މި ނީލަމުގައި ނެޗުރަލް ގީޝާ ބާވަތުގެ ކޮފީ ކިލޯއަކަށް 23,608 އެމެރިކާ ޑޮލަރު ރޭޓުން ޗައިނާ މީހަކު ގަތެވެ. އަދި ވެރައިޓަލް ބައިގައި، ލައުރީނާ ބާވަތުގެ ލޮޓެއް ކިލޯއަކަށް 8,040 އެމެރިކާ ޑޮލަރުގެ ރޭޓުން ބެއިޖިން ގެ ފަރާތަކަށް ވިއްކާލެވުނެވެ.

ޖުމްލަ ގޮތެއްގައި، ނީލަމަށް ހުށަހެޅުނު 50 ލޮޓުގެ ތެރެއިން 30 ލޮޓު ކިލޯ އަކަށް 1,000 އެމެރިކާ ޑޮލަރަށް ވުރެ މަތިން ވިއްކާލެވުނެވެ. މިގޮތުން، މި ނީލަމުގައި ރެކޯޑު އަދަދެއްގެ ގޮތުގައި 2.8 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަދަދަކަށް ވިޔަފާރި ކޮށްފައިވެއެވެ. އަދި އެވްރެޖް އަގެއްގެ ގޮތުގައި ކިލޯއަކަށް 2,861.20 އެމެރިކާ ޑޮލަރު ރެކޯޑުކުރެވުނެވެ. މިއީ 2024 ވަނަ އަހަރު ރެކޯޑުކުރެވުނު އަދަދުގެ ދެގުނައަށް ވުރެ ބޮޑު އަދަދެކެވެ.

- ކޮމެންޓް