އާސަންދައިގެ ދަށުން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން އަދި އެއްވެސް މީހަކަށް މިހާތަނަށް ފަރުވާނުލިބޭ ކަން ހާމަ ވެއްޖެއެވެ.
އާސަންދައިގެ ދަށުން ދިވެހި ރައްޔިތުންނަށް ބެންކޮކް އާއި ދުބާއީން ފަރުވާ ކުރެވޭ ގޮތައް ހަމަ ޖެހޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެ ސިޔާސަތުގެ ދަށުން އެ ދެ ގައުމުން މިހާތަނަށް ކިތަން މީހުންނަށް ފަރުވާ ދެވިއްޖެތޯ އާސަންދައިގައި ސުވާލު ކުރުމުން ބުނީ، "އާސަންދަ މެދުވެރިކޮށް މިހާރު ވެސް ބެންކޮކް ހޮސްޕިޓަލުގައި ދިވެހި ރައްޔިތެއް ދަނީ ފަރުވާ ލިބިގަންނަމުން،" ކަމަށެވެ.
އޭނާގެ ފަރުވާގެ ޚަރަދާ ބެހޭ ގޮތުން އާސަންދައިން ބުނީ "އެ ފަރާތުގެ ޚަރަދުގެ ތަފްސީލުތައް ސާފުވާނީ ފަރުވާ ނިމުމުން ކަމަށެވެ."
އޭގެ އިތުރުން އިތުރު ދެ މީހަކު ބެންކޮކް އަށް ފޮނުވުމަށް ހަމަ ޖެހިފައިވާ ކަމަށް އާސަންދަ އިން ބުންޏެވެ.
އާސަންދަ އިން ދިން މައުލޫމާތައް ބަލާއިރު އަދި މިހާތަނަށް ދުބާއީ އިން އެއްވެސް މީހަކަށް ފަރުވާ ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް އާސަންދަ އިން ބުނީ، "ޔޫއޭއީ އަށް ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ދެ ފަރާތެއް ފޮނުވުމަށް ހަމަޖެހި ފުރިހަމަ ކުރަން ޖެހޭ އިދާރީ ކަންކަން ދަނީ ފުރިހަމަ ކުރަމުން،" ކަމަށެވެ.
މި އަހަރު މިހާތަނަށް މެޑިކަލް ވެލްފެއަރ ގެ ދަށުން 2025 ވަނަ އަހަރު ޖެނުއަރީ މަހުން މެއި މަހުގެ ނިޔަލަށް ބޭންކޮކޮށް ފަރުވާ ހޯދުމަށް ދިޔަ 33 މީހަކަށް އެހީތެރިކަން ދީފައިވާ ކަމަށް އާސަންދަ އިން ބުނެފައި ވެއެވެ. އެ ގޮތުން އެމީހުންނަށް ދިން ޖުމްލަ އެހީގެ އަދަދު 1،575،677 ރުފިޔާ އަށް އަރާ ކަމަށް ވެސް އާސަންދަ އިން ބުނެފައިވެއެވެ. އެއީ ގާތްގަނޑަކަށް ބޮލަކަށް 48،000 ރުފިޔާގެ އެހީ އެވެ.
އާސަންދަ ކުންފުނިން ބުނީ ތައިލެންޑް އަށާއި ޔޫއޭއީ އަށް ބަލި މީހުން ފޮނުވުމަށް މިހާރު އުސޫލެއް އެކުލަވާލާފައިވާ ކަމަށެވެ.
ތައިލެންޑާއި ދުބާއީން ދިވެހިންނަށް އާސަންދަ ސްކީމުގެ ދަށުން ބޭސް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ނިންމާފައިވާކަން ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.
އާސަންދަގެ ހިދުމަތް ދިނުމަށް ޔޫއޭއީގެ ހޮސްޕިޓަލަކާއި ބެންކޮކްގެ ދެ ހޮސްޕިޓަލަކާ އެކު އާސަންދަ ކުންފުނިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއީ، ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލާއި ބެންކޮކް ހޮސްޕިޓަލާ އެކުގަ އެވެ.
ބެންކޮކް އާއި ޔޫއޭއީ ގައި އާސަންދަ ޚިދުމަތް ފެށި ކަމަށް އާސަންދަ ކުންފުނިން އިއުލާނު ކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.