ޣައްޒާ ގައި އިންސާނީ އެހީގެ ތަކެތި ފޯރުކޮށް ދިނުމުގެ ތެރެއިން ވައިގެ މަގުން ވައްޓާލި ޕެލެޓަކުން ޖެހި 15 އަހަރުގެ ފަލަސްޠީނު ކުއްޖަކު މަރުވެއްޖެ އެވެ.
މިއާ އެކު ހައި ހޫނު ކަމުގައި މަރުވި މީހުންގެ އަދަދު 212 އަށް ވަނީ އަރާފައެވެ.
ކާބޯތަކެތި ނުލިބުގެ މައްސަލަ އިންތިހާ އަށް ބޮޑު ވެފައިވާ މި ދަނޑިވަޅުގައި ޣައްޒާ ސްޓްރިޕް ގެ އެންމެ ބޮޑު ސިޓީ، ޣައްޒާ ސިޓީ މުޅިން ހިފުމަށް އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ނިންމުމުން ދުނިޔޭގެ ނުރުހުން އިސްރާއީލަށް ވަނީ އަމާޒު ވެފައެވެ. ހަނގުރާމައިގައި ވީރާނާ ވެފައިވާ އެ ސިޓީގައި ގާތްގަނޑަކަށް އެއް މިލިއަން މީހުން ދިރިއުޅެމުން ދެއެވެ.
އަލްޖަޒީރާ އިން ޞައްޙަކަން ކަށަވަރުކޮށްފައިވާ ޣައްޒާގެ މަންޒަރުތަކުން ފެންނަ ގޮތުގައި ހޮނިހިރު ދުވަހު މެދުތެރޭ ޣައްޒާގެ "ނެޓްޒަރިމް ކޮރިޑޯ" ކިޔާ ސަރަހައްދުގައި ހިނގި މި ހާދިސާ ގައި މުހަންނަދު ޒަކަރިއްޔާ އީދު ނަކަމަށް ކިޔާ ކުއްޖާގެ ވަށައިގެން ގިނަ ބަޔަކު އެއްވެފައިވާ ތަން ފެނެއެވެ.
ބައެއް މީހުން އެ ކުއްޖާ ގެ ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރާ ތަން ފެނެއެވެ. އޭނާގެ މޫނުމަތީގައި ލޭ ހުރި ކަމަށް މަންޒަރުތަކުން ފެނެއެވެ.
އެހެން މަންޒަރުތަކުގައި އެ ކުއްޖާގެ ބޭބެ އޭނާ އެ ތަނުން އުފުލައިގެން ގެންދާ ތަނާއި، ނުސައިރާތުގެ އަލް-އައުދާ ހޮސްޕިޓަލުގައި އޭނާގެ ބައްޕަ އޭނާގެ ހަށިގަނޑުގައި ހިފަހައްޓައިގެން ހުންނަ ތަން ފެނެއެވެ.
އީދުގެ ބޭބެ ރޮއިޓަރސް ނިއުސް އޭޖެންސީ އަށް ބުނެފައި ވަނީ ފަލަސްތީނު ގެ ކުއްޖާ މަރުވީ އެހީގެ ފެލެޓެއް އޭނާގެ ގައި މައްޗަށް ވެއްޓުމުން ކަމަށެވެ.
"އަޅުގަނޑުމެން ދިރިއުޅެމުންދާ ބަނޑުހައިކަމާއި ދަތި ހާލަތުގެ ތެރެއިން ވެސް، އަޅުގަނޑުގެ އަޚު ދިޔައީ މަތިންދާބޯޓުތަކުން ކަނޑަށް ވައްޓާލި އެހީގެ ތަކެތި ހޯދަމުންނެވެ. ފޮށްޓެއް ސީދާ އޭނާގެ ގައި މައްޗަށް ވެއްޓިގެން އޭނާ ޝަހީދުވީ،" އޭނާ ބުންޏެވެ.
"އެމީހުންނަށް [ވައިގެ މަގުން އެހީ ފޯރުކޮށްދިނުމުގައި ބައިވެރިވާ ޤައުމުތަކަށް] އެއްގަމު މަގުން އެހީ ވެއްދޭކަށް ނެތް. އަނެއްކޮޅުން އެމީހުން އަޅުގަނޑުމެންގެ ބޯމައްޗަށް އެތަކެތި ވައްޓާލައިގެން އަޅުގަނޑުމެންގެ ކުދިން މަރާލަނީ."
މި ނުރައްކާތެރި ހާދިސާ ހިނގި އިރު ވައިގެ މަގުން އެހީ ފޯރުކޮށް ދިނުމަކީ ނުރައްކާތެރި، ނާކާމިޔާބު އަދި އަގުބޮޑު ކަމެއްކަމަށް އދ އިން ތަކުރާރުކޮށް އިންޒާރު ދީފައި ވެއެވެ. އަދި އޭގެ ބަދަލުގައި އެއްގަމު މަގުން ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލަށް ގޮވާލާފައިވެއެވެ.
The real life hunger games, paid for with OUR money because @Keir_Starmer @DavidLammy are racist war criminals.
— redsarah99🇵🇸 #BlackLivesMatter🍉🍉 (@redsarah99) August 9, 2025
Aid airdrops by the UAE, Egypt, and Jordan killed 18 Palestinians in Gaza today alone. @GazaNow #GazaGenocide pic.twitter.com/cnyunDUnZx
ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ތެރޭގައި، ވައިގެ މަގުން އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި މަދުވެގެން 23 ފަލަސްޠީނު މީހުން މަރުވެފައިވެއެވެ. އަދި އިތުރު 124 މީހުން ޒަޚަމްވެފައިވެއެވެ.