.އިންޑިއާގެ މުމްބާއީގެ އިމާރާތެއް ވެއްޓި އެތައް ބަޔަކު ތާށިވެއްޖެއެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކުންދަނީ ދިރިހުއްޓައި މީހަކު ފެނޭތޯ ބަލަމުންނެވެ
އިންޑިއާގެ މީޑިއާތަކުން ޚަބަރުދޭ ގޮތުގައި މައުލާނާ އަލީ ޝައުކަތު ރޯޑުގައި ހުންނަ ފަސް ބުރީގެ މި އިމާރާތް ވެއްޓިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
އާބާދީ ބޮޑު ބެންދީ ބާޒާރު ސަރަހައްދުގައި ހުންނަ މި އިމާރާތަކީ 100 އަހަރަށްވުރެ ގިނަ ދުވަސްވީ އިމާރާތެއްކަމަށް ބުނެވެއެވެ.
އެމްބިއުލާންސްތަކާއި ފަޔަރ އިންޖީނުތަކާއިއެކު ޑިޒާސްޓަރ ރިލީފް ފޯސް އިންދަނީ ހާދިސާ ހިނގި ސަރަހައްދުގައި މަސައްކަތް ކުރަމުންނެވެ.
މި ހަފްތާގައި މުމްބާއީއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމުގެ މަސައްކަތް އިންޑިއާއިން ގެންދަނީ ކުރަމުންނެވެ.
އިމާރާތްތައް ވެއްޓުމުގެ ހާދިސާތަކަކީ އިންޑިއާގައި އާއްމު ކަމަކަށްވާއިރު ޚާއްސަކޮށް ވިއްސާރަ މޫސުމުގައި އެކަން އިތުރުވެއެވެ.
އިމާރާތްތަކުގެ ފެންވަރު ދަށްވުމާއި ދުވަސްވީ އިމާރާތްތައް ގިނަ ވުމަކީ އޭގެ ސަބަބެއްކަމަށްވަނީ ފާހަގަކުރެވިފައެވެ.