އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އަންނަ ހުކުރު ދުވަހު އެލާސްކާގައި ބައްދަލު ކުރައްވާ، ޔޫކްރެއިންގެ ހަނގުރާމައިގެ ކުރިމަގާ މެދު މަޝްވަރާ ކުރެއްވުމަށް ނިންމައިފިއެވެ.އޯގަސްޓް 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން ޓްރަމްޕް އިޢުލާނު ކުރެއްވީ ސޯޝަލް މީޑިއާގައެވެ. ކްރެމްލިންގެ ތަރުޖަމާނު މި ޚަބަރު ކަށަވަރު ކުރައްވަމުން، އެލާސްކާ އަކީ ރަޝިޔާ އާ ކައިރި ސަރަޙައްދެއް ކަމަށްވުމުން މިއީ "ވަރަށް އެކަށީގެންވާ" ތަނެއް ކަމަށް ވިދާޅުވިއެވެ.މި ބައްދަލުވުމުގެ ޚަބަރު އައީ، ޓްރަމްޕް ޔުކްރެއިންގެ ބައެއް ސަރަޙައްދުތައް އެ ގައުމުން ދޫކޮށްލަން ޖެހިދާނެ ކަމަށް އިޝާރާތް ކުރެއްވުމަށް ފަހުގައެވެ. ސީބީއެސް ނިއުސްގެ ރިޕޯޓުގައި ބުނާ ގޮތުން، ވައިޓް ހައުސް އިން މަސައްކަތް ކުރަމުން ދަނީ ރަޝިޔާ އަށް މުޅި ޑޮންބާސް ސަރަޙައްދާއި ކްރައިމިއާ ދޫކޮށްލުމުގެ އެއްބަސްވުމަކަށް ޔޫކްރެއިން އާއި ޔޫރަޕިއަން ލީޑަރުން އެއްބަސްކުރުވުމަށެވެ.
ޔޫކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ މިފަދަ އެއްވެސް ސަރަޙައްދެއް ދޫކޮށްލުމަށް ގަބޫލުފުޅެއް ނުކުރައްވައެވެ.
ރަޝިޔާ އިން މިހާރު ޔޫކްރެއިންގެ 20 އިންސައްތަ ސަރަޙައްދު ހިސޯރު ކޮށްފައިވާއިރު، ޔޫކްރެއިންގެ ރައްދު ހަމަލާތަކުން ރަޝިޔާގެ ބާރުތައް ފަހަތަށް ޖައްސާލެވިފައެއް ނުވެއެވެ.
ވައިޓް ހައުސްގެ އިސް އޮފިޝަލެއް ވިދާޅުވި ގޮތުގައި އަދިވެސް ބައްދަލުވުމުގެ ޕްލޭންތައް ބަދަލުވަމުން ދާއިރު، ޒެލެންސްކީ ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ ތިން ގައުމުގެ މެދުގައި އެއްބަސްވުމެއް ހާސިލް ކުރެވިދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އެހެން ނަމަވެސް ޔޫކްރެއިން އިން ބައްދަލުވުމާ ގުޅޭ ގޮތުން އަދި އެއްވެސް އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ.
އެންމެ ފަހުން ދެ ގައުމުގެ ވެރިން ބައްދަލު ކުރައްވާފައި ވަނީ 2021 ވަނަ އަހަރު އެވެ. ސުވިޒަލޭންޑް ގެ ޖެނީވާގައި އެ ފަހަރު ޕުޓިން އާ ބައްދަލު ކުރެއްވީ އޭރުގެ އެމެރިކާ ގެ ރައީސް ޖޯ ބައިޑްން އެވެ.