ކ. މާލެ
|
9 އޯގަސްޓް 2025 | ހޮނިހިރު 06:59
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް
އޭއެފްޕީ
ޣައްޒާ ހަނގުރާމަ
ޣައްޒާ ސިޓީ ހިފުމަށް އިސްރާއީލުން ނިންމުމުން ސެކިއުރިޓީ ކައުންސިލް ބައްދަލު ކުރަނީ
ޣައްޒާ ސިޓީ ހިފުމަށް އިސްރާއީލުން ނިންމި ނިންމުމާ ގުޅިގެން އދ ގެ ސެކިއުރިޓީ ކައުންސިލުން ހޮނިހިރު ދުވަހު ޚާއްސަ ބައްދަލުވުމެއް ބާއްވަން ނިންމައިފި. މިހާތަނަށް 61،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެ، އެތައް ބަޔަކު ގެދޮރު ދޫކޮށް ދާންޖެހިފައިވާއިރު، އިސްރާއީލުގެ މި ނިންމުމަކީ "ނުރައްކާތެރި" ނިންމުމެއްކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ ބުނަމުން.

އިސްރާއީލުން ޣައްޒާ ސިޓީ ހިފުމަށް ނިންމުމާ ގުޅިގެން ސެކިއުރިޓީ ކައުންސިލު ބައްދަލު ކުރަން ނިންމައިފިއެވެ.އދ ގެ ސެކިއުރިޓީ ކައުންސިލުން ހޮނިހިރު ދުވަހު ޚާއްސަ ބައްދަލުވުމެއް ބާއްވައި، އިސްރާއީލުން ޣައްޒާ ސިޓީ ކޮންޓްރޯލް ކުރުމަށް ހުށަހަޅާފައިވާ ޕްލޭނާ މެދު މަޝްވަރާ ކުރުމަށް ވަނީ ނިންމާފައެވެ. މި މަޢުލޫމާތު ޑިޕްލޮމެޓިކް ތިން މަސްދަރަކުން އޭ.އެފް.ޕީއަށް ހާމަކޮށްފައިވެއެވެ.ޖީ.އެމް.ޓީ 1900 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމަކީ ސެކިއުރިޓީ ކައުންސިލުގެ އެތައް މެންބަރުންގެ އެދުމުގެ މަތިން ބާއްވާ ބައްދަލުވުމެކެވެ.

އިސްރާއީލުގެ މި ޕްލޭނާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން ގެންދަނީ ފާޅު ކުރަމުންނެވެ.ހުކުރު ދުވަހު ޔުނައިޓެޑް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ އިސްރާއީލުގެ މި ޕްލޭނަށް ފާޑުވިދާޅުވެފައެވެ. ޔޫއެން ޗީފުގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ މިއީ "ނުރައްކާތެރި" ނިންމުމެއް ކަމަށާއި، މީގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން އެމީހުންގެ ގެދޮރު ދޫކޮށް ދާންޖެހޭނެ ކަމަށެވެ.ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި އިސްރާއީލުގެ އަސްކަރީ ހަމަލާތަކުގައި 61،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދު ވެފައެވެ.

މި ހަނގުރާމައިގެ ސަބަބުން ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ހާލަތެއް އުފެދި، އާބާދީގެ ބޮޑު ބައެއް ގެދޮރު ދޫކޮށް ދާންޖެހިފައިވެއެވެ.

މީގެ އިތުރުން، މި ހަނގުރާމަ އާ ގުޅިގެން އިސްރާއީލުގެ ވެރިންނާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ނަސްލު ނައްތާލުމުގެ ކުށާއި، ހަނގުރާމައިގެ ކުށުގެ ދަޢުވާތައް އުފުލިފައިވެއެވެ.

- ކޮމެންޓް