ކ. މާލެ
|
7 އޯގަސްޓް 2025 | ބުރާސްފަތި 12:55
ލޮސް އެންޖަލަސް އަށް ބަދަލުވުމަށް ފަހު އެ ކުލަބުގެ ޖާޒީ އާއެކު ސޮން
ލޮސް އެންޖަލަސް އަށް ބަދަލުވުމަށް ފަހު އެ ކުލަބުގެ ޖާޒީ އާއެކު ސޮން
ރޮއިޓަރސް
ލޮސް އެންޖަލަސް
ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސޮން ލޮސް އެންޖަލަސް އަށް ބަދަލުވެއްޖެ
ލޮސް އެންޖަލަސް އާއެކު ސޮން ސޮއި ކުރި އެއްބަސްވުމުގައި ބުނެފައިވާ ގޮތުން، އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އިތުރު ދެ އަހަރަަށް އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ.

ދާދި ފަހުން ޓޮޓެންހަމް ދޫކޮށްލި ސައުތު ކޮރެއާގެ ސޮން ހެއުން މިން، އެމެރިކާ ލީގުގެ ލޮސް އެންޖަލަސް އަށް ބަދަލުވެއްޖެ އެވެ.

އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ، ބަޔާ ލެވަކޫސަން ދޫކޮށްލުމަށް ފަހު ސޮން ޓޮޓެންހަމް އަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އެންމެ ފަހުން ސޮން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2026 ވަނަ އަހަރު އެވެ.

ނަމަވެސް، އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައި ސޮން ވަނީ ޓޮޓެންހަމް ދޫކޮށްލައިފަ އެވެ. 10 އަހަރަށް ފަހު ޓޮޓެންހަމް ދޫކޮށްލީ ކެރިއަރުގައި އައު ޗެލެންޖެއް ބޭނުންވާ ކަމަށް ބުނެ އެވެ. އެއާ އެކު ލޮސް އެންޖަލަސް އިން ސޮން ހޯދުމުގެ މަަސައްކަތް ކުރި ކަމަށް ވެސް އޭރު ރިޕޯޓު ކުރި އެވެ.

ސޮން ހޯދުމުގެ ޑީލް ލޮސް އެންޖަލަސް އިން ކާމިޔާބުކުރި އިރު، އޭނާ ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލޮސް އެންޖަލަސް އަށް ބަދަލުވެފަ އެވެ. އެ ކުލަބުން އެކަން ރަަސްމީކޮށް އިއުލާން ކޮށްފައިވާއިރު، ލޮސް އެންޖަލަސް އާއެކު ސޮން ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަަނަ އަހަރު އެވެ.

ލޮސް އެންޖަލަސް އާއެކު ސޮން ސޮއި ކުރި އެއްބަސްވުމުގައި ބުނެފައިވާ ގޮތުން، އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އިތުރު ދެ އަހަރަަށް އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ. އެހެންކަމުން، ލޮސް އެންޖަލަސް އިން ބޭނުންވެއްޖެ ނަމަ، 2029 ވަނަ އަހަރާ ހަމައަށް ސޮންގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރެވޭނެ އެވެ.

ޓޮޓެންހަމްގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައި ސޮން އެ ކުލަބު ދޫކޮށްލިއިރު، އޭނާ ހޯދުމަށް ލޮސް އެންޖަލަސް އިން ޓޮޓެންހަމް އަށް 15 މިލިއަން ޔޫރޯގެ އަދަދެއް ދައްކާފައިވާ ކަމަށް ރިޕޯޓުތައް ބުނެފަ އެވެ. ލޮސް އެންޖަލަސް ގައި ސޮން ބޭނުން ކުރާނީ ހަތް ނަންބަރު ޖާޒީ އެވެ.

ޓޮޓެންހަމްގައި ސޮން ހޭދަ ކުރި 10 ސީޒަންގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް 454 މެޗު ކުޅެދީ 173 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން ޓޮޓެންހަމާ އެކު އޭނާ ވަނީ ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ. އޭގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް އަދި ކަރަބޯ ކަޕްގެ ފައިނަލްގައި ވެސް ކުޅެފައިވެ އެވެ.

- ކޮމެންޓް