އުތުރު ކޮރެއާ އާ މެދު އަމަލު ކުރުމުގައި އެމެރިކާ އަށް ހުރި "ޑިޕްލޮމެޓިކް ހައްލުތައް ހުސްނުވާނެ ކަމަށް" އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް ވިދާޅުވެއްޖެއެވެ.
މެޓިސް މިހެން ވިދާޅުވީ ދެކުނު ކޮރެއާގެ ޑިފެންސް ސެކްރެޓަރީ އާ އެކު ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.
ޖޭމްސް މެޓިސް މިހެން ވިދާޅުވިއިރު އޭގެ ކުރިން، ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އުތުުރު ކޮރެއާގެ އަސްކަރީ އެދުންތަކަަށް އޮތް ހައްލަކީ "ވާހަކަ ދެއްކުން ނޫން ކަމަށް" ވިދާޅުވެފައެވެ.
އުތުރު ކޮރެއާ އިން އަންގާރަ ދުވަހު މިސައިލެއް އުދުއްސާލުމާ ގުޅިގެން އަނެއްކާވެސް އުތުރު ކޮރެއާގެ މައްސަލަ ވަނީ އިތުރަށް ގޯސްވެފައެވެ. އެމެރިކާ އިން އުތުރު ކޮރެއާ އާ ދެކޮޅަށް އަސްކަރީ ފިޔަަވަޅެއް އެޅުމާ ބެހޭ ގޮތުން ރަޝިއާ އިން ވަނީ އެމެރިކާ އަށް އިންޒާރުވެސް ކޮށްފައެވެ. އެގޮތުން ރަޝިއާ އިން ބުނެފައި އެމެރިކާ އިން އުތުރު ކޮރެއާ އާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅައިފިނަމަ "ހީވެސް ނުކުރާފަދަ ނަތީޖާތަކާ ކުރިމަތިލާން ޖެހޭނެ ކަަމަށެވެ. އުތުރު ކޮރެއާ އިން އަންގާރަ ދުވަހު ޖަޕާނުގެ އުތުރު ސަރަހައްދު ހުރަސްކޮށް ފޮނުވާލި މިސައިލް އާއި ގުޅިގެން އދ ސެކިޔުރިޓީ ކައުންސިލުން އަންގާރަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި ބުނީ އުތުރު ކޮރެއާ އިން ޖަޕާނު ސަރަހައްދު ހުރަސްކޮށް މިސައިލް ފޮނުވާލުމަކީ "އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި" އުުތުރު ކޮރެއާ އިން މިހާރުން މިހާރަށް ހަމަނުޖެހުން އުފެދޭ ކަަންކަމުން ދުރުވުމަށް ގޮވާލާ ކަމަށެވެ. އދ ގެ ސެކިޔުރިޓީ ކައުންސިލުގެ 15 މެމްބަރުންގެ އިއްތިފާގުން ނެރުނު ބަޔާނުގައި އިތުރަށް ބުނީ އެ ކައުންސިލުން "ސުލްހަވެރި، ޑިޕްލޮމެޓިކް އަދި ސިޔާސި ހައްލެއް" އުުތުރު ކޮރެއާ މައްސަލައަށް ބޭނުންވާ ކަމަށެވެ.
އދ. ގެ ސެކިޔުރިޓީ ކައުންސިލުން އޯގަސްޓް މަހު ވަނީ އުތުރު ކޮރެއާ އާ ދެކޮޅަށް، އާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އދ ގެ ސެކިޔުރިޓީ ކައުންސިލުން ވަނީ 2006 އިން ފެށިގެން އުތުރު ކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.
އުުތުރު ކޮރެއާ އިން އަންގާރަ ދުވަހު ފޮނުވާލި މިސައިލް ވެއްޓިފައި ވަނީ ޖަޕާނުގެ އުތުރުގައިވާ ރަށެއް ކަމުގައިވާ ހޮކައިޑޯގެ އިރުމަތިން 1180 ކިލޯމީޓަރު ބޭރަށެވެ. މިސައިލް ވެއްޓިފައި ވަނީ ވައިގެ ތެރޭގައި މިސައިލް ގޮވައި ތިން ބަޔަށް ބައިބައިވެގެން ކަމަށް ޖަޕާނާއި ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނެއެވެ.
އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންޔަންގް އާއި ދުރުނޫން ހިސާބެއްގައި އޮންނަ ސުނާން ކިޔާ ސަރަހައްދަކުން އުދުއްސައިލި މި މިސައިލް ވެއްޓިފައި ވަނީ އެ މިސައިލް ވައްޓާލުމަށް ޖަޕާނުން ފިޔަވަޅެއް ނާޅަނީސް ކަމަށް ޖަޕާނުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.