ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން މަސައްކަތް ކުރިއަށް ނުގެންދެވި، ފީއަލީގައި ޤާއިމު ކުރާ އައު ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަން ފަށައިފި އެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ވަނީ، ފީއަލީގައި އައު ޞިއްޙީ މަރުކަޒެއް ޤާއިމު ކުރުމުގެ މަސައްކަތް ސެންޓްރަލިން ކުންފުންޏާ ހަވާލު ކޮށްފަ އެވެ. ފީއަލީގައި މީގެ ކުރިން ބޭނުން ކުރަމުން ދިޔަ ޞިއްޙީ މަރުކަޒު އިމާރާތް އެއްކޮށް ތަޅާލައި، އެ ތަނުގައި ރަނގަޅު ފެންވަރުގެ ޞިއްޙީ މަރުކަޒެއް އިމާރާތް ކުރުމުގެ މަސައްކަތް އެމްޑީޕީ ސަރުކާރުގައި ވަނީ ފަށައިފަ އެވެ.
ސެންޓްރަލައިން އިން ކުންފުނިން ނަގާފައިވާ މި މަސައްކަތް ކުރިއަށް ގެންދަނީ ފާސްޓްލައިން ކިޔާ ކުންފުންޏަކަށް، ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަވާލު ކޮށްގެންނެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެރިކަމަށް އައި ފަހުން މަސައްކަތް ކުރަމުން އަންނަ ކުންފުންޏަށް، ބިލުތަކަށް ފައިސާ ނުދެވި ލަސްވާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެކި އެކި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، މިހާތަނަށް އެންމެ ފަހުން ކޮށްފައިވާ މަސައްކަތުގެ ފައިސާ އެ ކުންފުންޏަށް ލިބިފައި ނުވެ އެވެ.
"ރާއްޖެ އެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފަހުން ކުރި މަސައްކަތް ބެލުމަށް ސްންޓްރަލައިން ކުންފުނިން ފެބްރުވަރީ މަހު ވަނީ ހެލްތު މިނިސްޓްރީގައި އެދިފަ އެވެ. ނަމަވެސް، މިނިސްޓްރީގެ ފަރާތުން އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާއިރު، މިނިސްޓްރީއާ މުއާމަލާތް ކުރުމަށް އެ ކުންފުނިން ކުރި މަސައްކަތުގައި މިނިސްޓްރީގެ އެއްބާރުލުން ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އެހެންވެ، އެންމެ ފަހުން ކޮށްފައިވާ މަސައްކަތް ބެލުމަށް ފަހު، ފައިސާ ހަމަޖެހުން ލަސްވާތީ އެ ކުންފުނިން ވަނީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކޮށްފަ އެވެ. އަދި ފައިސާ ނުލިބި، މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތި، މިވަގުތު ވަނީ އެ މަސައްކަތް ހުއްޓިފަ އެވެ. އަދި އެ ތަނުގައި އަޅާފައި ހުރި ދަގަނޑުތަކާއި، އެހެނިހެން ސާމާނު ނެގުމުގެ މަސައްކަތް، ސަބް ކޮންޓްރެކްޓަރު ކުންފުނިން އަންނަނީ ކުރަމުންނެވެ.
ފީއަލީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ޤާއިމު ކުރުމުގެ މަސައްކަތުގެ ތެރެއިން، ސީޓު އެޅުމަށްޓަކައި ދަގަނޑު ރާވައި ފިލާ ޖަހާފައި ހުންނަތާ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ނަމަވެސް، މިނިސްޓްރީގެ އެއްބާރުލުން ނުލިބި މަސައްކަތް އިތުރަށް ކުރިއަށް ނުގެންދެވި އޮތްއިރު، އެ ރަށުގައި މަސައްކަތް ކުރަން ގެންގޮސްފައި ހުރި ސާމާނު ގިނަ ދުވަސް ވަންދެން ބޭނުން ނުކޮށް ބަހައްޓަން ޖެހުމުގެ ސަބަބުން މިހާރު ވަނީ ބައެއް ސާމާނު ވިއްކާ ވެސް ލައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދާލުމަށް ފީއަލީ ޞިއްޙީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ ހެލްތު ސާވިސަސް މުޙައްމަދު ޝިފާއު އަށް ގުޅާމުން ވިދާޅުވީ، މަސައްކަތް ހުއްޓާލާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، އެ މަސައްކަތް ކުރިއަށް ދަނީ ލަސް ދުވެއްޔެއްގައި ކަމަށް ޝިފާއު ފާހަގަ ކުރެއްވި އެވެ.
އިތުރަށް ޝިފާއު ވިދާޅުވީ، ޞިއްޙީ މަރުކަޒު އިމާރާތް ކުރަމުން އަންނަ ތަނުގައި ފިލާތަކާއި، ދަގަނޑުތައް ނަގަނީ އެ ތަކެތި އައު ކުރުމަށް ކަަމަށެވެ. އެއީ ވިއްސާރައިގެ ސަބަބުން ފިލާތަކާއި ތަކެތި ކޮންމެ ވެސް ވަރަކަށް ހަލާކުވެފައިވާތީ، އެ ތަކެތި އައު ކުރުމަށް ފަހު މަސައްކަތް ފެށުމަށް ކަމަށް ޝިފާއު ވިދާޅުވެފައިވެ އެވެ.
ރައީސް ޞާލިޙުގެ ސަރުކާރުގައި ފީއަލީ ޞިއްޙީ މަރުކަޒުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، ސަރުކާރު ބަދަލުވުމާ ހަމައަށް ވެސް މަސައްކަތް ގެންދިޔައީ ކުރަމުންނެވެ. ނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރު އައި ފަހުން، ފީއަލީގެ ތަރައްޤީ އަށް ކުރީ ސަރުކާރުގައި ފަށާފައިވާ މަސައްކަތްތައް ވެސް ހުއްޓުނުއިރު، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ވެސް ވަނީ ހުއްޓިފަ އެވެ.