ކ. މާލެ
|
4 އޯގަސްޓް 2025 | ހޯމަ 11:07
އަލް އަޤްޞާ މިސްކިތުގެ ކޮމްޕައުންޑު ސަރަހައްދުގައި ބަޔަކު އަޅުކަން ކުރަމުން ދާ މަންޒަރު
އަލް އަޤްޞާ މިސްކިތުގެ ކޮމްޕައުންޑު ސަރަހައްދުގައި ބަޔަކު އަޅުކަން ކުރަމުން ދާ މަންޒަރު
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
އަލް އަޤްޞާ މިސްކިތުގައި ބެން ގްވީރް ހިންގި އަމަލު ސައުދީ އަރަބިއްޔާ އިން ކުށްވެރި ކޮށްފި
އަލް އަޤްޞާ މިސްކިތަށް ވަދެ އެ މިސްކިތުގައި އަޅުކަންކޮށް، މިސްކިތުގެ ހުރުމަތް ބެން ގްވީރް ކަނޑާފައިވާއިރު، އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނެފައި ވަނީ މިސްކިތުގައި އަޅުކަން ކޮށްފައި ވަނީ ހަމާސް ޖަމާއަތާ ދެކޮޅަށް އިސްރާއީލް އިން ކުރަމުން އަންނަ ހަނގުރާމައިގައި ކާމިޔާބު ހޯދުމަށް ކަމަށެވެ. 

އިސްރާއީލްގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން ގްވީރް، އަލް އަޤްޞާ މިސްކިތަށް ވަދެ، އެ މިސްކިތުގެ ހުރުމަތް ކަނޑާފައި ވާތީ ސައުދީ އަރަބިއްޔާ އިން އެކަން ކުށްވެރި ކޮށްފަ އެވެ.

ފަލަސްޠީނާ ދެކޮޅަށް ވަރަށް ބޮޑަށް ވަކާލާތު ކުރަމުން އަންނަ، އަދި ޣައްޒާ ހަނގުރާމަ ފުޅާ ކުރުމަށް ގޮވާލަމުން އަންނަ ބެން ގްވީރް ވަނީ އިތުރު ބަޔަކާ އެކު އަލް އަޤްޞާ މިސްކިތަށް ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑައިފަ އެވެ. 

އެގޮތުން ބެން ގްވީރް ވަނީ، އަލް އަޤްޞާ މިސްކިތުގައި އަޑު ގަދަ ކުރުމުގެ އިތުރުން، ނަށައި، އަޅުކަން ވެސް ކޮށްފަ އެވެ. އަލް އަޤްޞާ މިސްކިތަށް ވަނުމުގެ ހުއްދަ ޔަހޫދީންނަށް ދީފައި އޮންނަ ނަމަވެސް، އެ މިސްކިތުގައި އަޅުކަން ކުރުމަކީ އެބައި މީހުންނަށް މަނާ ކަމެކެވެ. 

ބެން ގްވީރް އާއެކު ގާތް ގަނޑަކަށް 1000 މީހުން އަލް އަޤްޞާ މިސްކިތަށް ވަދެފައިވާ ކަމަށް، އެ މިސްކިތް ބަލަހައްޓަމުން އަންނަ ޖަމިއްޔާ އިން ބުނެފައިވާއިރު، އެ މިސްކިތުގެ ހުރުމަތް ކެނޑުމަކަށް ބެން ގްވީރް ހިންގާފައިވާ އަމަލުތައް ފެންނަ ވީޑިއޯ ވެސް އަންނަނީ ސޯޝަލް މީޑިއާގައި ދައުރު ވަމުންނެވެ. 

އެކަމާ ގުޅިގެން ސައުދީ އަރަބިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލްގެ އިސްވެރިން އަލް އަޤްޞާ މިސްކިތުގެ ތެރެއަށް ވަދެ، ހިންގާފައިވާ އަމަލު އެ ޤައުމުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާ އިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އިސްރާއީލްގެ އިސްވެރިން އެ ހިންގި އަމަލުތަކަކީ ސަރަހައްދުގައި ހަމަ ނުޖެހުން އިތުރު ވެގެން ދާނެ ކަމެއް ކަމަށެވެ. އަދި އެއީ ބައިނަލްއަޤުވާމީ ޤަނޫނު ތަކާއި، އަދި އުސޫލުތަކާ ވެސް ޚިލާފު ކަމެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި އެފަދަ ކަންކަން ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

އަލް އަޤްޞާ މިސްކިތަށް ވަދެ އެ މިސްކިތުގައި އަޅުކަންކޮށް، މިސްކިތުގެ ހުރުމަތް ބެން ގްވީރް ކަނޑާފައިވާއިރު، އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނެފައި ވަނީ މިސްކިތުގައި އަޅުކަން ކޮށްފައި ވަނީ ހަމާސް ޖަމާއަތާ ދެކޮޅަށް އިސްރާއީލް އިން ކުރަމުން އަންނަ ހަނގުރާމައިގައި ކާމިޔާބު ހޯދުމަށް ކަމަށެވެ. 

މީގެ އިތުރުން، ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމަށް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އިތުރަށް ވާހަކަ ދައްކަމުން ބެން ގްވީރް ބުނެފައި ވަނީ، މުޅި ޣައްޒާ އެއްކޮށް އިސްރާއީލްގެ ބެލުމުގެ ދަށަށް، ނުވަތަ ބާރުގެ ދަށަށް ގެންނަން ޖެހޭ ކަމަށެވެ. 

އަލް އަޤްޞާ މިސްކިތުގައި ޔަހޫދީން އަށް އަޅުކަން ކުރުން މަނާ ކޮށްފައިވާއިރު، ބެން ގްވީރް ވަނީ އެ މިސްކިތުގައި ޔަހޫދީން އަށް އަޅުކަން ކުރެވޭނެ ގޮތް ހަދަން ޖެހޭ ކަމަށް ވެސް ގޮވާލައިފަ އެވެ. މީގެ ކުރިން ވެސް ބެން ގްވީރް ވަނީ އަލް އަޤްޞާ މިސްކިތަށް ވަދެ، އެ މިސްކިތުގެ ހުރުމަތް ކަނޑާލައިފަ އެވެ. 

އިސްރާއީލްގެ ސަރުކާާރުގެ އިސް ވަޒީރެއްގެ ގޮތުގައި ވެސް ފާހަގަ ކުރެވޭ ބެން ގްވީރް ހިންގާފައިވާ އަމަލުތަކާ ގުޅިގެން، ބައިނަލްއަޤުވާމީ ގިނަ ފަރާތްތަކުން ވެސް އަންނަނީ އެކަން ކުށްވެރި ކުރަމުންނެވެ. 

މީގެ އިތުރުން ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސްގެ ފަރާތުން ތަރުޖަމާނު ވިދާޅުވެފައި ވަނީ، ބެން ގްވީރް ވަނީ ރަތް ރޮނގު ހުރަސް ކޮށްފައި ކަމަށެވެ. ޚާއްސަކޮށް އަލް އަޤްޞާ މިސްކިތަށް ވަދެ އޭނާ ހިންގާފައިވާ އަމަލަކީ މިސްކިތުގެ ހުރުމަތް ކަނޑާލުން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

- ކޮމެންޓް