ކައުންސިލުތަކުގެ ދައުރުގެ ފަހު އަހަރުގެ ތެރޭގައި ދާއިމީ މުވައްޒަފުންނާއި، ކޮންޓްރެކްޓް މުވައްޒަފުން ނުނެގޭ ގޮތައް ހެދުމުގެ އިތުރުން، ބިމާއި ފަޅު ކުއްޔަށް ނުދެވޭ ގޮތް ހަދަން ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ގާނޫނު ނަންބަރު 7/2010 - ދިވެހިރާއްޖޭގެ އިދާރީ ދާއިރާ ތައް ލާމަރުކަޒީ އުސޫލުން ހިންގުގެ ގާނޫނަށް ހުށަހަޅާފައި އިސްލާހުގައި ބުނެފައި ވަނީ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަންމަންޓް އޮތޯރިޓީން ކަނޑައަޅާ ގޮތަކަށް ނޫނީ، ދާއިމީ މުވައްޒަފުންނާއި، ކޮންޓްރެކްޓް މުވައްޒަފުން ނުނެގޭނެ ކަމަށާއި، ކައުންސިލްގެ އިހްތިސާސް ގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫނުކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން ކައުންސިލްތަކުން އެކަށަ އަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އައު ތަރައްގީގެ މަޝްރޫއެއް ވެސް ނުފެށޭނެ ކަމަށް، ވެރިކަން ހިންގާ ޕީއެންސީ އަށް ނިސްބަތްވާ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު، ސަރުކާރުގެ ފަރާތުން ހުށަހަޅާ މި އިސްލާހް ގައި ވެއެވެ.
އިސްލާހުގައި ވަނީ މި ގާނޫނުގެ އެހެން މާއްދާ އެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި އޮތް ނަމަވެސް ލޯކަލް ކައުންސިލުތަކުގެ އުުމުރު ގާނޫނު އަސާސީ ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ، 365 ދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއް ނަމަ މި ނޫން ގޮތަކަށް މިކަންކަން ނިންމައިގެން ނުވާނެ ކަމަށެވެ.
މި އިސްލާހު ހުށަހެޅި އިރު މިހާރު ހިނގަމުންދާ ކައުންސިލުތަކުގެ އުމުރު ހަމަ ވުމަށް ބާކީ އޮތީ 365 ދުވަހަށް ވުރެ ކުރު މުއްދަތެއް ކަމަށް ވުމާއި އެކު، މި އިސްލާހު ފާސްވެ ގެޒެޓް ކުރުމާއެކު، ދައުރުގެ ބާކީ އޮތް މުއްދަތުގައި ކައުންސިލުތަކަށް މުވައްޒަފުން ނެގުމުގަ އާއި، ތަންތަން ކުއްޔަށް ދިނުމުގަ އާއި، ތަރައްގީގެ އައު މަޝްރޫއުތައް ހިންގުމުގައި ކައުންސިލްތަކުގެ އަމިއްލަ ބާރު ކެނޑޭނެއެވެ.
ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ކައުންސިލްތަކަށް ސަރުކާރުން އާމްދަނީ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތައް ދައްކަން ޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަށްވާ ފައިސާ އާއި، އާންމު ޚިދުމަތްތަކަށް ކައުންސިލްތަކުން ދައްކަން ޖެހޭ ފައިސާ އެއް ނުދައްކާތާ 6 މަހަށް ވުރެ ގިނަ ދުވަސް ވެފައި ވާ ނަމަ އެ ފައިސާ އެއް އުނިކުރުމަށް ފަހު ބާކީވާ އަދަދު ކަމަށް ހެދުމަށް ވެސް ވަނީ ހުށަހަޅާފައެވެ.
މިގެންނަ ބަދަލު ތަކުގެ ތެރޭގައި، ފިނޭންސް މިނިސްޓްރީން އެދިއްޖެ ނަމަ ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކް އެކައުންޓް ތަކުގެ ސްޓޭޓްމަންޓްތައް ވެސް އެ ވުޒާރާ އަށް ފޯރުކޮށްދޭން ޖެހޭނެއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވައި ބަހުސް ކުރުމަށް ހޯމަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފައެވެ.