Advertisement
ކ. މާލެ
|
9 ޑިސެންބަރ 2025 | އަންގާރަ 18:20
މާލެ ސިޓި މޭޔަރު އާދަމް އާޒިމް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ
މާލެ ސިޓި މޭޔަރު އާދަމް އާޒިމް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
އާދަމް އާޒިމް
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
ކުޅުދުއްފުށި ސިޓީ ކައުންސިލް އާއި މާލެ ސިޓި ކައުންސިލް އާއި ވާވު އަތޮޅު ކައުންސިލް އަދި ކިހާދޫ ކައުންސިލް ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި
މާލެ ސިޓީ މޭޔަރު އާޒިމް ވިދާޅުވީ ރައީސާއި މުޅި ދައުލަތް މަސައްކަތް ކުރަނީ ބަޖެޓުގެ 4 އިންސައްތަ ދޭ ކައުންސިލްތަކުން ހަރަދު ކުރާ ގޮތް ބަލަން ކަމަށާއި ދައުލަތުގެ ބަޖެޓުގެ 96 އިންސައްތައިގެ ތަފްސީލު ރައްޔިތުންނަށް ނޭންގޭ ކަމަށް

ދައުލަތުގެ ބަޖެޓުން ކައުންސިލް ތަކަށް ދޭ 4 އިންސައްތަ އަށް ވާގޮތް ބަލަން ރައީސުލްޖުމްހޫރިއްޔާ އާއި މުޅި ދައުލަތް މަސައްކަތް ކުރާއިރު ބެޖެޓުގެ 96 އިންސައްތަ އަށް ވާގޮތް ރައްޔިތުންނަށް ނޭނގޭ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް ހަތަރު ކައުންސިލަކުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ގައި މާލެ ސިޓީ މޭޔަރު އާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި މުޅި ދައުލަތް މަސައްކަތް ކުރަނީ ބަޖެޓުގެ 4 އިންސައްތަ ދޭ ކައުންސިލްތަކުން ހަރަދު ކުރާ ގޮތް ބަލަން ކަމަށާއި އެހެން ނަމަވެސް ދައުލަތުގެ ބަޖެޓުގެ 96 އިންސައްތައިން ކުރާ ކަންކަމާއި އެ ހަރަދު ތަކުގެ ތަފްސީލު ރައްޔިތުންނަށް ނޭންގޭ ކަމަށެވެ.

އަބަދުވެސް ރައީސުލްޖުމްހޫރިއްޔާ މި ވިދާޅުވަނީ ކައުންސިލްތަކަށް ކުރަންޖެހޭ ހަރަދު ބޮޑުކަމުންނޭ ބުނާއިރުގަ، މިބުނަނީ އެންމެ 4 ޕަސެންޓް 5 ޕަސެންޓަށްވަރު މަދު އަދަދެއް، އެއަށް ވާގޮތް ބަލަން މުޅި ދައުލަތް އުޅޭތަން ފެނިގެން މިދަނީ. މީ އަސްލުގަ ރައްޔިތުންނަށް އޮޅުވާލުމާއި އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން މިހާެރު ކައުންސިލްތައް ހަރުދަނާވެ ވަރުގަދަވެ މީގެން ރައްޔިތުންނަށް އެތައް ބައިވަރު ފައިދާތަކެއް ވަމުންދާތީ އަދި އެދޭ ކުޑަކޑަ ލާރިކޮޅުން ރައްޔިތުންނަށް މާ ބައިވަރު މާ މުހިންމު ކަންތައްތަކެއް ކޮށްދޭތަން ހުރިހާ ރައްޔިތުންނަށް މިއަދު ހާމަވެ ފާހަގަވަމުން އެބަދޭ

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ ބޭކާރު ގޮތުގައި އިސްރާފު ކުރާ މަންޒަރު ފޮރުވުމުގެ ގޮތުން އެ ބަދުނާމު އަޅުވަނީ ކައުންސިލްތަކުގެ މައްޗަށް ކަމަށެވެ. އެހެން ނަމަވެސް ކައުންސިލްތަކުން ކޮށްދޭ ހުރިހާ ކަމެއް ކޮށްދެނީ އެ ލިބޭ 4 އިންސައްތައިން ކަން ރައްޔިތުންނަށް އިނގޭ ކަމަށެވެ.

އަދި މާލެ ސިޓީ އަށް ބެލިކަމުގައި ވިޔަސް 20 އަހަރު ނުކުރެވި ހުރި މަސައްކަތް މި ބަޖެޓުން ކޮށްފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އެގޮތުން ވިއްސާރައިގައި މާލެ ފެންބޮޑުވާ މައްސަލަ ވެސް ހައްލުކޮށްފައިވާނެ ކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ އެކަމަކީވެސް އެ ލިބޭ ކުޑަ ލާރިކޮޅުން ކޮށްފައިވާ ކަންކަން ކަމަށެވެ. އަދި އެ މަސައްކަތް އެގޮތައް ކުރެވުމުގެ ސަބަބުން އެކަމުގެ ނަތީޖާ ފެންނަކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ މިދިޔަ ވިއްސާރައިގައި އެއްވެސް ގެޔަކަށް ފެން ވަދެގެން ރިޕޯޓު ކޮށްފައި ނުވާ ކަމަށެވެ.

އެހެންކަމުން ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވީ ކިހިނެއްތޯ ރައްޔިތުން ސުވާލުކުރާތީ އެސުވާލުތަކަށް ޖަވާބު ދެވެން ނެތުމުންނާއި އެކަންކަން ފޮރުވުމުގެ ގޮތުން ކައުންސިލް ތަކުން ތަރައްގީއަށް ކުރާ ކަންކަން ހުއްޓުވާ އެކަންކަމަށް ހިޔަނި އަޅާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެއްލުންވާ ގޮތަށް އަދި ކައުންސިލްތަކަށް ގެއްލުންވާ ގޮތަށް ގެނެސްފައިވާ ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ކުރިން އޮތް ގޮތަށް ބަދަލުކުރަން ގޮވާލާފަ އެވެ.

ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޮގަސްޓް 6، ގަ އެވެ. އަދި އޮގަސްޓް 14، ގައި ރައީސް މުހައްމަދު މުއިއްޒު ވަނީ އެ ގާނޫނު ތަސްދީގުކުރައްވާފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ބިލު މުއިއްޒު ތަސްދީގުކުރެއްވީ އެ ބިލާ ދެކޮޅަށް ގާތްގަނޑަކަށް 100 ކައުންސިލުން އަދި އިދިކޮޅު އެމްޑީޕީން ބަޔާން ނެރެ އެ ބިލް ތަސްދީގު ނުކުރަން ގޮވާލާފައި ވަނިކޮށެވެ. ބިލާ ދެކޮޅަށް ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައި ބުނެފައި ވަނީ އެއީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ލާމަރުކަޒީ ނިޒާމު ފުނޑާލާނެ ބަދަލެއް ކަމަށެވެ.

- ކޮމެންޓް