ބ. ތުޅާދޫ ފެނަކަ ބްރާންޗުގެ ހިންގުން ބޮއްސުންލައި، ވަގުތީ ގޮތުން އެ ބްރާންޗުގެ ހިންގުމާއި ހަވާލުވެ ހުރި އަލީ ނިމާލް މަގާމުން ދުރުކުރުމަށް އެދި ތަނުގެ މުވައްޒަފުން ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ރާއްޖެއެމްވީއާއި ވާހަކަ ދެއްކި ތުޅާދޫ ފެނަކަ ބްރާންޗްގެ ސީނިއަރ މެނޭޖްމަންޓުގެ މުވައްޒަފަކު ވިދާޅުވީ ތުޅާދޫ ފެނަކަ ބްރާންޗުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މުޅި ތަން ބޮއްސުންލއިގެން ގޮސްފައިވާ ކަމަށާއި ހުރިހާ ކަމެއް ވެސް ބޮއްސުންލައިގެން ދިއައީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި އެސިސްޓަންޓް މެނޭޖަރ އަލީ ނިމާލްގެ ލީޑަރޝިޕްގެ ކޮލިޓީއެއް ނެތުމުން ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ތަނުގެ ހިންގެވުމާއި ހަވާލުވެ ހުންނެވި އަލީ ނިމާލް އަކީ ވަރަށް ޚުދުމުހުތާރު، އަމިއްލަ އެދުންބޮޑު ބޭފުޅެއް ކަމަށާއި ފެނަކައިގެ މުވައްޒަފުންނަށް ވެސް ކަންކަން ކުރަން ދަނީ މަޖުބޫރު ކުރުވަމުން ކަމަށެވެ.
މީގެ އިތުރުން އެ ބްރާންޗްގެ ހިންގުން އިންތިހާ ދަރަޖައަށް ބޮއްސުންލާފައިވާއިރު، ތަނުގެ މުވައްޒަފުންގެ މެދުގައި މަސްލަހަތު ގެއްލި، އެކުވެރިކަން ވެސް ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި ކަމަށެވެ.
އަލީ ނިމާލް (ވަގުތީގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި އެސިސްޓެންޓް މެނޭޖަރ) އަކީ މި ސަރުކާގެ ބާރު އޮތް ކަމަށް ބުނެ މުވައްޒަފުންނަށް ބިރުދައްކަމުން ދާ ބޭފުޅެއް. އޭނާ ކޮންމެ ކަމެއްގައި ވެސް ގެންގުޅެނީ އަމިއްލަ ގޮތް. ކަންކަމުގައި މުވައްޒަފުންނަށް ކުރަނީ އަމުރު. އެކަމުގެ ސަބަބުން ގިނަ މުވައްޒަފުން ރުޅިގަދަވެ ހިތްހަމަ ނުޖެހިގެން މިހާރު ސަލާމް ބުނުންވެސް އިންތިހާއަށް މައްޗަށް ގޮސްފި. މިއުޅެނީ ފެނަ ބްރާންޗުގައި ޑިއުޓީ ވެސް ނުކުރެވިގެން. މުވައްޒަފުން ނާދޭ
ތުޅާދޫ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރާ ސީނިއަރ މެނޭޖްމަންޓުގެ މުވައްޒަފެއް![]()
އޭނާ އިތުރަށް ބުނީ މިހާރުތަނުގެ ހާލަތު ގޯސްވެ، ގިނަ މުވައްޒަފުން ސަލާމުގައި ތިބުމުން ތަނުގައި މަސައްކަތް ކުރާނެ މީހުން ވެސް ނެތި ގޮސްފައިވާ ކަމަށެވެ. އަދި މިހާރު ގިނަ ފަހަރު ފެނަކަ ބްރާންޗުގެ މަސައްކަތް ކުރަމުން ގެންދަނީ ކަމާއި ނުވެސް ބެހޭ، ތަނުގެ ސެކިއުރީޓީ ބަލަހައްޓާ މުވައްޒަފުންނާއި ތުޅާދޫ ނަރުދަމާގެ މަސައްކަތުގެ އުޅޭ މުވައްޒަފުން ގެނެސްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދަޅުވީ އަލީ ނިމާލު ތަނުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ވެސް އިންތިހާއަށް ގެންގުޅޭ ކަމަށާއި އެ ބޭފުޅާއޭ ކިޔައިގެން މުވައްޒަފަކަށް ވާހަކައެއް ވެސް ދައްކާލަން ނުކެރޭ ކަމަށެވެ. އަދި އެ ބޭފުޅާއޭ ކިޔައިގެން އެއްވެސް ވާހަކައެއް ދައްކައިފި ނަމަ ހަރުކަށިފިވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައި ވާކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަން ހިންގުމާއި ހަވާލުވެ ހުންނެވި އަލީ ނިމާލްގެ ކަންތައް ބޮޑުވެ ތަނުގެ މުވައްޒަފުން ބިރުވެރިކަމެއްގެ ތެރޭގައި ތިބި އިރު، އަލީ ނިމާލްގެ މައްސަލައާއި ގުޅިގެން ތަނުގެ މުވައްޒަފުންގެ ކަންބޮޑުވުންތައް ބަޔާންކޮށް ޕެޓިޝަނެއް ވެސް ތައްޔާރުކޮށް ފެނަކަ ހެޑް އޮފީސް އަދި ރައީސް އޮފީހަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.
އެހެން ނަމަވެސް އޭގެ އެއްވެސް އިދާރާ އަކުން މިކަމަށް އެއްވެސް އިޖާބައެއް އަދި މިހާތަނަށް ދީފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
ތުޅާދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ރައީސް އޮފީހާއި ފެނަކަ ހެޑް އޮފީހަށް ހުށަހެޅި ޕެޓިޝަނުގައި ބުނެފައި ވަނީ ޕެޓިޝަން ހުށަހެޅުމުގެ ބޭނުމަކީ އެ ބްރާންޗުގައި މިވަގުތު ހިނގުމާއި ހަވާލުވެ ހުންނެވި އަލީ ނިމާލު މަގާމުދުން ދުރުކުރުމަށް އެދި ކަމަށާއި އެކަމަށް މުވައްޒަފުން އެދެނީ ސަބަބުތަކެއް ހުރީމާ ކަމަށެވެ.
އެގޮތުން އަލީ ނިމާލު ވަނީ ހިންގުންތެރިއެއްގެ ހައިސިއްޔަތުން ފެއިލް ވެފައި ކަމަށާއި އެ ބޭފުޅާއާއި އެކު މަސައްކަތް ކުރަން ތަނުގެ އެއްވެސް މުވައްޒަފު ބޭނުން ނުވާކަމަށެވެ. އަދި އޭނާ މުވައްޒަފުންނާއި މެދު އަމަލުކުރަމުން ގެންދަނީ ހިތުހުރި ގޮތަކަށް އަމިއްލަ މަސްލަހަތު އިސްކޮށް ގެން ކަމަށް ވެސް އެ ޕެޓިޝަނުގައި ބުނެފައި ވެއެވެ.
ވަރަސް ދެރަކޮށް ފެނަކަ ބްރާންޗުގެ ކަންކަން ދަނީ. މިހާރު ނިމާލްގެ ސަބަބުން ތަނުގެ މުވައްޒަފުން މަސައްކަތް ދެކެ ފޫހިވެ، ސަލާމް ވެސް ބުނަނީ އިންތިހާއަށް. މިހާރު ފެނަކައިގައި މަސައްކަތް ކުރާނެ މީހަކު ވެސް ނުހުރޭ. އެހެން ވެ މި ޖެހެނީ ތަނުގެ ސެކިއުރިޓީ ބަލަހައްޓާ މީހުންނާއި ރަށުގެ ނަރުދަމާ މަސައްކަތް ކުރާތަނުން މީހުން ގެންނަން. އެމީހުންނަކަމަށް ތަނުގައި ކުރަން ޖެހޭ އެއްވެސް މަސައްކަތެއް ނޭންގޭ. އެފަދަ ހާލަތެއްގަ މުޅި ފެނަކަ ބްރާންޗް މިއޮތީ.
ތުޅާދޫ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރާ ސީނިއަރ މެނޭޖްމަންޓުގެ މުވައްޒަފެއް![]()
އޭނާ ވިދާޅުވީ އަލީ ނިމާލު އިތުރަށް ތުޅާދޫ ފެނަކަ ބްރާންޗުގައި ހަވާލުވެ ހުރެއްޖެ ނަމަ ތަނުގެ މަސްލަހަތު އިތުރަށް ގޯސްވެ، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާއި އުފެއްދުންތެރިކަން ދައްވެގެން ދާނޭ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށެވެ.