ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލް ބިލްޑިންގ ހުޅުވުމަށް ބޭއްވި ޑްރޯން ޝޯވ ގައި ބޭނުން ކުރި ގިނަ އަދަދެއްގެ ޑްރޯންތައް ވެއްޓުމާ ގުޅިގެން އެ މައްސަލަ ސީރިއަސް ކޮށް ތަހުގީގު ކުރަން ފަށައިފިއެވެ.
ޖުލައި 26 ވަނަ ދުވަހުގެ ރޭ ބޭއްވި މި ޝޯވ ގައި ބޭނުން ކުރި ޑްރޯންތައް އެތައް މިތަނަށް ވެއްޓިފައި ވާއިރު، އޭގެ ތެރެއިން މޫދަށް ވެއްޓުނު ޑްރޯންތައް ހޯދަން ހުޅުލޭ ފަޅުތެރޭގެ ބޮޑު ސަރަހައްދަކަށް ފީނާ ބަލައިފައިވެއެވެ.
ބުދަ ދުވަހު ބޮޑު ސަރަހައްދަކަށް ފީނާ ޑްރޯންތައް ފެނޭތޯ ބެލި ނަމަވެސް އެއްވެސް ޑްރޯނެއް މޫދުން ފެނިފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޑްރޯންތައް ހޯދަނީ ތަހުގީގުގެ ބޭނުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިކަން ހިނގި ގޮތުގެ ތަހުގީގު މިހާރު ފަށާފައި ވާއިރު އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަަލަ މިހާ ހޫނުވީ ވެއްޓުނު ޑްރޯން ތަކުގެ ތެރެއިން ޑްރޯނެއް އެރޭގެ ހަފްލާ ޝަރަފް ވެރި ކޮށްދެއްވި، ރައީސް މުއިއްޒު ހުންނެވި ތަނާ ވަރަށް ގާތައް ވެއްޓި ޖެހުމުންނެވެ.
މައުލޫމާތު ދިން ފަރާތުން ބުނީ، އެއެއްޗެތި ކޮންޓްރޯލުން ނެއްޓިގެން އައިސް ޖެހިފައި ވަނީ ވަރަށް ބާރަށް ކަމަށާއި މީހެއްގެ ގައިގައި ޖެހުނު ނަމަ ވަރަށް ނުރައްކާ ވީސް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ވެއްޓުނީ ކިތައް ޑްރޯން ތޯ އެހުމުން އޭނާ ބުނީ، އޭގެ ބަރާބަރު އަދަދު ބުނަން ނޭނގުނު ނަމަވެސް، 60 އާއި 1100 އާ ދެމުދުގެ އަދަދެއްގެ ޑްރޯން ވެއްޓުނު ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެރޭގެ ޝޯވ ގައި ބޭނުން ކުރި ބައެއް ޑްރޯން ރަންވޭ މައްޗަށް ވެސް ވެއްޓިފައި ވެއެވެ. އޭގެ ސަބަބުން ރަސްމިއްޔާތައް ރަންވޭ ބަންދު ކުރަން ކުރިން ހަމަޖެއްސި ގަޑީގެ އިތުރުން ވެސް ބައި ގަޑި އިރު ރަންވޭ ބަންދު ކުރަންޖެހި އެކަމުގެ ސަބަބުން ފްލައިޓްތައް ޑައިވަރޓް ކުރަން ޖެހި ފަސިންޖަރުންނަށާއި، އެއަރޕޯޓް އޮޕަރޭޝަންސް އަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.
ޑްރޯންތައް ވެއްޓުނީ ޑްރޯންތަކުގެ ފްރީކުއެންސީ އަށް އިންޓަރފިއަރ ކުރުމުގެ ސަބަބުން ކަމަށް އެ ޝޯވ އޮޕަރޭޓް ކުރި ކުންފުނިން ދެކޭ ކަމަށް ބުނެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މޯލްޑިވްސް ޕޮލިސް ސާވިސް ގައި މި މައްސަލަ ތަހުގީގު ކުރުމަށް އެދި ފޮނުވާފައިވާ "ސިއްރު" ސިޓީ އެއް ވަނީ ލީކު ކޮށްލާފައެވެ.
އެ ސިޓީގައި އެމްއޭސީއެލް އިން ބުނެފައި ވަނީ، ޑްރޯންތަކުގެ ސިގްނަލް ގެއްލި ކޮންޓްރޯލުން ނެއްޓުމުގެ ސަބަބުން ބިންމައްޗަށާއި މޫދަށް ޑްރޯންތައް ވެއްޓިފައިވާ ކަމަށެވެ. އަދި ބައެއް ޑްރޯން ވީ ނުވީ އެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. އޭގެ ސަބަބުން ޝޯވ އޮޕަރޭޓް ކުރި ފަރާތަށާއި އެމްއޭސީއެލް އަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެމްއޭސީއެލް އިން އެ ސިޓީގައި ބުނެފައިވަނީ، އެ ކުންފުނިން ދަނީ ލިބުނު ގެއްލުމުގެ މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުން ކަމަށާއި، އެ ގެއްލުމުގެ ޒިންމާ އެމްއޭސީއެލް އިން ނަގަން ޖެހިއްޖެ ނަމަ އެ ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށް 28 ޖުލައިގެ ތާރީޚުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް ސޮއި ކުރައްވާ ފޮނުއްވި ސިޓީގައި ވެއެވެ.