Advertisement
ކ. މާލެ
|
31 ޖުލައި 2025 | ބުރާސްފަތި 01:18
ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސް މުއިއްޒު އާ ބައްދަލު ކުރައްވާ ދެ ގައުމަށް މުހިންމު ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި.
ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސް މުއިއްޒު އާ ބައްދަލު ކުރައްވާ ދެ ގައުމަށް މުހިންމު ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި.
ރައީސް އޮފީސް
ދިވެހިރާއްޖެ-ލަންކާ ގުޅުން
ސްރީލަންކާގެ ރައީސް ރާއްޖެ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގެންފި
ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގަތީ ބުދަ ދުވަހުގެ ރޭ
ދެ ގައުމުގެ މެދުގައި މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއަކާއި މުއާހަދާއެއްގައި ސޮއިކުރެވުނު
މިއީ ސްރީލަންކާގެ ރައީސްކަމާ ހަވާލުވުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ބުދަ ދުވަހުގެ ރޭ ފުރާވަޑައިގެންފި އެވެ.

ސްރީލަންކާގެ ރައީސް ރާއްޖެ ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށެވެ.

ޑިސެނަޔަކެ ގެ މި ދަތުރުފުޅާ އެކު ރާއްޖެ އާއި ލަންކާގެ ގުޅުން މުޅިން އާ ހަރުފަތަކަށް ގެންދެވިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ދަތުރުފުޅުގެ ތެރެއިން އެއްބަސްވެފައިވާ ކަންކަން ތަންފީޒުވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަތީ ފަންތީގެ މަޝްވަރާތައް ގެންދިއުމުގައި ދެމިތިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސްރީލަންކާގެ ރައީސް ޑިސަނަޔަކެ، ރާއްޖެ ވަޑައިގަތުމުން ދިވެހި ސަރުކާރުން އެ މަނިކުފާނަށް ވަނީ ރަސްމީގޮތުން މަރްޙަބާ ދަންނަވާފައެވެ. އަދި މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އާއެކު ރަސްމީ މަޝްވަރާތައް ކުރައްވައި، ދެ ޤައުމުގެ މެދުގައި މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާ އަކާއި މުއާހަދާއެއްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑިސަނާޔަކެ ބައިވެރިވެވަޑައިގެންފައިވެއެވެ.

ދިވެހިރާއްޖެ އާއި ސްރީލަންކާގެ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮޮތުން ރައީސް ޑިސަނަޔަކެ، ބުދަ ދުވަހު މާލޭގެ ސަލްޓަން ޕާކުގައި ބޭއްވުނު ގަސްއިންދުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެން ގަހެއް އިންދެވިއެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ދިވެހިރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚާއްޞަ ފަރިއްކޮޅުގައި ރައީސް ޑިސެނަޔަކެ ބައިވެރިވެ ވަޑައިގަތެވެ. ދިވެހިރާއްޖެ އާއި ސްރީލަންކާ އަކީ ގާތް ރަޙްމަތްތެރިންގެ ގޮތުގައި ދެމިތިބި ދެ ގައުމު ކަމަށް އެ ހަފްލާ ގައި ޑިސެނަޔަކެ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސް ޑިސެނަޔަކެ ވަނީ ރާއްޖޭގެ އިންވެސްޓަރުންނާ ބައްދަލު ކުރައްވާ ސްރީލަންކާ ގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިއީ ސްރީލަންކާގެ ރައީސް ޑިސަނަޔަކެ، މިދިޔަ ސެޕްޓެމްބަރ މަހު އެ ޤައުމުގެ ރައީސްކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެ އަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ދިވެހިރާއްޖެ އާއި ސްރީލަންކާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގައެވެ. އަދި މި އަހަރަކީ މި ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ.

- ކޮމެންޓް