ކ. މާލެ
|
29 ޖުލައި 2025 | އަންގާރަ 11:36
ލިވަޕޫލް އަށް ކުޅެމުން އައި ލުއިސް ޑިއާޒް
ލިވަޕޫލް އަށް ކުޅެމުން އައި ލުއިސް ޑިއާޒް
ރޮއިޓަރސް
ބަޔާން މިއުނިކް
ބަޔާނަށް ޑިއާޒް ވިއްކާލަން ނިންމައިފި
ތިން ވަނަ ފަހަރަށް ޑިއާޒް ހޯދުމަށް ބަޔާން އިން ހުށަހަޅާފައި ވަނީ 75 މިލިއަން ޔޫރޯގެ ހުށަހެޅުމެކެވެ. ލިވަޕޫލް އިން ވަނީ އެ ހުށަހެޅުން ޤަބޫލުކޮށް، ޑިއާޒް ދޫކޮށްލަން އެއްބަސްވެފަ އެވެ.

ލިވަޕޫލަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ލުއިސް ޑިއާޒް، ޖަރުމަނުގެ ބަޔާން މިއުނިކް އަށް ދޫކޮށްލަން އެ ކުލަބުން ނިންމައިފި އެވެ.

ޕޯޓޯ ދޫކޮށް ޑިއާޒް ލިވަޕޫލް އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރު އެވެ. ނަމަވެސް، އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވައި، ޑިއާޒް ބޭނުންވީ ލިވަޕޫލް ދޫކޮށްލުމަށެވެ.

ޑިއާޒް ހޯދުމަށް ބަޔާން އިން ވަނީ މީގެ ކުރިން ވެސް މަސައްކަތް ކޮށްފަ އެވެ. އެގޮތުން ބަޔާނުން އެންމެ ފުރަތަމަ ހުށަހެޅު ދެ ހުށަހެޅުން ވެސް ލިވަޕޫލް އިން ވަނީ ބަލައި ނުގަންނަން ނިންމައިފަ އެވެ. ތިން ވަނަ ފަހަރަށް ޑިއާޒް ހޯދުމަށް ބަޔާން އިން ހުށަހަޅާފައި ވަނީ 75 މިލިއަން ޔޫރޯގެ ހުށަހެޅުމެކެވެ. ލިވަޕޫލް އިން ވަނީ އެ ހުށަހެޅުން ޤަބޫލުކޮށް، ޑިއާޒް ދޫކޮށްލަން އެއްބަސްވެފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މިވަގުތު ޑިއާޒް ތައްޔާރު ވަމުން އަންނަނީ ބަޔާނަށް ބަދަލުވުމަށް ފުރިހަމަ ކުރަން ޖެހޭ މެޑިކަލްގެ ކަންކަން ފުރިހަމަ ކުރުމަށެވެ. އެގޮތުން އަންގާރަ ދުވަހު ޑިއާޒް، ބަޔާންގެ މެޑިކަލްގެ ކަންކަން ފުރިހަމަ ކުރާނެ ކަމަށާއި، އެއަށްފަހު އެ ކުލަބުގެ އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ބަޔާނާ އެކު ޑިއާޒް ސޮއި ކުރާނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

ލިވަޕޫލް އާއެކު ހޭދަ ކުރި ހަތަރު ސީޒަންގެ ތެރޭގައި ޑިއާޒް ވަނީ އެ ކުލަބަށް ކުޅެދިން 148 މެޗުގައި 41 ލަނޑު ޖަހައިފަ އެވެ. އަދި ލިވަޕޫލް އާއެކު އޭނާ ވަނީ ފަސް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގެ އިތުރުން، އެފްއޭ ކަޕް ކާމިޔާބު ކުރުމާއި، ކަރަބޯ ކަޕް ދެ ފަހަރު ކާމިޔާބު ކުރުން އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑު ކާމިޔާބު ކުރުން ހިމެނެ އެވެ.

ބަޔާނަށް ބަދަލުވުމާ އެކު، އެ ކުލަބު ވެގެން ދާނީ ޑިއާޒްގެ ސީނިއާ ކެރިއަރުގައި އޭނާ ކުޅޭނެ ފަސް ވަނަ ކުލަބެވެ. ޕޯޓޯ އާއި ލިވަޕޫލްގެ އިތުރުން ޑިއާޒް ވަނީ، ކެމްބޯޑިއާގެ ދެ ކުލަބަކަށް ވެސް ކުޅެފަ އެވެ.

ބަޔާން އިން ޑިއާޒް ހޯދުމުގެ ޑީލް ކާމިޔާބު ކޮށްފައިވާއިރު، ބައެއް އެހެން ކުލަބުތަކުން ވެސް ވަނީ އޭނާ ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން ސްޕެއިންގެ ބާސެލޯނާ އިން އޭނާ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ.

- ކޮމެންޓް