އިންޑިއާގެ ނިކަބާރ އައިލެންޑްސް އަށް އައި ބިންހެލުމުގެ އަސަރު މާލެ އާއި ހުޅުމާލެ އަށް ކޮށްފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ހާމަކޮށްފި އެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، 2025 ޖުލައި 28 ވީ ހޯމަ ދުވަހުގެ ރޭ، ރާއްޖެ ގަޑިން 23:41 ގައި އިންޑިއާގެ ނިކަބާރ އައިލެންޑްސް އަށް ރިކްޓާ މިންގަނޑުން 6.2 ގެ ބާރުމިނުގައި ބިން ހެލުމެއް އައިސްފައިވާ ކަމަށެވެ.
އެހެން ނަމަވެސް، އެ ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިފައި ނުވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ވަނީ ހާމަކޮށްފަ އެވެ. އެކަމަކު، އެ ބިންހެލުމާ ގުޅިގެން މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުންތަކެއް އައިކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ވަނީ ހާމަކޮށްފަ އެވެ.
މީގެ އިތުރުން މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ވަނީ ގދ.ކާޑެއްދޫގައި ޤާއިމު ކޮށްފައިވާ ބިންހެލުން ރެކޯޑު ކުރާ މީޓަރަށް، ރާއްޖެ ގަޑިން 23:48 ހާއިރު ލޮޅުމުގެ އަސަރު ކޮށްފައިވާކަން ރެކޯޑު ކުރެވިފައިވާ ކަމަށް ބުނެފަ އެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެ އަށް އިތުރު ނުރައްކަލެއް ކުރިމަތި ވާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އެ އިދާރާ އިން ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމް އަށް މައުލޫމާތު ދެމުން މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ބުނެފައި ވަނީ، ބިންހެލުމާ ގުޅިގެން ލޮޅުމުގެ އަސަރު ކޮށްފައިވާ ކަމަށް ހޯމަ ދުވަހުގެ ރޭ ބައެއް އާންމުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަދި އެ ބިންހެލުމަކީ ރާއްޖެއާ 2215 ކިލޯ މީޓަރު ދުރު ސަރަހައްދަކުން އައި ބިންހެލުމެއް ކަމަށާއި، އެހެން ނަމަވެސް އެކަމުގެ އަސަރު ކޮންމެ ވެސް ވަރަކަށް ރާއްޖެ އަށް ކޮށްފައިވާ ކަމަށް އެ އިދާރާ އިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ބިންހެލުން އައި ސަރަހައްދުގައި ވެސް ލޯކަލް ސުނާމީ އެއް އުފެދިފައި ނުވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ބިންހެލުން އައި ސަރަހައްދަކީ 2004 ވަނަ އަހަރުގެ ސުނާމީގައި ބާރުގަދަ ބިންހެލުން އައި ޕޮއިންޓު ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ބުންޏެވެ.