ކ. މާލެ
|
28 ޖުލައި 2025 | ހޯމަ 21:00
ޣައްޒާ ސިޓީގައި އިސްރާއީލުގެ ވައިގެ ހަމަލާތަކެއް ގައި އިމާރާތްތަކާއި އުޅަނދުތައް ފުނޑުފުނޑު ވެފައި - އޮކްޓޯބަރު 9، 2023
ޣައްޒާ ސިޓީގައި އިސްރާއީލުގެ ވައިގެ ހަމަލާތަކެއް ގައި އިމާރާތްތަކާއި އުޅަނދުތައް ފުނޑުފުނޑު ވެފައި - އޮކްޓޯބަރު 9، 2023
ގެޓީއިމޭޖަސް
ފަލަސްތީނު
ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރާ ކޮންފަރެންސް ބާއްވައިފި
ސައުދީ އަރަބިއްޔާ އާއި ފްރާންސް އިން އިސްނަގައިގެން ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް ނިއުޔޯކުގައި ބައިނަލްއަޤްވާމީ ބައްދަލުވުމެއް ބޭއްވިއެވެ. ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުން ދެ ދައުލަތުގެ ހައްލަށް ތާއީދުކޮށް، ޣައްޒާގެ ހިސޯރު ނިންމުމަށް ގޮވާލިއެވެ.

ސައުދީ އަރަބިއްޔާ އަދި ފްރާންސް އިސްނަގައިގެން ފަލަސްތީނުގެ ދައުލަތް ޤާއިމުކުރުމާ ބެހޭ މަތީ ފެންވަރުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

ސައުދީ އަރަބިއްޔާ އާއި ފްރާންސް އިން އިސްނަގައިގެން ބާއްވާ، ދެ ދައުލަތުގެ ހައްލާ ބެހޭ މަތީ ފެންވަރުގެ ބައްދަލުވުން ފެށީ ހޯމަ ދުވަހު ނިއުޔޯކުގަ އެވެ. މި ބައްދަލުވުމުގެ މަޤްޞަދަކީ ފަލަސްތީނުގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތައް ކުރިއެރުވުމެވެ.

"ފަލަސްތީނުގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ހޯދުމާއި ދެ ދައުލަތުގެ ހައްލު ތަންފީޒު ކުރުމާ ބެހޭ މަތީ ފެންވަރުގެ ބައިނަލްއަޤްވާމީ ބައްދަލުވުން" ބޭއްވުނީ މިނިވަން ފަލަސްތީނު ދައުލަތެއް ޤާއިމު ކުރުމަށް އެހީތެރިވުމަށް ވަކި އޮނިގަނޑެއް އެކުލަވާލުމަށާއި ދެމެހެއްޓެނިވި ސުލްޙައަކަށް މަގުފަހިކުރުމުގެ މަޤްޞަދުގައެވެ.

ބައްދަލުވުން ފެށުމުގައި ވާހަކަފުޅު ދައްކަވަމުން ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިޞަލް ބިން ފަރްޙާން ވިދާޅުވީ "ސަރަޙައްދުގެ ހުރިހާ ރައްޔިތުންނަށް ސަލާމަތްތެރިކަމާއި، ހަމަޖެހުމާއި، ފާގަތިކަން ހޯދައިދިނުމަށްޓަކައި ފަލަސްތީނު ރައްޔިތުންނަށް އިންސާފު ލިބި، އެ ބައިމީހުންގެ ޙައްޤުތައް ހޯދައިދިނުމަކީ އެންމެ މުހިންމު ކަންތައް ކަމަށް ސައުދީ އަރަބިއްޔާއިން ދެކެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ 1967 ވަނަ އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހު އެއްބަސްވި ބޯޑަރާ އެއް ގޮތައް، އިރުމަތީ ޖެރޫސަލަމް އެ ދައުލަތުގެ ވެރިކަން ކުރާ ރަށް ކަމުގައި ބަލައިގެން، މިނިވަން ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމެވެ."

"މިއީ ހަމައެކަނި ސިޔާސީ ސްޓޭންޑެއް ނޫނެވެ. މިނިވަން ފަލަސްތީނު ދައުލަތެއް އުފެއްދުމަކީ ސަރަޙައްދުގައި ސުލްޙަ ޤާއިމު ކުރުމުގެ ތަޅުދަނޑިކަމުގައި ބެލެވޭ ވަރުގަދަ ޤަބޫލުކުރުމެކެވެ."

ދެ ދައުލަތުގެ ހައްލު ތަންފީޒު ކުރުމަށް މި ބައްދަލުވުމަކީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށް އަމީރު ފައިޞަލް ވިދާޅުވިއެވެ.

އަދި ސައުދީ އަރަބިއްޔާ އިން ފްރާންސް އާ ގުޅިގެން ވޯލްޑް ބޭންކުން ޣައްޒާ އަށާއި ވެސްޓް ބޭންކަށް 300 މިލިއަން ޑޮލަރު ގެ އެހީ ފޯރު ކޮށްދިނުމުގެ ހުއްދަ ހޯދުމަށް މަސައްކަތް ކުރަމުންދާކަން އަމީރު ފައިޞަލް ހާމަކުރެއްވިއެވެ.

އަދި ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވޭތުވެދިޔަ ހަފްތާގައި ސެޕްޓެމްބަރު މަހު އދ. ގެ އާންމު މަޖިލީހުގައި ފަލަސްތީނު ދައުލަތެއް ރަސްމީކޮށް ބަލައިގަތުމަށް އިޢުލާނުކުރައްވާނެ ކަމަށް ވިދާޅުވި ކަމަށްޓަކައި އަމީރު ފައިޞަލް ޝުކުރު އަދާކުރެއްވިއެވެ.

ސައުދީ އަރަބިއްޔާގެ އެންމެ އިސް ޑިޕްލޮމެޓް އިތުރަށް ވިދާޅުވީ ޣައްޒާގައި ދިމާވެފައިވާ އިންސާނީ ކާރިސާ ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.

"ހަނގުރާމަ އާއި އިސްރާއީލުން ވަމުންދާ ބައިނަލް އަގްވާމީ ގާނޫނުތަކާ ނުރައްކާތެރި ޚިލާފުވުންތަކުގެ ސަބަބުން ދިމާވެފައިވާ މި އިންސާނީ ކާރިސާ ވަގުތުން ހުއްޓާލަންޖެހޭ ކަމަށް އަޅުގަނޑުމެން ދެކެމެވެ. މިކަން ހުއްޓާލަންޖެހެނީ ފަލަސްތީނު ރައްޔިތުންގެ ވޭން ނިމުމަކަށް ގެނައުމަށާއި، ޒިންމާދާރުވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށާއި، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުގެ އުސޫލުތަކާ އެއްގޮތަށް އަދަބުން ސަލާމަތްވުމުގެ ސިޔާސަތު ނިމުމަކަށް ގެނައުމަށްޓަކައެވެ،" އަމީރު ފައިޞަލް ވިދާޅުވިއެވެ.

އަދި އިތުރަށް ވިދާޅުވީ "ޣައްޒާގައި ދިމާވެފައިވާ ނުރައްކާތެރި އިންސާނީ ކާރިސާ" ފެށުނީއްސުރެ އަދި ވެސްޓް ބޭންކުގައި ކަންކަން ގޯސްވަމުން ދިޔައިރު، ސައުދީ އަރަބިއްޔާ އިން ވަނީ އިންސާނީ އަދި ރިލީފް އެހީ ފޯރުކޮށްދިނުމުގެ ގޮތުންނާއި އދ. ގެ އޭޖެންސީތަކަށާއި ފަލަސްތީނު އޮތޯރިޓީ އަށް އެހީތެރިވުމުގެ ގޮތުން ފަލަސްތީނު ރައްޔިތުންނަށް ވަގުތުން އަދި ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކޮށްފައި،" ކަމަށެވެ.

ބައްދަލުވުމުގެ ކުރިން އާދީއްތަ ދުވަހު ވާހަކަފުޅު ދައްކަވަމުން އަމީރު ފައިޞަލް ވިދާޅުވީ މި ބައްދަލުވުމުގައި ބައިވެރިވެ އިސް ނެގީ ފަލަސްތީނުގެ މައްސަލައާ މެދު ސައުދީ އަރަބިއްޔާއިން ގެންގުޅޭ ދެމެހެއްޓެނިވި ސްޓޭންޑުގެ މައްޗަށް ބިނާކޮށް އެކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފްރާންސްގެ ޚާރިޖީ ވަޒީރު ޖީން-ނޮއެލް ބާރޯ ވިދާޅުވީ އިސްރާއީލާއި ފަލަސްތީނަށް ދެ ދައުލަތުގެ ހައްލު ފިޔަވައި އެހެން ގޮތެއް ނެތް ކަމަށެވެ.

"އިސްރާއީލާއި ފަލަސްތީނަށް ޙައްޤުވާ އުންމީދުތަކަށް އިޖާބަ ދިނުމަށް އޮތް ހަމައެކަނި ގޮތަކީ ސިޔާސީ، ދެ ދައުލަތުގެ ހައްލެކެވެ. އެއީ ސުލްޙަ އާއި ސަލާމަތްތެރިކަމުގައި ދިރިއުޅުމަށް ކުރާ އުންމީދުތަކަށް އިޖާބަ ދިނުމަށް އޮތް ހަމައެކަނި ގޮތެވެ. މިއަށް ބަދަލުގައި އެހެން ގޮތެއް ނެތެވެ،" އޭނާ ވިދާޅުވިއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ހޯމަ ދުވަހު ވިދާޅުވީ އިސްރާއީލުން ވެސްޓް ބޭންކު ހިފަމުން ގެންދާ ގޮތަކީ ޣައިރު ޤާނޫނީ ކަމެއް ކަމަށާއި، ޣައްޒާ ސްޓްރިޕް މުޅިން ހަލާކު ކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ދެކަންތައްވެސް ހުއްޓާލަންޖެހޭ ކަމަށެވެ.

"ސާފުކޮށް ދަންނަވާނަމަ: އޮކިއުޕައިޑް ވެސްޓް ބޭންކު ހިސޯރު ކުރަމުން ގެންދާ ގޮތަކީ ޣައިރު ޤާނޫނީ ކަމެކެވެ. މިކަން ހުއްޓާލަން ޖެހެއެވެ. ޣައްޒާ މުޅިން ހަލާކުކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިކަންވެސް ހުއްޓާލަންޖެހެއެވެ،" ދެ ދައުލަތުގެ ހައްލަކާ ބެހޭ ބައްދަލުވުމެއްގައި ގުޓެރެސް ވިދާޅުވިއެވެ.

"ދެ ދައުލަތުގެ ހައްލު އަބަދަށް ނައްތާލާފާނެ ގޮތަކަށް އެއްފަރާތުން އަޅާ ފިޔަވަޅުތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫނެވެ. މިފަދަ ކަންތައްތައް ހުއްޓާލަންޖެހެއެވެ،" ގުޓެރެސް ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް ބާރުއެޅުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ބައިވެރިވި ގިނަ ޤައުމުތަކުން ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް ތާއީދުކުރިއެވެ. އަދި އިސްރާއީލުގެ ހިސޯރު ނިމުމަކަށް ގެނައުމަށް ގޮވާލިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ބައެއް ޤައުމުތަކުން ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް އެ ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރިއެވެ. އަދި ބައެއް ޤައުމުތަކުން ފަލަސްތީނު ދައުލަތެއް ޤާއިމު ކުރުމަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.

ސައުދީ އަރަބިއްޔާ އާއި ފްރާންސް އިން އިސް ނަގައިގެން ވަޒީރުންގެ ފެންވަރުގައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ބޭއްވި ކޮންފަރެންސްގެ ބައިވެރިން ހިމޭން ކަމުގެ ސުކޫތަކަށް ކޮޅަށް ތެދުވެ - ޖުލައި، 28، 2025

އދ. ގެ މައި މަރުކަޒު ގައި ބޭއްވި މި ބައްދަލުވުމުގައި ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވީ ފަލަސްތީނު ދައުލަތެއް ޤާއިމު ކުރުމަކީ ފަލަސްތީނު ރައްޔިތުންގެ އަސާސީ ޙައްޤެއް ކަމަށެވެ. އަދި އިސްރާއީލުގެ އިސްތިއުމާރު ނިމުމަކަށް ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ނިންމުމުގައި ބައިވެރިން އެއްބަސްވީ ފަލަސްތީނު ދައުލަތެއް ޤާއިމު ކުރުމަށް މަސައްކަތް ކުރުމަށާއި، އިސްރާއީލު-ފަލަސްތީނު ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރުމަށެވެ. އަދި ޣައްޒާގެ އިންސާނީ ޙާލަތު ރަނގަޅު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެއްބަސްވިއެވެ.

- ކޮމެންޓް