ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ލަޤަބް އަރުވާފައިވާ ހަސަން ސާބިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، އަންގާރ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.
ގަލޮޅު ފިޔާތޮށިގޭ ހަސަން ސާބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ހޯމަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 73 އަހަރެވެ.
އޭނާ ވަނީ 1999 އިން 2004 އަށް އަރިއަތޮޅު އުތުރުބުރީ ދާއިރާ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އޭގެ އިތުރުން އޭނާ ވަނީ 11 އަހަރު ވަންދެން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާ، މުހިންމު އިޤްތިޞާދީ ދާއިރާތަކުގެ އިސް ސިޔާސަތުތައް އެކުލަވާލުމާއި ހިންގުމުގައި މަސައްކަތް ކުރައްވާފައެވެ. އޭގެ އިތުރުން ސާބިރު ވަނީ ފަތުރުވެރިކަމުގެ ވުޒާރާ އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވުޒާރާގެ ވަޒީރުކަން އަދާ ކުރައްވާފައެވެ.
މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޗެއަރމަންކަން ސާބިރު އަދާ ކުރެއްވިއެވެ.
ސާބިރު ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ސާކު އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އައިއެފްއޭޑީ) ފަދަ ސަރަޙައްދީ މުއައްސަސާތަކަށް ލަފާދޭ މަޤާމުތަކުގައި ވެސް މަސައްކަތް ކުރައްވާފައެވެ.
ސާބިރު އަށް ޑިޕްލޮމެޓިކް އަދި ޚާރިޖީ ގުޅުން ތަކުގެ ދާއިރާގައި ވަރަަށް ގިނަ ޚިދުމަތްތައް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ޔޫރަޕިއަން ޔޫނިއަން އަށް ރާއްޖެ އިން ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރު ކަމާއި ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ދިވެހިރާއްޖޭ އިން ކަނޑައެޅި ދާއިމީ މަންދޫބު ކަމާއި އިނގިރޭސި ވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަރު ކަމާއި ސިންގަޕޫރަށް ކަނޑައެޅުއްވި ދިވެހިރާއްިރާއްޖޭގެ ހައި ކޮމިޝަނަރު ކަމާއި އަދި ބެލްޖިއަމް، ނެދަލޭންޑްސް އަދި ލަކްޒަމްބާގް އަށް ދިވެހިރާއްޖެ އިން ކަަނޑައެޅި ސަފީރު ކަމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަން އަށް ދިވެހިރާއްޖެ އިން ކަނޑައަޅާފައިވާ މިޝަންގެ މަޤާމުތަކުގައި ސާބިރު މަސައްކަތް ކުރެއްވިއެވެ.
2011 އިން 2013 އަށް އޭނާ ވަނީ މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި ހުންނަ ހެލްޕް ޔުނިވަރސިޓީގެ ސްކޫލް އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމްގައި ސީނިއަރ ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.
ޙަސަން ޞާބިރުގެ ޖަނާޒާ ބޭއްވެވުމަށް ސަރުކާރުން ހަމަޖައްސަވައިފައި ވަނީ ރަސްމީ އިއްޒަތުގައެވެ. މޫނުފުޅު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. ކަށުނަމާދު އޮންނާނީ މިއަދުގެ ޢަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރަކީ، 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި، ދިވެހި ޤައުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.
ޙަސަން ޞާބިރު އަވަހާރަވި އިރު އަނބިކަނބަލަކާއި، ދެ ބޭފުޅުން ތިއްބެވިއެވެ. އެއީ، ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅެކެވެ.