ކ. މާލެ
|
28 ޖުލައި 2025 | ހޯމަ 09:21
އެފްއޭއެމްގެ ހިންގާ ކޮމެޓީ އަށް އިންތިޚާބުވި ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުމެއިރު
އެފްއޭއެމްގެ ހިންގާ ކޮމެޓީ އަށް އިންތިޚާބުވި ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުމެއިރު
ވިކްޓަރީ ސްޕޯޓްސް ކްލަބް ފޭސްބުކް
އެފްއޭއެމް
މިއީ ކުޅިވަރަށް ޚިދުމަތް ކުރުމުގެ އައު ފެށުމެއް: އުމެއިރު
ޕޯސްޓު ނިންމާލަމުން އުމެއިރު ބުނެފައި ވަނީ ފުޓުބޯޅައިގެ ގެއްލިފައިވާ ޖޯޝު އަލުން އަނބުރާ ގެނެސް، ދިވެހި ފުޓުބޯޅަ އަށް އޮތް ލޯބި އަލުން ރޯކޮށް، ވާދަވެރިކަން ދަނޑުގައި ވަރުގަަދަކޮށް ހިފެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގާ ކޮމެޓީ އަށް އިންތިޚާބު ވުމަކީ، ފުޓުބޯޅަ އަށް ޚިދުމަތް ކުރުމުގެ އައު ފެށުމެއް ކަމަށް ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުޙައްމަދު އުމެއިރު ބުނެފި އެވެ.

ހޮނިހިރު ދުވަހު އޮތް އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އެފްއޭއެމްގެ ރައީސަކަށް އިންތިޚާބު ކުރި ޤައުމީ ޓީމުގެ ކުރީގެ ފޯވާޑު އަޙުމަދު ޠާރިޤު (ޓޮމް)ގެ ހިންގާ ކޮމެޓީގައި އުމެއިރު ހިމެނެ އެވެ.

އުމެއިރު އޭނާގެ ރަސްމީ ސޯޝަލް މީޑިއާ ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރެއްގެ ގޮތުގައި މަަސްއޫލިއްޔަތު އަދާ ކުރުމަށް ފަށާތީ، ފުޓުބޯޅަ ކުޅުމުން ދުރަށް ޖެހިލާކަން އިއުލާން ކުރާ ކަމަށެވެ.

އެ ޕޯސްޓުގައި އުމެއިރު ބުނެފައި ވަނީ ޒުވާނުންގެ ސަފުތަކުން ފެށިގެން ޤައުމު ތަމްސީލު ކުރުމާ ހަމައަށް ކުރި ދަތުރަކީ، ހައިރާން ކުރުވަނިވި ދަތުރެއް ކަމަށެވެ. އޭނާގެ ކެރިއަރު އެކުލަވާލުމުގައި އެހީތެރިކަން ދީފައިވާ އެންމެހާ ކޯޗުންނަށް ޝުކުރު އަދާ ކުރަމުން އުމެއިރު ބުނެފައި ވަނީ، އޭގެ ތެރެއިން ކޮންމެ ބޭފުޅަކަށް ވެސް ވަަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.

އުމެއިރުގެ ޕޯސްޓުގައި އޭނާ ވަނީ ބައެއް ފަރާތްތަކުގެ ނަންތައް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން ލިރުޤާމް ސަޢީދު (ލަރޭ)ގެ އިތުރުން، އަލްމަރުޙޫމް އިޙުސާން ޢަބްދުލްޣަނީ (ސާންތީ)، މުޙައްމަދު ޝިޔާޒު (މޯހަން)، މަޢުރޫފް އަޙުމަދު (މާއްޓޭ) އަދި އަލީ ސުޒެއިންގެ ނަން އުމެއިރު ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން އުމެއިރު ބުނެފައި ވަނީ ފުޓުބޯޅަ ކެރިއަރުގައި ކުޅެފައިވާ ވިކްޓްރީ ސްޕޯޓްސް ކުލަބާއި، ވީބީގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު، ކުލަބު ގްރީން ސްޓްރީޓްސް އަދި ވެލެންސިއާ އާއެކު ކުރެވުނު ދަތުރަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ.

އުމެއިރު ބުނެފައި ވަނީ ދިވެހި ރާއްޖޭގެ އެކި އެކި އުމުރުފުރައިގެ ޤައުމީ ޓީމުތަކަށް ކުޅުމުގެ އިތުރުން، ސީނިއާ ޤައުމީ ޓީމަށް ކުޅެފައިވުމުން ޤައުމު ތަމްސީލު ކުރުމުގެ މާނަ އެންމެ ފުރިހަމަ އަށް އިނގޭ ކަމަށެވެ. އދަި ފުޓުބޯޅަ އަކީ އަބަދު ވެސް ކުޅިވަރަކަށް ވުރެ ބޮޑު އެއްޗެއް ކަމަށާއި، އެއީ ރާއްޖޭގެ އެންމެ މަޤުބޫލު ކުޅިވަރު ކަމަަށް އޭނާ ބުންޏެވެ. ވަކިން ޚާއްސަކޮށް އެއީ އެންމެން އެއްބައިވަންތަ ކުރުވާ ކުޅިވަރު ކަމަށް ވެސް އޭނާ ބުންޏެވެ.

އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ފަށާއިރު، އުމެއިރުގެ އެންމެ ބޮޑު ވައުދެއް އޮތީ ޒުވާނުންނަށެވެ. ޚާއްސަކޮށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގައި ހިމެނުނު ކުޅުންތެރިޔަކަށް ވާތީ، އުމެއިރު އަށް ހަނދާން ކޮށްދެނީ އެއްބައިވަންތަކާއި، އީމާންތެރިކަމުން ޙާސިލު ކުރެވިދާނެ ކަންތައް ކަމަށް އޭނާ ފާހަގަ ކޮށްފައިވެ އެވެ.

ޕޯސްޓު ނިންމާލަމުން އުމެއިރު ބުނެފައި ވަނީ ފުޓުބޯޅައިގެ ގެއްލިފައިވާ ޖޯޝު އަލުން އަނބުރާ ގެނެސް، ދިވެހި ފުޓުބޯޅަ އަށް އޮތް ލޯބި އަލުން ރޯކޮށް، ވާދަވެރިކަން ދަނޑުގައި ވަރުގަަދަކޮށް ހިފެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިއީ ނިމުމެއް ނޫން ކަމަށާއި، މިއީ ހަމައެކަނި މި ރީތި ކުޅިވަރަށް ޚިދުމަތް ކުރުމުގެ އައު ފެށުމެއް ކަމަށް އުމެއިރު ވަނީ ބުނެފަ އެވެ.

- ކޮމެންޓް