ކ. މާލެ
|
27 ޖުލައި 2025 | އާދީއްތަ 10:15
އެފްއޭއެމްގެ ރައީސަކަށް އިންތިޚާބު ކުރި އަޙުމަދު ޠާރިޤް (ޓޮމް)
އެފްއޭއެމްގެ ރައީސަކަށް އިންތިޚާބު ކުރި އަޙުމަދު ޠާރިޤް (ޓޮމް)
ސިޑިބަރި
އެފްއޭއެމް
އެފްއޭއެމްގެ ރައީސަކަށް ދެ ވަނަ ފަހަރަށް ޓޮމް އިންތިޚާބު ކޮށްފި
ކޮންގްރެސްގައި ބައިވެރިވި 32 މެމްބަރުންގެ ފުރިހަމަ އިއްތިފާގުން ވަނީ ޓޮމް އަދި އޭނާާގެ ހިންގާ ކޮމެޓީ އިންތިޚާބު ކޮށްފަ އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމުގެ މަޤާމަށް، ޤައުމީ ޓީމުގެ ކުރީގެ ފޯވާޑު އަޙުމަދު ޠާރިޤް (ޓޮމް) އިންތިޚާބު ކޮށްފި އެވެ.

އެފްއޭއެމްގެ ރައީސް ކަމުގެ މަޤާމަށް ޓޮމް އިންތިޚާބު ކޮށްފައި ވަނީ، ހޮނިހިރު ދުވަހު މީރުމާ އިވެންޓްސްގައި އޮތް އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގަ އެވެ.

އެފްއޭއެމްގެ ހިންގާ ކޮމެޓީ އަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތި ލެއްވީ ޓޮމް އެކަންޏެވެ. ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން އަންނަ ޓޮމް، އިންތިޚާބުގައި ވާދަ ކުރުމަށް ފޯމު ހުށަހަޅާފައި ވަނީ އެފްއޭއެމްގެ މެމްބަރު 23 ކުލަބުގެ ތާއީދާ އެކު އެވެ.

އެފްއޭއެމްގެ ރައީސް ކަމުގެ މަޤާމަށް ޓޮމް އެކަނި ކުރިމަތިލާފައި ވުމުން، ކޮންގްރެސްގައި ވަނީ ފެންނަ، ނުފެން ވޯޓެއް، އަތް ހިއްލައިގެން ނަގައިފަ އެވެ. ކޮންގްރެސްގައި ބައިވެރިވި 32 މެމްބަރުންގެ ފުރިހަމަ އިއްތިފާގުން ވަނީ ޓޮމް އަދި އޭނާާގެ ހިންގާ ކޮމެޓީ އިންތިޚާބު ކޮށްފަ އެވެ.

ޓޮމްގެ ހިންގާ ކޮމެޓީގައި ސީނިއަރ ނައިބު ރައީސަކަށް އިންތިޚާބު ކޮށްފައި ވަނީ ނިއު ރޭޑިއަންޓުގެ ސީނިއާ ވައިސް ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހިމް(ކައްޕި) އެވެ. ނައިބު ރައީސުންގެ ގޮތުގައި އިންތިޚާބު ކޮށްފައި ވަނީ މާޒިޔާގެ ޙުސެއިން ޝާފިއު އަދި ނިއު ރޭޑިއަންޓްގެ ސީނިއާ ވައިސް ޗެއާމަން އަދި ވެމްކޯގެ މެނޭޖިން ޑައިރެކްޓަރު މުޖުތަބާ އަލީ (މުޖޭ) އެވެ.

މީގެ އިތުރުން ޓޮމްގެ ހިންގާ ކޮމެޓީގައި އަށް އިންތިޚާބު ކޮށްފައިވާ މެމްބަރުންގެ ތެރޭގައި ޤައުމީ ޓީމުގެ ކުރީގެ އެއް ނަންބަރު ގޯލު ކީޕަރު އިމްރާން މުޙައްމަދުގެ އިތުރުން، ޤައުމީ ޓީމުގެކުރީގެ ކުޅުންތެރިޔާ މުޙައްމަދު އުމައިރު، ޓީސީ ސްޕޯޓްސް ކުލަބުގެ އަޙުމަދު އައްބާސް އަދި ބީޖީގެ އަލީ ރިޒުވާން ހިމެނެ އެވެ. އަދި އަންހެން މެމްބަރުންގެ ގޮތުގައި ހިމަނާފައި ވަނީޙައްވާ ނަސްރާ ސައީދު އަދި ޙައްވާ ރަޝީދާ ވަނީ އިންތިޚާބު ކޮށްފަ އެވެ.

މިއީ އެފްއޭއެމްގެ ރައީސް ކަމުގެ މަޤާމަށް ޓޮމް އިންތިޚާބުވެފައިވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2016 ވަނަ އަހަރު ވެސް ޓޮމް ވަނީ އެފްއޭއެމްގެ ރައީސް ކަމުގެ މަޤާމަށް އިންތިޚާބު ވެފަ އެވެ.

ނަމަވެސް، އެންމެ ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި ޓޮމްގެ ހިންގާ ކޮމެޓީގެ ގިނަ މެމްބަރުން ތަކެއް އިސްތިއުފާ ދެއްވުމާ އެކު، އޭނާގެ މަގާމު ވަނީ ގެއްލިފަ އެވެ. އެއާ ވިދިގެން ބޭއްވި އިންތިޚާބުގައި ޓޮމް ވާދަ ކުރެއްވި ނަމަވެސް، އޭނާގެ މައްޗަށް ކުރި ހޯދީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

އެފްއޭއެމް އިން މި ފަހުން ބާއްވަން މަސައްކަތް ކުރި އިންތިޚާބުގައި ވާދަ ކުރުމަށް ބައްސާމް ވެސް ފޯމު ހުށަހެޅި އެވެ. ނަމަވެސް، އެ ފަހަރުގެ އިންތިޚާބު ވަނީ ކެންސަލް ކޮށްފަ އެވެ. ތިން ވަނަ ފަހަރަށް އެފްއޭއެމްގެ އިންތިޚާބުގައި ވާދަ ކުރުމަށް ހުޅުވާލި ނަމަވެސް، ބައްސާމްގެ ޝަރުތު ހަަމަ ނުވުމުގެ ސަބަބުން އޭނާ އަށް އިންތިޚާބުގައި ވާދަ ކުރުމުގެ ދޮރު ބަންދުވީ އެވެ.

މިވަގުތު އެފްއޭއެމް ހިންގަމުން އަންނަނީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އައްޔަން ކޮށްފައިވާ ނޯމަލައިޒިން ކޮމެޓީއެއްގެ ދަށުންނެވެ. ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ނޯމަލައިޒިން ކޮމެޓީގެ މުއްދަތު މި ހިނގާ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަަލަށް ހަމަވާނެ އެވެ.

- ކޮމެންޓް