ކެމްބޯޑިއާ އާއި ތައިލެންޑް އާ ދެމެދު ބަދަލު ކުރެވުންދާ ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދު މައްޗަށް ދާއިރު، ހަމަލާތައް ވަގުތުން ހުއްޓާލުމަށް ކެމްބޯޑިއާ އިން ގޮވާލައިފިއެވެ.
"ވަގުތުން" ހަނގުރާމަ ހުއްޓާލުމަށް ކެމްބޯޑިއާ އިން ގޮވާލި އިރު، ދެ ޤައުމުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި ބަދަލު ކުރަމުންދާ ހަމަލާ ތަކުގައި އާންމު ރައްޔިތުންނާ އެކު 30 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
އދ. ގައި ހުންނަވާ ކެމްބޯޑިއާގެ ސަފީރު ޗީއާ ކިއޯ ވިދާޅުވީ، "އެއްވެސް ޝަރުތަކާ ނުލައި" ހަނގުރާމަ ހުއްޓާލުމަށް އެ ގައުމުން އެދިފައިވާ ކަމަށެވެ. އަދި ނޮމް ޕެން އިން "މައްސަލަ ސުލްޙަވެރިކަމާ އެކު ޙައްލު ކުރުމަށް" ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ތައިލެންޑުން މި ހުށަހެޅުމާ ގުޅޭ ގޮތުން ޢާންމު ކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ހަމަލާތައް ހުއްޓާލުމުގައި ތިންވަނަ ފަރާތެއްގެ އެހީތެރިކަން ބޭނުން ކުރުމަށް ވެސް އިންކާރު ކޮށްފައިވެއެވެ.
ތައިލެންޑުން ކެމްބޯޑިއާ ގެ ބޯޑަރު ކައިރީގެ 8 ސަރަޙައްދެއްގައި މާޝަލް ލޯ ވަނީ ތަންފީޒު ކޮށްފައެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ދެ އަވައްޓެރިންގެ މެދުގައި ފެށުނު ހަމަލާތަކުގައި މަދުވެގެން 32 މީހުން - ސިފައިންނާއި އާންމު ރައްޔިތުން - ހިމެނޭ ގޮތުން މަރުވެފައިވާ އިރު، ގާތްގަނޑަކަށް 200,000 މީހުން ގެދޮރު ދޫކޮށް ދާން ޖެހިފައި ވެއެވެ.
ބުރާސްފަތި ދުވަހު ފުރަތަމަ ހަމަލާ ދިނީ އަނެއް ޤައުމުން ކަމަށް ދެ ޤައުމުން ވެސް ބުނެއެވެ.
ހޮނިހިރު ދުވަހު ތައިލެންޑުގެ ސިފައިން ބުނެފައި ވަނީ ކެމްބޯޑިއާ އިން ދެކުނުގެ ކަނޑާ ކައިރީގެ އައު ސަރަޙައްދަކަށް ހަމަލާ ދީފައިވާ ކަމަށާއި، ނަމަވެސް ތައިލެންޑުގެ ކަނޑުގެ ސިފައިން އެ ހަމަލާ ފަހަތަށް ޖައްސާލި ކަމަށެވެ.
ކުރިން، ތައިލެންޑުން ރިޕޯޓު ކޮށްފައި ވަނީ ކެމްބޯޑިއާ އާ ސަރަޙައްދު ވަކިކުރާ ޕްރޮވިންސްތަކުގައި ހަނގުރާމަ ހިނގަމުންދާ ކަމަށެވެ.
ބެންކޮކުގެ އޮފިޝަލުން ބުނެފައި ވަނީ ބުރާސްފަތި ދުވަހުން ފެށިގެން އެ ޤައުމުގައި 19 މީހުން - 13 އާންމު ރައްޔިތުންނާއި 6 ސިފައިން - މަރުވެފައިވާ ކަމަށެވެ.
ގާތްގަނޑަކަށް 140,000 މީހުން ރައްކައުތެރި ސަރަަހައްދު ތަކަށް ބަދަލު ކޮށްފައިވާ ކަމަށް ތައިލެންޑުގެ އޮފިޝަލުން ބުނެފައި ވެއެވެ.
ކެމްބޯޑިއާގެ ދިފާޢީ ވުޒާރާ އިން ރިޕޯޓު ކޮށްފައި ވަނީ 13 މީހުން - 8 އާންމު ރައްޔިތުންނާއި 5 ސިފައިން - މަރުވެފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނެފައި ވަނީ 35,000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން ޖެހިފައިވާ ކަމަށެވެ.
ތައިލެންޑުގެ ވަގުތީ ބޮޑުވަޒީރު ޕުމްތަމް ވެޗަޔާޗައި ހުކުރު ދުވަހު އިންޒާރު ދެއްވާފައި ވަނީ މި ހަމަލާތައް ފުރިހަމަ "ހަނގުރާމަ އަކަށް ބަދަލު ވެދާނެ" ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ހަނގުރާމައިގައި ބަރު ހަތިޔާރު ބޭނުން ކުރަމުންދާ ކަމަށާއި، ސަރަޙައްދު ވަކިކުރާ 12 ތަނަކަށް ހަނގުރާމަ ފެތުރިފައިވާ ކަމަށެވެ.
ތައިލެންޑުން ކެމްބޯޑިއާ އަށް ތުހުމަތު ކޮށްފައި ވަނީ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ހަމަލާދޭ ކަމަށެވެ.
ކެމްބޯޑިއާ އިން، އޭގެ ބަދަލުގައި ތައިލެންޑަށް ތުހުމަތު ކޮށްފައި ވަނީ ކްލަސްޓަރ ހަތިޔާރު ބޭނުން ކުރާ ކަމަށެވެ. ކްލަސްޓަރ މިއުނިޝަންސް އަކީ އާންމު ރައްޔިތުންނަށް ނުރައްކާތެރި އަސަރު ކުރާތީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި މަނާ ކޮށްފައިވާ އެއްޗެކެވެ. ތައިލެންޑުން މި ތުހުމަތުތަކަށް ޖަވާބު ދީފައެއް ނުވެއެވެ.
ތައިލެންޑުގެ ޚާރިޖީ ވަޒީރު ރޮއިޓަރސް ނިއުސް އޭޖެންސީ އަށް ވިދާޅުވެފައި ވަނީ މި ހަމަލާ ތަކާ ގުޅިގެން ތިންވަނަ ފަރަރާތެއް މެދުވެރިއެއްގެ ގޮތުގައި ބޭނުން ކުރުމުގެ "ބޭނުމެއް ނެތް" ކަމަށެވެ.
ދުނިޔޭގެ ލީޑަރުން ގެންދަވަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވަމުންނެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަންިއަން ނޭޝަންސް (އާސިއާން) ގެ ޗެއަރ ގެ ހައިސިއްޔަތުން، މި ދެ ޤައުމުގެ މެދުގައި މަޝްވަރާތައް ފަސޭހަ ކޮށްދެއްވުމަށް ކުރިން ހުށަހަޅުއްވާފައިވެއެވެ.
އެމެރިކާ އިން ވެސް "ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، އާންމު ރައްޔިތުން ރައްކާތެރި ކުރުމަށާއި، ހަނގުރާމަ ސުލްޙަވެރި ކަމާއެކު ޙައްލު ކުރުމަށް" ގޮވާލާފައިވެއެވެ.
ތައިލެންޑުން ބުނެފައި ވަނީ ސަރަޙައްދާ ކައިރީގައި ތިބި ތައިލެންޑުގެ ސިފައިންގެ މަޢުލޫމާތު ހޯދުމަށް ކެމްބޯޑިއާގެ ސިފައިން ޑްރޯން ބޭނުން ކުރުމުން ހަމަލާތައް ފެށުނީ ކަމަށެވެ.
ކެމްބޯޑިއާ އިން ބުނެފައި ވަނީ ތައިލެންޑުގެ ސިފައިން ކުރިން ވެފައިވާ އެއްބަސްވުމަކާ ޚިލާފަށް ސަރަޙައްދާ ކައިރީގައިވާ ފައްޅި އަކާ ގާތައް ކުރިއަށް ޖެހުމުން ހަމަލާތައް ފެށުނީ ކަމަށެވެ.
A new war signed by the West. Asia is burning. Cambodia and Thailand.
— SlavicFreeSpirit (@SlavFreeSpirit) July 25, 2025
The West brings only death and destruction. When will the world learn? pic.twitter.com/zplNm2PCJJ
މި ދެ ޤައުމުގެ މެދުގައިވާ ބޯޑަރުގެ މައްސަލަ 100 އަހަރަށް ވުރެ ދިގު ދެމިގެން ގޮސްފައި ވެއެވެ. ފަރަންސޭސިން ކެމްބޯޑިއާ އިސްތިއުމާރު ކޮށްގެން ތިބުމަށް ފަހު މި ދެ ޤައުމުގެ ސަރަޙައްދީ ރޮނގު ކަނޑައެޅުނު ހިސާބުން މައްސަލަ އޮތީ އުފެދިފައެވެ.
އަހަރުތަކެއް ވަންދެން ދޭތެރެ ދޭތެރެއިން ހިނގަމުން އައި ހަމަނުޖެހުމުގައި ދެ ފަރާތުގެ ސިފައިންނާއި އާންމު ރައްޔިތުން މަރުވެފައިވެއެވެ.
އެންމެ ފަހުގެ ހަމަލާތައް ފެށުނީ މޭ މަހު ކެމްބޯޑިއާގެ ސިފައިންގެ މީހަކު ހަމަލާ އެއް ގައި މަރުވުމާ ގުޅިގެންނެވެ.