ކ. މާލެ
|
25 ޖުލައި 2025 | ހުކުރު 07:46
ކުރީގެ ބޮޑު ވަޒީރު މަރުހޫމް އަހްމަދު ޒަކީ އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު އިންދިރާ ގާނދީ އަރިހުގައި
ކުރީގެ ބޮޑު ވަޒީރު މަރުހޫމް އަހްމަދު ޒަކީ އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު އިންދިރާ ގާނދީ އަރިހުގައި
މޯލްޑިވްސް ހިސްޓްރީ
އިންޑިއާ-ރާއްޖެ ގުޅުން
މިތުރަކާ ކޮށްލި މާނަވީ ސަލާމް ގުޅެނީ، ކާކުގެ ކޮން ހުވަފެނަކާ؟
މިނިވަންކަމަށްފަހު ނާސިރު އެމެރިކާއާ ގުޅުން ބަދަހި ކުރެއްވި ނަމަވެސް، އިންޑިއާ އަކީ ދިވެހިރާއްޖޭގެ އެންމެ ގާތް މިތުރެއްގެ ގޮތުގައި ފަހުން ވެގެން ދިޔައެވެ. އިންޑިއާ އަކީ ރާއްޖެ އަށް ދިމާވާ ކޮންމެ ދަތި ވަގުތެއްގައި އެހީތެރިވެދޭ، ތަރައްޤީގެ އެކި މަޝްރޫޢުތަކުގައި އެއްބާރުލުން ދެމުންދާ އަވައްޓެރި މިތުރެކެވެ.

އެބޭފުޅެއްގެ ޚާރިޖީ ސިޔާސަތުގައި އެމެރިކާ އާއި ގާތްގުޅުމެއް ބާއްވަވަން ފިކުރުފުޅުކުރައްވައި، އަވަށްޓެރި ގައުމުތަކާއި، މިނިވަންކަން ދިން އިނގިރޭސި ވިލާތް ވެސް ފަސްދީ، ދިވެހި ފުރަތަމަ އެމްބަސީ ވޮޝިންޓަންގައި ހުޅުއްވިއެވެ. މިހެން އޮތްވައި، ބޯއިން 747 ޖެއްސޭވަރުގެ 10 ހާސް ފޫޓުގެ ބޮޑު އެއާޕޯޓެއް، 1976 ވަނަ އަހަރުގެ މާރިޗު މަހު، ރައީސް އިބްރާހީމް ނާސިރުގެ އަތްޕުޅަށް އެރިއެވެ. އެއީ ބައިނަލް އަގުވާމީ ދުނިޔެއާ ދިވެހިރާއްޖެ، އޭވިއޭޝަންގެ ވާފަށުން ގުޅާލެވެން އޮތް، ޚިދުމަތަށް ފައްކާވެފައިވާ އެއާޕޯޓެކެވެ. އެ އެއާޕޯޓު ލިބިފައި އޮތްވައި، އެ ޒަމާނުގައި ރާއްޖޭގެ ފުދުންތެރިކަމާ ނުބައްދަލު ހޭދައެއް ހޭދަވާނެ، ހުޅުލޭ އިންޓަރނޭޝަނަލް އެއާޕޯޓުގެ ހުވަފެން، ނާސިރު، އެ ދެކެވަޑައިގަންނަވަނީ ކީއްވެ ހެއްޔެވެ؟ އަދި އެހާތަނުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން، އާ ބާބަކުންފެށި، ދެ ސަރުކާރުގެ ވާހަކަތައް ކުރިލާ ހެދެން ފަށަނީ ކީއްވެ ހެއްޔެވެ؟ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރުފުރޭ ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަން، އިންޑިއާގެ ޕްރައި މިނިސްޓަރ މޯދީ، ރާއްޖެ އަށް ވަޑައިގަންނަވާއިރު، މިއީ، ކޮށްލަން ރަނގަޅު ސުވާލެކެވެ.

މާޒީގެ އުސް އަލިތަކުން ހާމަވާން އޮތް ގޮތުންނަމަ، ސިލޯނަށް މިނިވަންކަން ލިބެން މަސްތަކަކަށް ވެފައި އޮތްވައި 1948ގައި މުޙައްމަދު އަމީން ދީދީ، އިނގިރޭސިންނާ އެކު ކުރިން ކޮށްފައި އޮތް މުޢާހަދާ އަށް އިސްލާޙެއް ގެންނަވައި، އިނގިރޭސިންނާއެކު، އެ އެމެންޑްމަންޓު ކުރެވުނު ޤަރާރުގައި ސޮއިކުރަށްވައެވެ. އޭގެ ސަބަބުން، ރަސްރަސްކަލުންނަށް އިނގިރޭސިންގެ ރުހުން ހޯދުން ހުއްޓި، ސިލޯނުގައި ހުންނަ އިނގިރޭސި ގަވަރުނަރަށް ދައްކަމުން އައި ޖިޒީ ކަނޑާލެވުނެވެ. އަމީނަށް ފަހު، ނާސިރުގެ ޒަޢާމަތު ފެށެއެވެ. އިނގިރޭސިންގެ އަތުން، ދިވެހިރާއްޖެ މިނިވަން ކުރުމުގެ މަސައްކަތް ނާސިރު ފަށްޓަވައެވެ. ރާއްޖެ މިނިވަން ވުމުގެ 4 އަހަރު ކުރިން ފެންނާން އޮތް އދ. މަޖިލިހަށް ބަލާލާއިރު، ރާއްޖެ ފަދަ އަޅުވެތިކަމުގައި އޮތް މިނިވަންނުވާ ޤައުމުތައް މިނިވަންކަން ދިނުމުގެ ރޫޙު އަލިފުދާލުގައި ހިނގައިގެންފިއެވެ.

މިދެންނެވި މަޤްސަދުގައި، ޑީކޮލަނައިޒޭޝަނަށް ފަހި، ޤަރާރެއް، 1961 ގައި، އދ.ން، ފާސް ކުރިއެވެ. އެއަށްފަހު، އެކަމަށް މަގުފަހި ކޮށްދީ، އެހީތެރިވެ ދިނުމަށް، " ކޮމިޓީ 24 " އުފެއްދިއެވެ. މި ކޮމިޓީގެ މެންބަރުން، އެހިނދަށް އަޅުވެތިކަމުން މިނިވަންވާން އެދިއެދި އޮތް ގައުމުތަކާއެކު، ގުޅުން ބަދަހިކުރިއެވެ. އެކަމުގައި އެހީތެރިވެދޭން ފެށިއެވެ. އެކަމަކު "މޯލްޑިވްސް" އަކަށް، އެ ކޮމިޓީން ބައްދަލެއް ނުކުރެއެވެ. އަދި އެ ކޮމިޓީއާ ބައްދަލު ކުރުމުގެ ޝައުގެއް، މޯލްޑިވްސަކު ނެތެވެ.

މިނިވަންކަމުގެ ބާނީ އަދި އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރު، ރާއްޖެ އަށް މިނިވަންކަން ހޯއްދަވަން ފެށްޓެވި މަސައްކަތުގެ ތެރެއިން ފެންނަން އޮތް އެއް މަންޒަރަކީ، އިނގިރޭސިންގެ މަދަދު ލިބިގެން، 1959 ގައި އުފަންވި ދެކުނުގެ ހަޅުތާލެވެ. ދިވެހި ސަރުކާރާ ދެކޮޅަށް ދެކުނުގެ ތިން އަތޮޅުގައި އުފެދުނު ނުތަނަވަސް ކަމެވެ. އެ ހިލުމުގެ ތެރެއިން، "ސުވައިދީބު" ސަރުކާރެއް އުފަންވުމެވެ. މިކަމުގައި އެވަގުތަށް ދިވެހި ސަރުކާރަށް ބޭނުންވެފައި އޮތް އެހީތެރިކަން ލިބޭތޯ، އިންޑިއާގެ ޖަވާހަރު ލާލް ނެހުރޫ އަރިހަށާއި، މިސްރުގެ ޖަމާލު ޢަބްދުއް ނާސިރުގެ އަރިހަށާއި، ލަންކާގެ ބަންޑާރަނައިކަގެ އަރިއަހަށް، ނާސިރުގެ މަންދޫބެއްގެ ގޮތުން އިބްރާހީމް ޝިހާބު ފޮނުއްވިއެވެ. ނެހުރޫގެ މަޝްވަރާ އަކީ އިނގިރޭސިންނާ ކުރިމަތި ނުލުމެވެ. މިސްރުން ދިން، އުއްމީދަށްޓަކައި، ހަތިޔާރު ލިބޭތޯ ދެ ދަތުރުކުރިއެވެ. ނަމަވެސް އެކަން ވާ ގޮތެއް ނުވިއެވެ. މިކަމުގައި ނާސިރުގެ އުންމީދަށް އަލިކަމެއް ނުލިބުނެވެ.

ރާއްޖެ އަށް އިނގިރޭސިންގެ އަތުން، މިނިވަންކަން ހޯއްދަވަން ނާސިރު، ކުރެއްވި މަސައްކަތްޕުޅުގައި، އަވަށްޓެރި ގައުމެއްގެ މަޝްވަރާ ހޯއްދެވި ކަމެއް، ރެކޯޑުތަކުން އެނގޭކަށް ނެތެވެ. އެ ސުވާލު ކުރެއްވި ބޭފުޅަކަށް މަރުހޫމް ޢަބްދުއްސައްތާރު މޫސާދީދީ ވިދާޅުވެފައި އޮތީ، "އެފަދަ އެއްވެސް ކަމެއް ނާސިރު ބޭނުންފުޅު ނުވީ" ކަމަށެވެ. އެހެންކަމުން، މި ކާމިޔާބު މަސައްކަތް ނާސިރު ނިންމަވާލެއްވީ، ހަމައެކަނި އިނގިރޭސިންނާ ވާހަކަ ދައްކަވައިގެން، އަވަށްޓެރި ގައުމެއްގެ އެހީ ވެސް ނުހޯއްދަވައެވެ.

ދިވެހިރާއްޖެ އަށް މިނިވަންކަން ލިބުމާއެކު، ނާސިރުގެ ޚާރިޖީ ސިޔާސަތަކީ ކޮބައިކަމާ؟ އެ ސިޔާސަތުގައި އިސްކަންދެއްވީ ކޮން ދިމާއަކަށްކަން؟ ވަރަށް ސާފެވެ. ރާއްޖޭގެ އެމްބަސީ އެންމެ ފުރަތަމަ ވެސް ހުޅުއްވީ، އެމެރިކާގެ ވޮޝިންޓަނުގައެވެ. 1967ން 1970ގެ ޖޫން އާ ހަމައަށް، ރާއްޖޭގެ ސަފީރެއްގެ ގޮތުން، ހަމަޖެއްސެވީ ޢަބްދުއްސައްތާރު މޫސާދީދީ އެވެ. އޭރު ސިލޯނުގައި ހުރި ރާއްޖޭގެ އެމްބަސީ އޮފީހާއި، ފޮރިން މިނިސްޓްރީ، ހިންގަން ހޭދަވާވަރާއި، ގާތްގަނޑަކަށް އެއްވަރުގެ ޢަދަދެއް، ވޮޝިންޓަން އެމްބަސީ އަށް ހޭދަ ކުރަން ރާއްޖެ އަށް ޖެހެއެވެ. އެކަމަކު ވެސް، މައްސަލައެއް ނެތެވެ. އިސްކަން ދެއްވީ އެމެރިކާ އާއި ރާއްޖޭގެ ގާތް ގުޅުމަށެވެ.

ރާއްޖެ އަށް މިނިވަންކަން ލިބުމާ ގުޅިގެން، ފަތްކޮޅު އަރުވަން، އެންމެ ފުރަތަމަ ރާއްޖެ އަށް އައީ އިޒްރޭލު ސަފީރެވެ. އެއަށް ފަހު، އެމެރިކާގެ ސަފީރެވެ. އޭގެ ދެތިން ހަފުތާ ފަހުން، އިންޑިއާ ސަފީރެވެ. ރާއްޖޭގައި ފުރަތަމަ ރެޒިޑެންސް އެމްބަސީ އެއް ހުޅުވީ ތައިވާނުންނެވެ. އެއަށްފަހު، ލީބިޔާ އިން ނެވެ. މި މަންޒަރުގައި އަވަށްޓެރި ގައުމުތައް ނެތީ އެއީ އެމެރިކާ އަށް ދީލާލި ޚާރިޖީ ސިޔާސަތުގެ ސަބަބުތޯ އެވެ؟ މިއީ ތާރީޚު ދިރާސާ ކުރަށްވާ ބޭފުޅުންނަށް އޮތް ސުވާލެކެވެ. ކިޔުންތެރިޔާ އަކަށް ނޫނެވެ.

ކޮންމެ އަކަސް މިހާތަނުން، އެހެން މަންޒަރެއް، ދިވެހީންގެ ޚާރިޖީ ސިޔާސަތުގެ އުދަރެހުން ފާއްދާލިއެވެ. " އޮފީސް އޮފް ދަ ޕްރައިމް މިނިސްޓަރ" ހިންގަވަން، ޕްރައިމް މިނިސްޓަރެއްގެ ގޮތުން މަރުޙޫމް އަޙުމަދު ޒަކީ، ހުންނެވި ދުވަސްވަރުގެ ތެރޭންނެވެ.

އަޙުމަދު ޒަކީގެ ޕްރައިމް މިނިސްޓަރު ކަމުގައި ފެންނާން ފެށި އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ އުދަރެހަކީ، އަވަށްޓެރި ގައުމުތައް ފާއްދާލި އުދަރެހެކެވެ. އެމަނިކުފާނު ސްރީލަންކާ އާއި އިންޑިއާގެ ވެރިންނާ އެކު، ގުޅުން ގާއިމް ކުރަށްވަން ފެށްޓެވިއެވެ. ރާއްޖެ އަށް ބަންޑާރަނައިކަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ ޒަކީގެ ޕްރައިމް މިނިސްޓަރު ކަމުގައެވެ. ޒަކީ އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. އެއަށްފަހު، އިންޑިއާގެ ޕްރައިމް މިނިސްޓަރ އިންދިރާ ގާނދީ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.

މިހާތަނުން، ދެން އެނބުރި ދާންއޮތީ، ސުރުޚީއަށެވެ. "މިތުރަކާ ކޮށްލި މާނަވީ ސަލާމް ގުޅެނީ، ކާކުގެ ކޮން ހުވަފެނަކާ؟" ހެއްޔެވެ؟

ދިވެހިރާއްޖެ އަކީ އޭވިއޭޝަންގައި މި ސަރަޙަށްދުގެ ހަބަކަށް ހެދުމަކީ، ނާސިރުގެ ހުވަފެންފުޅެކެވެ. އެހެން ނަމަވެސް، އެކަމަށް ނާސިރަށް އެހީވެދޭނެ ފަރާތަކީ ކޮބާތޯ؟ އެއީ އެވަގުތަށް ނާސިރަށް އޮތް މުހިންމު ސުވާލެކެވެ.

އިންޑިއާ އަކީ، އެހިނދު ނާސިރުގެ ހުވަފެންފުޅުގެ ބައިވެރިޔާ އަށް ވިއެވެ. އިންޑިއާ އިން ރާއްޖޭގެ އެއާޕޯޓު މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދޭންފެށިއެވެ. އަދި ހުޅުލޭ އިންޓަރނޭޝަނަލް އެއާޕޯޓުގެ ކޮންޓްރެކްޓުގައި، އިންޑިއާ ކުންފުންޏަކަށް ދިނެވެ. އެހެން ކަމުން، 1965ން 1975ށް އެ ހިނގާ ދިޔަ އަހަރުގައި ރާއްޖެއާ އިންޑިއާގެ ގުޅުން، ފޮޅެމުން ފަރިވަމުން، ވަސްމީރު ވަމުން ދިޔަ މަލެއް ފަދައިން، ސިފަވާން ފެށިއެވެ.

މި މަލުގެ ފިޔަތައް ހުޅުވޭ ހިސާބަކީ، ނާސިރުގެ އެންމެ ބޮޑު ހުވަފެންފުޅަށްވި " އިންޓަރނޭޝަނަލް އެއާޕޯޓު" ގެ ހުވަފެން، އިންޑިއާ އާއެކު، މި ކޮށްލި ސަލާމުން، ކުލަޖެހެން ފެށި ހިސާބެވެ. އެއަށްފަހު، ފަހަރަކު ފިޔައެއް ހުޅުވޭން ފެށިއެވެ. ދެވަނަ ފިޔައަކީ، ނާސިރުގެ ދެވަނަ ހުވަފެންފުޅަށްވި ފެލިވަރު ފެކްޓަރީއެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ފެށުނު މި މަޝްރޫޢެވެ.

އިންޑިއާ އަކީ، 1947ގައި، އެ ގައުމަށް މިނިވަންކަން ލިބި، އިންޑިއާގެ ނަމުން، ދިވެހީންގެ ހިތާ ގާތް ވުމުގެ މާކުރީއްސުރެން ވެސް، ދިވެހީންގެ މިތުރެކެވެ. އޭރު ދިވެހީންގެ ދޫމަތިން، އެގައުމަށް މުޚާޠަބު ކުރެވެނީ " ބޮޑުކަރަ" އިގެ، ނަމުންނެވެ. އެ ކަރަޔަކީ، ދިވެހީންގެ އުފެއްދުންތައް ހިފައިގެން ވިއްކަންދާ ކަރައެވެ. އެ ކަރައިން، ހަވާދާއި ފެހާމާނާއި، ކާޑުގެ ބާވަތްތަކާ، ފުރާޅުގައިޖަހާ އީޓު ވެސް، ގެންނަ ކަރައެވެ. އެހެން ކަމުން ރާއްޖޭގެ ކުރީ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ސިފަ ކުރައްވާ ފަދައިން، މިގުޅުމަކީ އަންޒަމާނުއްސުރެން އޮތް ގުޅުމެކެވެ.

" އަޅުގަނޑު މި ގުޅުން ސިފަ ކުރާނީ، މިއީ މި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި، އެންމެ އަންޒަމާނުއްސުރެން އޮތް، ޒަމާންވީ ގުޅުމެއްގެ ގޮތުގަ" ޝާހިދު، ވިދާޅުވެފައި ވެއެވެ.

ކުރީގެ ޚާރިޖީ ވަޒީރު ޝާހިދު، ހަމައެކަނި މިހެން ވިދާޅުވެފައި، ހުއްޓާލެއްވީ އެއް ނޫނެވެ. ތިން ޑިޖިޓުގެ ހިސާބު އަދަދަކުން ވެސް، މި ގުޅުން އެމަނިކުފާނު، އެހެން މާނައެއްގައި ސިފަކޮށްދެއްވިއެވެ.

" އިންޑިއާ އަކީ، ދިވެހިރާއްޖެ އަށް ދިމާވާ ކޮންމެ ޙައްސާސް ކޮންމެ ދަނޑިވަޅެއްގައި، ރާއްޖެ އިން ދުނިޔޭގެ އެހީއަށް އެދެން ގުޅާ ހޮޓްލައިން 911 ގެ އަނެއްކޮޅުން، އެންމެ ފުރަތަމަ އަށް އަބަދު ވެސް އިޖާބަދީ، އެހީވެދޭ އެންމެ ގާތް ގައުމު". ޝާހިދު ވިދާޅުވެފައި ވެއެވެ.

މި ދެންނެވި 911 ގެ ތިން އަކުރުން، ރާއްޖެ އާ އިންޑިއާގެ ގުޅުން، ކުރީގެ ފޮރިން މިނިސްޓަރ ޑރ. އަޙުމަދު ޝަހީދު، އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، ދެގައުމުގެ ގުޅުމާބެހޭ ގޮތުން ދެއްވި ތަޤުރީރެއްގައި ވެސް، ސިފަކުރަށްވާފައި އޮވެއެވެ. އެ ފަހަރު ޑރ. ޝަހީދު، 911 އޭ، ވިދާޅުވީ، 3 ނޮވެމްބަރުގެ ޢުދުވާނުގައި ރާއްޖެއިން އެހީއަށް އެދި، 911އާ ގުޅާލި ހިނދު، އިންޑިއާ އިން، އިޖާބަދިން އަވަސް އިޖާބަ ދިނުމަށް، އިޝާރަތް ކުރަށްވަމުންނެވެ.

" އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރާއްޖޭގެ ތަރައްޤީގައި އިންޑިއާ އަކީ، ވަރަށް ބޮޑު އެހީތެރިއެއް. ރާއްޖެއިން ވެސް، މިކަން އަބަދުވެސް ސިފަކުރަމުން އަންނަނީ ވެސް މިގޮތަށް". ޑރ. ޝަހީދު، ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ ޑިޕްލޮމެޓިކް ތާރީޚު ދިރާސާ ކުރައްވާ އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި އިންޑިއާ އާއި ރާއްޖޭގެ މިފަހުގެ ގުޅުން ބަދަހިވާން ފެށި، 1965 ން 1975ގެ ޓައިމްލައިނަށް ދާއިރު، ފެންނާން އޮތީ، އަޙުމަދު ޒަކީ، އަވަށްޓެރިންނާއެކު، ޤާއިމް ކުރެއްވި ޚާރިޖީ ސިޔާސަތުގެ އަލިކަމެވެ. އެ އަލިކަމުގެ ތެރެއިން އުފެދިގެން އައި ގުޅުންތަކެވެ. ސްރީލަންކާ އާއި އިންޑިއާ އާއިއެކު ވެސް، މި ގުޅުން ގާއިމް ކުރެއްވީ ޒަކީއެވެ. ޒަކީ ވަނީ، މި ދެ ގައުމަށް ރަސްމީ ޒިޔާރަތްޕުޅު ކުރައްވައި، އަދި އެ ދެ ގައުމުގެ ވެރިން ރާއްޖެ އަށް ގެންނަވައި، އަވަށްޓެރިންނާ އެކު، އޮންނަ ގުޅުމުގެ އާ ބާބެއް ފަށްޓަވައިފައެވެ. މި ބާބުގެ ތެރެއިން، ނާސިރު ވެސް، ޚާއްސަކޮށް އިންޑިއާ އާ އެކު، ގާތްކަން ބާއްވަވަން ފެށްޓެވިއެވެ. އެ ގުޅުންތައް ފެށޭ ހިސާބަކީ، މާލޭ އެއާޕޯޓުގެ ކޮންޓްރެކްޓު އިންޑިއާ ކުންފުންޏަކުން ޙަވާލުވުމާއި، ފެލިވަރު ފެކްޓަރީގެ ޕްރޮޖެކްޓަށް އިންޑިއާ ވެދިން އެހީތެރިކަމޭ، ދެންނެވިދާނެއެވެ.

މިއަދު އިންޑިއާ އާއި ރާއްޖޭގެ ފަހުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރެމުން ދާއިރު، އިންޑިއާ ވެފައި އޮތީ، 1965ން 1975ގެ ތެރޭގައި ފިޔަޖަހަންފެށި ރަޙުމަތްތެރިކަމުގެ ތަރީގެ އަލި، އުޖާލާކޮށްދީ، ހުޅުދާން ކޮށްދީފައެވެ. އިންސާނީ ވަސީލަތް ތަރައްޤީކުރަން، އެކި ދާއިރާތަކުން މީހުން ބިނާކުރުމުގައެވެ. ހިލޭ އެހީއާ ލުއިލޯނުގައި ކުރިއަށްދާ، ގްރޭޓަރ މާލެއާ، ވިލިގިއްޔާ، ގުޅިފަޅާ ތިލަފުށި ގުޅުވާލަދޭ، 7 ކިލޯ މީޓަރުގެ ބްރިޖަށް ބަލާލިއަސް، މިކަން ދަލީލު ކޮށްދެއެވެ.

ރާއްޖޭގެ ސަރަޙަށްދު ބަލާ ރާޑަރުތަކުގެ ވަސީލަތަށާއި، އެކަމުގައި ބޭނުންކުރާ ޑޯނިއާއަށާއި، އިމަޖެންސީ ތަކުގައި ބަލިމީހުން އުފުލާ ހެލިކޮޕްޓަރަށާއި، ހަނިމާދޫ އެއާޕޯޓުގެ މަޝްރޫޢަށް ބެލިނަމަ ވެސް، ދައްކައިދެނީ، މިތުރުންގެ ރަޙުމަތްތެރިކަމެވެ.

އެ ރަޙުމަތްތެރިކަން އައްޑޫ ސިޓީގެ މަގުތަކާއި، ބްރިޖާއި، ބިންހިއްކުމާއި، ނަރުދަމާގެ ނިޒާމުން ގޮސް، ހޯރަފުށީ ބޮޓްލިން ފެކްޓަރީއާ، މި ދެމެދުގައިވާ، އަތޮޅުތަކުގައި އިންޑިއާ އިން ހިންގައިދޭ ޕްރޮޖެކްޓުތަކުން ވެސް އޮތީ ފެންނާށެވެ.

ކޮވިޑުގާ ދިމާވި ކޮންމެ ކަމެއްގައި އިންޑިއާ އިން ދިން މަދަދާއި، ބަޖެޓު ސަޕޯޓާއި ވެކްސިނުގެ އިތުރުން، މާލޭން ފެން ކަނޑައިގެންދިޔަ ހިނދުގައްޔާއި، ސުނާމީގެ ހާދިސާއާއި، ނޮވެމްބަރު 3 ގެ ހާދިސާގައި، އިންޑިއާ ވެދިން، އަވަސް އެހީތެރިކަމަށް ބަލައިލިނަމަ ވެސް، ހާމަވަނީ އެއް ޙަޤީގަތެކެވެ.

އެއީ އެއް މާނައެއްގައި ނަމަ، މަރުހޫމް އަޙުމަދު ޒަކީގެ ޕްރައިމް މިނިސްޓަރު ކަމުގައި، މިތުރަކާ ކޮށްލި މި މާނަވީ ސަލާމްގެ ވާފަށުން ގުޅައިދިން ގުޅުމެވެ. އެ އަލިކަން ހުޅުދާން ކުރައްވަން، ރައީސް ނާސިރާއި، ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ރައީސް ޔާމީނާއި، ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު، ގެންގުޅުއްވި ހަރުދަނާ ސިޔާސަތެވެ. އަދި މިއަދު އެ ގުޅުން ދަމަހަށްޓައި ބަދަހި ކުރަށްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިތްވަރެއް ލައްވާ މަންޒަރެވެ.

މިއަދު އަނެއްކާ ވެސް ފެންނަމުން ދަނީ، މާޒީގައި ޖެހިފައިވީ ނަމަ، ޖެހިފައި ހުރި ލައްތަކެއް ފުހެލާ، މި ސާފު ގުޅުން، އޭގެ ޙަގީގީ މާނައިގައި ބާއްވަން ކުރެވޭ މަސައްކަތެވެ. މިއީ ޙަގީގަތުގައި ވެސް، ދިވެހީން މިތުރަކާ ކޮށްލި އުންމީދީ ސަލާމަށް ގެނުވާ އާދިރުމެކެވެ. 1965ން 1975 ގެ މިދަންނަވާ ޓައިމްލައިނުން ދައްކާލި، ދިވެހީންގެ އެއާޕޯޓުގެ މަޝްރޫޢާއި، ފެލިވަރު ފެކްޓަރީގެ ހުވަފެން، ޙަގީގަތަކަށް ވެގެން ދިޔަ ހިނދު، ދިވެހީންގެ ތަސައްވުރުގެ އުދަރެހުގައި ދެންހުރި ކަންކަމަށް ލިބެން ފެށި އަލި ކަމަކީ އެ ސާފު ގުޅުމުން ހުޅުދާންވި އަލިކަމެވެ.

- ކޮމެންޓް