Advertisement
ކ. މާލެ
|
25 ޖުލައި 2025 | ހުކުރު 13:48
ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް
ރައްޔިތުންގެ މަޖިލިސް
ނ. އަތޮޅުގެ ތަރައްގީ
މަޝްރޫޢުތައް ނުހިންގެނީ އައްބާސްގެ އެއްބާރުލުން ނުލިބޭތީ ކަމަށް ރައީސް ވިދާޅުވީ އަގު ވައްޓާލަން ކަމަށް އޭނާ ވިދާޅުވެއްޖެ
އައްބަސް ވިދާޅުވީ އޭނާ ތަމްސީލު ކުރައްވާ ދާއިރާގެ މަޝްރުޢޫތަކަށް އެއްބާރުލުން ނުދޭ ކަމަށް ފާހަގަކުރައްވާ ރައީސް ދެއްކެވި ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް
މަޖިލިސް މެންބަރުކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ސިޔާސީ ފިކުރުތައް އެއްކުރުމަށް ފަހު މަސައްކަތް ކުރައްވަމުން ގެންދެވި ކަމަށް ވެސް އައްބާސް ވަނީ ވިދާޅުވެފަ

ނ. އަތޮޅުގައި ސަރުކާރުން ހިންގަން ރާވާފައިވާ ބައެއް ކަންކަން ނުކުރެވި ލަސްވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ އެއްބާރުލުން ނުލިބޭތީ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ތުހުމަތުތަކަށް އައްބާސް އިންކާރުކުރައްވައިފިއެވެ.

ނ. އަތޮޅުގައި ސަރުކާރުން ހިންގަން ރާވާފައިވާ ބައެއް ކަންކަން ނުކުރެވި ލަސްވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ އެއްބާރުލުން ނުލިބޭތީ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ދާދިފަހުން ނ.އަތޮޅަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވި، އެ ދާއިރާގެ މެންބަރު އައްބާސްގެ އެއްބާރުލުމެއް ނުލިބޭ ތަނުގައި، ކަންކަން ކުރުމަށް ހުރަސް އަޅަމުންދާ ކަމަށެވެ. އަދި އައްބާސްއަށް ވުރެ އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް މާ ރަނގަޅު ކަމަށާއި އެމްޑީޕީގެ މެންބަރުން ސަރުކާރު ކުރާ ކަންކަމާ ނުބެހޭ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެގޮތަށް އަމަލުކުރުމުން މަސައްކަތް ކުރަން ފަސޭހަ ކަމަށެވެ.

" ހަގީގަތުގައި އެމްޑީޕީގެ އެމްޕީންގެ ކިބައިން ވެސް އެއްގޮތަކުން ދަންނަވަންޏާ މާ ރަނގަޅު ސަރުކާރަށް ކަންކަން އޮންނަ ގޮތް. އެއީ އެބޭފުޅުން އެއްވެސް ވަރަކަށް ނުބެހޭ ކަމަށާ. އެބޭފުޅުންގެ ދާއިރާއެއްގެ ކަމެއްގައި އަދި މިއަދާ ހަމައަށް އައި އިރުގައި ނާދޭ އެއްވެސް ކަމެއްގައި، އެހެންވީމަ މާ ފަސޭހަ ކަންކަން ކުރަން. އެހެންނަމަވެސް މި ދާއިރާގެ އިއްޒަތްތެރި މަޖިލިސް މެންބަރުގެ ކިބައިން ކަންކަމުގައި އެހީތެރިކަން ނުދޭ ތަނުގައި ހުރަސްތައް ކުރިމަތިކުރާ ކަމީ އެއީ ހަމަ ދެރަކަމެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދާއިރާއަށް އިންތިހާބުކޮށްފައި ހުންނަ މެންބަރު ސިޔާސީ ހިޔާލު ތަފާތުވި ނަމަވެސް، ވާން ޖެހޭނީ ޒިންމާދާރުކަމާއެކީ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަން ޖެހޭ ބޭފުޅަކަށް ކަމަށެވެ.

އެކަމަށް ރައްދު ދެއްވާ އައްބާސް ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި އައްބަސް ވިދާޅުވީ އޭނާ ތަމްސީލު ކުރައްވާ ދާއިރާގެ މަޝްރުޢޫތަކަށް އެއްބާރުލުން ނުދޭ ކަމަށް ފާހަގަކުރައްވާ ރައީސް ދެއްކެވި ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އޭނާ ވާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ފެށުނީއްސުރެ މަސައްކަތް ކުރައްވާފައި ކަމަށާއި އޭނާގެ އަގު ވައްޓާލަން އެފަދަ ވާހަކަތައް ދައްކަވާ ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ. އަދި ރައީސް އެފަދަ ވާހަކަތައް ދައްކަވަނީ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ކަމުގެ ހަގީގަތް އޮޅުވާލުމުގެ ގޮތުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އައްބާސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރައްވާފައިވާ ކަމށެވެ. މަޖިލިސް މެންބަރުކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ސިޔާސީ ފިކުރުތައް އެއްކުރުމަށް ފަހު މަސައްކަތް ކުރައްވަމުން ގެންދެވި ކަމަށް ވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް