ކ. މާލެ
|
24 ޖުލައި 2025 | ބުރާސްފަތި 09:52
މީގެ ކުރިން މިއަހަރު ބޭއްވި އެފްއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން
މީގެ ކުރިން މިއަހަރު ބޭއްވި އެފްއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން
މިހާރު
އެފްއޭއެމް
އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ހޮނިހިރު ދުވަހު
މިއީ އެފްއޭއެމްގެ ހިންގާ ކޮމެޓީ އަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ކޮންގްރެސް އެކެވެ. ނަމަވެސް އެފްއޭއެމް އިން ކުލަބުތަކަށް ކޮންގްރެސްގެ އެޖެންޑާ އަދި ނުފޮނުވަ އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.

އެފްއޭއެމް އިން މީޑިއާ ތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައި ވަނީ 2025 ޖުލައި 26 ވާ ހޮނިހިރު ދުވަހު އެ އެސޯސިއޭޝަންގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އޮންނާނެ ކަމަށެވެ. އެ ކޮންގްރެސް ބޭއްވުމަށް ނިންމާފައި ވަނީ މީރުމާ އިވެންޓެސްގަ އެވެ.

މިއީ އެފްއޭއެމްގެ ހިންގާ ކޮމެޓީ އަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ކޮންގްރެސް އެކެވެ. ނަމަވެސް އެފްއޭއެމް އިން ކުލަބުތަކަށް ކޮންގްރެސްގެ އެޖެންޑާ އަދި ނުފޮނުވަ އެވެ.

އެފްއޭއެމްގެ ހިންގާ ކޮމެޓީގެ ދައުރު ހަަމަވެފައިވާއިރު، މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ އެފްއޭއެމްގެ ހިންގުން ނޯމަލައިޒިން ކޮމެޓީއަކާ ހަވާލު ކޮށްފަ އެވެ. އެ ކޮމެޓީގެ ދައުރު ހަމަވާނީ މި ހިނގާ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ. އޭގެ ކުރިން އެފްއޭއެމްގެ ހިންގާ ކޮމެޓީ އިންތިޚާބު ކުރުމަށް ނޯމަލައިޒިން ކޮމެޓީއާ އޮތީ ހަވާލު ކޮށްފަ އެވެ.

އެފްއޭއެމްގެ ހިންގާ ކޮމެޓީ އަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި، އެފްއޭއެމްގެ ރައީސް ކަމަށް ކުތިމަތިލީ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، އަދި ޤައުމީ ޓީމުގެ ކުރީގެ ފޯވާޑު އަޙުމަދު ޠާރިޤް (ޓޮމް) އެކަންޏެވެ. މަހިބަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން އަންނަ ޓޮމް، އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލީ އެފްއޭއެމްގެ މެމްބަރު 23 ކުލަބުގެ ފުރިހަމަ ތާއީދާ އެކު އެވެ.

ޓޮމްގެ ހިންގާ ކޮމެޓީގައި ސީނިއަރ ނައިބު ރައީސަކަށް ހިމަނާފައި ވަނީ ނިއު ރޭޑިއަންޓުގެ ސީނިއަރ ވައިސް ޗެއަރމަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހިމް(ކައްޕި) އެވެ. ނައިބު ރައީސުންގެ ގޮތުގެ ހިމަނާފައި ވަނީ މާޒިޔާގެ ޙުސެއިން ޝާފިއު އަދި ނިއު ރޭޑިއަންޓްގެ ސީނިއަރ ވައިސް ޗެއަރމަން އަދި ވެމްކޯގެ މެނޭޖިން ޑައިރެކްޓަރު މުޖުތަބާ އަލީ (މުޖޭ) އެވެ.

މީގެ އިތުރުން ޓޮމްގެ ހިންގާ ކޮމެޓީގައި ހިމެނޭ މެމްބަރުންނަކީ ޤައުމީ ޓީމުގެ ކުރީގެ އެއް ނަންބަރު ގޯލު ކީޕަރު އިމްރާން މުޙައްމަދުގެ އިތުރުން، ޤައުމީ ޓީމުގެކުރީގެ ކުޅުންތެރިޔާ މުޙައްމަދު އުމައިރު، ޓީސީ ސްޕޯޓްސް ކުލަބުގެ އަޙުމަދު އައްބާސް އަދި ބީޖީގެ އަލީ ރިޒުވަން އެވެ. އަންހެން މެމްބަރުންގެ ގޮތުގައި ހިމަނާފައި ވަނީޙައްވާ ނަސްރާ ސައީދު އަދި ޙައްވާ ރަޝީދާ އެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ވެސް ޓޮމް ވަނީ އެފްއޭއެމްގެ އިންތިޚާބުގައި ވާދަކޮށް ރައީސް ކަމުގެ މަޤާމަށް ވަޑައިގެންފަ އެވެ. ނަމަވެސް، އެންމެ ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި ޓޮމްގެ ހިންގާ ކޮމެޓީގެ ގިނަ މެމްބަރުން ތަކެއް އިސްތިއުފާ ދެއްވުމާ އެކު، އޭނާގެ މަގާމު ވަނީ ގެއްލިފަ އެވެ. އެއާ ވިދިގެން ބޭއްވި އިންތިޚާބުގައި ޓޮމް ވާދަ ކުރެއްވި ނަމަވެސް، އޭނާގެ މައްޗަށް ކުރި ހޯދީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

- ކޮމެންޓް