ފަލަސްޠީނުގެ ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯޯ)ގެ ނައިބު ރައީސް ޙުސެއިން އަލް ޝެއިޚް އަދި އެމެރިކާގެ ސަފީރު މައިކް ހަކަބީއާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ވެސްޓް ބޭންކުގަ އެވެ. އަލް ޝެއިޚްގެ އޮފީހުގައި ބޭއްވުނު އެ ބައްދަލުވުމުގައި، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށާއި، ހަނގުރާއިގެ ސަބަބުން ހިފެހެއްޓިފައިވާ މީހުން ދޫކޮށްލުމާއި، އަދި ޣައްޒާގެ ރައްޔިތުންނަށް ކުއްލި އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.
މީގެ އިތުރުން ވެސްޓް ބޭންކުގެ މިހާރު ހާލަތާއި، އިޤްތިޞާދީ އަދި މާލީ ދަތިތަކާއި، އިސްރާއީލްގެ އަނިޔާވެރިކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވެ އެވެ. އަދި އެ ޤައުމުގެ ގުޅުން ބަދަހި ކުރުމާއި، ސަރަހައްދީ ސުލްހަ ޤާއިމު ކުރުމުގައި އެމެރިކާގެ ދައުރު މުހިންމު ކަމަށް ވެސް އެ ބައްދަލުވުމުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
ޕީއެލްއޯ އަކީ 1964 ގައި އުފެދުނު، ފަލަސްތީނު ރައްޔިތުންގެ ފަރާތުން ބައިނަލްއަޤްވާމީ މުއާހަދާ ތަކުގައި ސޮއި ކުރުމުގެ ބާރު ލިބިފައިވާ ޖަމްއިއްޔާ އެކެވެ. ނަމަވެސް މިހާރު ޣައްޒާގައި އިސްރާއީލް އިން ހަނގުރާމަ ކުރަމުންދާ ހަމާސް އަދި އިސްލާމިކް ޖިހާދު މި ޖަމިއްޔާގައި ނުހިމެނެ އެވެ.